ޖިންނި ޝައިޠޯނުންގެ އުނދަގޫތައް ފޯރަމުން އަންނަ އަންހެނަކަށް 30 އަހަރު ފަހުން ޙަމަލާއެއް ދީފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ޖިންނި ޝައިޠޯނުންގެ އުނދަގޫތައް ފޯރަމުން އަންނަ އަންހެނަކަށް 30 އަހަރު ފަހުން ޙަމަލާއެއް ދީފި!

ޖިންނި ޝައިޠޯނުންގެ ބާރު މިހާރުވެސް ފައުޅުގައި މީސްތަކުންނަށް ފޯރުވާކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އެފަދަ ސުވާލުތައް އެއުފެދެނީ އެމީހަކު ދިރިއުޅޭ ސަރަޙައްދުން ނުވަތަ އެމީހަކަށް އެފަދަ ކަންކަން ނުފެންނާތީއެވެ. 

ޖިންނި ޝައިޠޯނުންގެ އުނދަގޫތަކާއި ފައުޅުގައި ކުރިމަތިލާންޖެހިފައިވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް އެބަތިއްބެވެ. މީގެ 30 ވަރަކަށް އަހަރުކުރިން މިފަދަ ކަމެއް ކުރިމަތިވި އަންހެނަކަށް ދިރިއުޅެލެވޭވަރުވީވެސް މާތް ﷲ ގެ ރަޙްމަތްފުޅުން އެތައް އަހަރެއް ވަންދެން ރުޤްޔާކޮށް ކުރި މަސައްކަތުންނެވެ. އެކަމަކު މީގެ ދެހަފްތާއެއްހައި ދުވަސްކުރިންވެސް ވަނީ ފާޚާނާއަށް ވަންނަން އުޅެނިކޮށް ޙަމަލާއެއް ދީފައެވެ. 

ފާޚާނާއަށް ވަންނަން ދޮރުހުޅުވާލިތަނުން ހޭނެތިގެން ވެއްޓުނީއެވެ. ހޭއެރީ އެތައް އިރެއް ފަހުންނެވެ. ހަށިގަނޑުގައި ހުރި އާދައާ ޚިލާފް ރިއްސުން މާތް ﷲ ވާގިފުޅުން ރަނގަޅުވީ ހަފްތާއެއްހައި ދުވަހު ރުޤްޔާކުރި ފަހުންނެވެ. އެކަމުން އެނގެނީ އަދިވެސް އެކުގައި ސަލާމަތް ނުވެވޭކަމެވެ. 

ހަށިރައްކަލަށް ކިޔަންޖެހޭ ޛިކުރުތައް ކިޔުމަށާއި ދުޢާކުރުން ގިނަކުރަންވީ މިފަދަ ކަންކަމުން ސަލާމަތްކުރެއްވެވުން އެދިގެންނެވެ. 

ގުޅުން ހުރި ލިޔުމެއް: 

މަދީނާ އާއި 30 ކިލޯމީޓަރުގެ ދުރުމިނިގައިވާ ޖިންނީންގެ ވާދީ "ވާދީ -ޖިންނި" އަކީ މިހާރުވެސް ޢަޖައިބުން ފުރިގެންވާ ކަންތައްތަކެއް ފެންނަމުން އަންނަތަނެކެވެ. ބުނެވޭ ގޮތުން އެވާދީން ރަސޫލް އާއި ޞަހާބީން ދަތުރުކުރައްވަމުން ވަޑައިގެންނެވިއެވެ. އެތަނުގައި ހުރި ފަތްނެތް ގަހެއް ދައްކާފައި "ކަލޭގެފާނަކީ ރަސޫލް ބޭކަލަކު ނަމަ އެގަސް ކަލޭގެފާނުގެ އިޝާރާތަށް ޙަރަކާތް ކުރުވަން ނުވަތަ ލަންބުވަން" ޔަހޫދީއަކު ދެންނެވިއެވެ. 

ރަސޫލް އިޝާރާތްކުރެއްވެވުމުން އެގަސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅަށް ލެބުނެވެ. ބުނެވޭ ގޮތުން އެގަހަކީ ގަހެއް ނޫނެވެ. ޖިންނިއެކެވެ. އޭނާ ވަޤުތުން އިސްލާމްވިއެވެ. 

އެވާދީން މިހާރުވެސް ފެންނަ ކަންކަމުގެ ތެރޭގައި ބިންމައްޗަށް ފެންއުޅުމުން ތިރިއަށް ފައިބައިގެން ނުގޮސް މައްޗަށް އެރުމާއި ދުއްވާފައިދާ ކާރުގެ ހުންގާނުގައި ޑްރައިވަރު އަތްނުލިނަމަވެސް އަމިއްލައަށް ކާރު ޙަރަކާތްކުރުމާއި ދުއްވާފައިދާ ސްޕީޑް ބާރުވެ120 ކިލޯމީޓަރާއި ހަމައަށްވެސް ބާރުވެގެން ދިއުން ފަދަ ކަންކަން ހިމެނެއެވެ. 

ސައިންސާއި ގުޅުވައި އެހެން އެވަނީ އެތަނުގައިވާ ފަރުބަދަތަކުގައިވާ ދަގަތްފާނުތަކުގެ ބާރުން ކަމަށް ބުނެއެވެ. ނަމަވެސް ސުވާލަކީ ކެނެޑާ އާއި އެމެރިކާގައިވާ ދަގަތްފާނު ފަރުބަދަތަކުން މިކަންކަން މިމިންވަރަށް ހިނގާހެއްޔެވެ؟ 

ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހަރެމެން ޤަބޫލުކުރަންވީ ޖިންނީންވެސް ދުނިޔޭގައިވާކަމެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ބާރުތަކުގެ ބޭނުންކޮށްގެން ކަންތައްތަކެއްވެސް ކުރަމުން ގެންދާ ކަމެވެ. މަސައްކަތްކުރަންވީ މިފަދަ ކަންކަމަށް ވިސްނައި އީމާންކަމާއި ތަޤްވާވެރިކަން އިތުރުކުރުމަށެވެ. 

- މައްލޫމާތު: ޤުރްއާން އެންޑް އިސްލާމް ޔޫޓިޔުބް ޗެނެލް

 

މިއަދު އޮންލައިން