އަހުރެންނަކީވެސް ހާސްވުމާއި ކަންބޮޑުވުންތަކުގެ ތެރޭގައި ދިރިއުޅެން ޖެހުނު އަންހެނަކީމެވެ. މައިގަނޑު ސަބަބަކަށްވީ ޢުމުރުން 22 އަހަރުގައި ކުރި ކައިވެންޏަށް 2 ދަރިން ލިބުނުތަނާ އެކަނިވެރިވާންޖެހުމެވެ. ދެމީހުން ބޭނުންވެގެން ހޯދި 2 ދަރިން އެކަނި ބަލަންޖެހުމެވެ. އެކަމުގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކެކެވެ.
ކޮންމެއަކަސް އަހުރެންނަކީ ކުޑައިރުންސުރެ އެއްވެސް ކަމަކުން އަމިއްލައަށް އިސްތިޢުފާދޭން ބޭނުންވާ އަންހެނަކީމެއް ނޫނެވެ. އެހެންވެ އެޙާލަތުގައިވެސް މަސައްކަތްކުރީ މާޔޫސްނުވެ ކުރިއަށްދާށެވެ. އެހެންވެ އަހުރެންނަށް ކުރިމަތިވި ޙާލަތު ކުރިމަތިވެ އެކަނިވެރިވެފައި ތިބޭ ގިނަ ބައެއްގެ ކިބައިން އެމީހުން ކަންކަންކުރާގޮތް އޮޅުންފިލުވީމެވެ.
އެއިރު އަހުރެންނަކީ މުސްލިމެއް ނޫނެވެ. އެކުވެރިންގެ ތެރޭގައި ހުރިހާ ދީންތަކެއްގެ މީހުންވެސް އުޅެއެވެ. އެހެންވެ އެމީހުން ކުރާ ކަސްރަތުތައްވެސް ދަސްކުރީމެވެ. އެކަސްރަތުތައްވެސް ކުރަންފެށީމެވެ.
މިހެން އުޅުމުގެ ތެރޭގައި އެއްދުވަހަކު ވާހަކަ ދެކެވުނު މުސްލިމް އެކުވެރިއަކު ބުންޏެވެ. "އަހުރެން ފަތިހު ހިނގާލުން ފިޔަވައި ކަސްރަތުކުރާކަށް އިތުރު އެއްވެސް ކަމެއް ނުކުރަމެވެ. އަޅުކަން ކުރީމާ ހުރިހާ ކަސްރަތަކަށް ފުދެއެވެ. އަދި ލިބޭ އެންމެ ބޮޑު ފައިދާއަކީ ސްޓްރެސް ފިލުމުގެ އިތުރުން އަހުރެންނަށް ސުވަރުގެދާން މަގުފަހިވާ ކަމެވެ."
މިވާހަކައަށް އަހުރެންނަށް ގަޔާވެވުނެވެ. އޭނާ އަޅުކަންކުރާ ގޮތް ބެލީމެވެ. ދަސްކުރީމެވެ. އަހުރެންނަށްވެސް ވިސްނުނީ އެއީ ހަމަ ވަރަށް ރަނގަޅު ކަސްރަތުތަކެއް ކަމަށެވެ. އެހެންވެ އަހުރެންވެސް ނަމާދުކުރަންފެށީމެވެ. (ނަމާދުގައި އެކުވެރިޔާ ކުރާ ޙަރަކާތްތައް ހަމަ އެގޮތަށް ކުރަންފެށީމެވެ.) އަދި ނަމާދުކުރުމުގަ އެކުވެރިޔާއަށްވުރެ ކުރިއަށްވެސް ދިއައިމެވެ. އެއީ އަހުރެންގެ ނަމާދު ދިގުރާތީއެވެ.
ދުވަސްކޮޅެއްވީއިރު އެކުވެރިޔާ އެދެއްކި ވާހަކަތައް ޤަބޫލުކުރެވިއްޖެއެވެ. ހަމަ ޙަޤީޤަތުގައިވެސް އެކިޒާތުގެ މެޑިޓޭޝަންތަކުން ކުރާ ފައިދާއަށްވުރެ އެކަމުން އަހުރެންނަށް ކުރި ފައިދާ މާބޮޑުކަން ޔަޤީންކުރެވުނެވެ.
އެހެން އުޅެނިކޮށް އެއްރޭ ނިދަން އޮއްވާ ހިތަށް އެރިއެވެ. އަހުރެންގެ ނަމާދުތައް ދިގުކުރިނަމަވެސް އެކުވެރިޔާ މާބޮޑު ފައިދާއެއް އެބަހޯދައެވެ. (ސުވަރުގެ ދިއުން) އަހުރެންވެސް ސުވަރުގެހޯދާނަމެވެ. އެކުވެރިޔާއަށްވުރެ ބޮޑު ސުވަރުގެއެއްވެސް ހޯދާނަމެވެ.
އެވިސްނުމުގައި 2، 3 ދުވަހު ހުރެފައި އިސްލާމް ދީނުގެ ކަންކަން ދިރާސާކުރަން ފެށީމެވެ. ޤުރުއާނުގެ ތަރުޖަމާ ކިޔައި ނިމުނުއިރު ވިސްނުން ހުރީ އެފޮތުގައިވާ ކަންކަމަށް ގޮސް ހުސްވެފައެވެ. ދެން އެކުވެރިޔާގެ އެހީތެރިކަމާއިއެކު މިސްކިތަށް ގޮސް އިސްލާމްވީއެވެ.
އިސްލާމްވި މަޖިލީހުގައި ވަރަށް ޚާއްޞަ ކަމެއް ހިނގިއެވެ. އެތަނުގައި އިން ފިރިހެނަކު އަހުރެންނަށް ކަޅިޖަހާނުލައި ބެލީއެވެ. ރަސްމިއްޔާތު ނިމިގެން އޭނާގެ ކުރިމަތީގައި ހުއްޓިފައި އެވަރަށް ބެލީ ކީއްވެގެންތޯ ސުވާލުކުރީމެވެ. އޭނާ ފާޑަކަށް ލަދުން އިނދެފައި ބުނީ ރީތިވީމާ ބެލުނީ ކަމަށެވެ. އެހެން ބުނާއިރަށް އިމާމް އެކަމާއި ބެހިގެންފިއެވެ. ބުންޏެވެ. "ތިއަހާ ރީތިއްޔާ ކައިވެނިކުރަންވީ ނޫން ހެއްޔެވެ؟"
އެހެން ބުނާއިރަށް އޭނާ ބުނެފިއެވެ. "މީނާ ރުހެނިއްޔާ މިހުރީ ކައިވެނިވެސް ކުރާށެވެ!" އިމާމް ބުންޏެވެ. "ދެމީހުންވެސް ވިސްނާށެވެ! މިހާރު މިވަޤުތު ކަންކަން ނުނިންމާށެވެ! ރަނގަޅަށް ވިސްނާފައި އަންނަ ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށް ދެމީހުންވެސް މިސްކިތަށް އަންނާށެވެ!"
އަހުރެން ހިތަށް އެރިއެވެ. "އަނެއްކާ މިއީ ކޮން މިޒާޖެއްގެ މީހެއްބާވައެވެ! ކޮންމެ މިޒާޖެއްގެ މީހަކަށްވިޔަސް ވަރިހަމައެވެ. މިޙާލު މިޖެހުނީ މިޒާޖަށް ބަލައި ލޯބިވެގެން ކައިވެނިކުރީމާ ނޫން ހެއްޔެވެ؟ ކޮންމެ މިޒާޖެއްގެ މީހަކަށް ވިޔަސް ހަމަ ޤައިމުވެސް އަހުރެން އިސްތިޢުފާއެއް ނުދޭނަމެވެ. ދާނީއެވެ."
އެހެންވެ ހުކުރު ދުވަހު ގޮސް ނަމާދުކޮށް ނިމިގެން އިމާމް އާއި ބައްދަލުކުރަން ދިއައިރު އެމީހާވެސް އިނެވެ. އެހިސާބުން އިމާމް މީހާ ބައިގަޑިއިރުވަންދެން ދެމީހުންނަށް ނަޞޭޙަތް ދީފައި ކައިވެނިކޮށްދީފިއެވެ.
ދެން ކަންކަން ވީގޮތްވެސް ބުނާނަމެވެ. އޭނާއަކީވެސް 2 ދަރިން ތިބި އެކަނިވެރި ބައްޕައެކެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. އެމިސްކިތަށް ޚަރަދުކުރަނީވެސް އޭނާއެވެ. އެކައިވެނި މަތީގައި މިހާރު 16 އަހަރުވީއެވެ. ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރެވެ. މިވަރުން ފުދޭ ނޫން ހެއްޔެވެ؟
- އައިރީނާ
ވިސްނަވައިލައްވާށެވެ! އޭނާ ހުރީ ކާފިރަކަށެވެ. އެކަނިވެރި މައަކަށެވެ. އެކަމަކު ލިބިގެން އެދިއައީ ދެދުނިޔެއެވެ. އިސްލާމް ވުމުންނާއި ހެޔޮލަފާ ތަނަވަސް ބައިވެރިއަކު ލިބުމުންނެވެ.
ދެވަނަ ކަމަކަށް ވިސްނަވައިލައްވާށެވެ! އޭނާކުރަންފެށީ ނަމާދެއް ނޫނެވެ. ނަމާދުގައި ކުރާ ޙަރަކާތްތަކެވެ. ޘަވާބުހޯދާކަށްވެސް ނޫނެވެ. ސްޓްރެސް ފިލުވާށެވެ. ވީއިރު އަހުރެމެންނަށް ކަންކަން ކުރިމަތިވުމުން ޘަވާބު ހޯދާށާއިއެކު ނަމާދުކުރެވޭނަމަ ލައްވަވާނެ ރަޙަމަތް ހިތަށް ގެންނާށެވެ.