އައްސަލާމް އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު
ލޮބުވެތި ޢިއްޒަތްތެރި އަޚުންނާއި އުޚްތުން! އަޅުގަނޑުމެން ކޮންމެ އިންސާނަކީވެސް ދަތުރެއްގެ މަތީގައި ތިބި ބައެއް. އަޅުގަނޑުމެން ރުހުނަސް އަދި ނުރުހުނަސް އަޅުގަނޑުމެންނާ އެކުގަ އަޅުގަނޑުމެންގެ ޙަޔާތުގެ ނައު ދަނީ ދަތުރުކުރަމުން. ކޮންމެ ވަގުތެއްގައިވެސް މި ޙަޔާތިގެ ދަތުރު ހުއްޓާލާ އަޅުގަނޑުމެން މި ޙަޔާތާ ވަކިވާން ޖެހިދާނެ. އެއީ އަޅުގަނޑުމެން ބޭނުންވީމަ އަޅުގަނޑުމެންނަށް ހުއްޓާލާފައި ބޭއްވޭ ދަތުރެއް ނޫން. އެއްދުވަސް އަނެއް ދުވަހަށް ވުރެ އަޅުގަނޑުމެންގެ ޙަޔާތުގެ ނިމުމާ އަޅުގަނޑުމެން މިދަނީ ގާތް ކުރަމުން.
އެހެންވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔޭގެ ޙަޔާތް ސިފަ ކުރައްވާފައިވަނީ އަވިގަދަ ދުވަހެއްގައި ދަތުރު ކޮށްފައި ދިޔަ މީހަކު ހިޔާ ބޮޑު ގަހެއްގެ ދަށުގައި، ގަހެއްގެ ހިޔަލުގައި މަޑުކޮށްލި ކުޑަކުޑަ ހިނދުކޮޅެއްގެ ގޮތުގައި. --- އަވިގަދަ ދުވަހެއްގައި ދަތުރު ކޮށްފައި ދިޔަ މީހަކު އެ ގަހުގެ ހިޔަލުގައި ހިނދުކޮޅަކު މަޑުކޮށްލާފައި ދިޔަ މީހެއް ފަދައޭ ދުނިޔޭގެ ޙަޔާތުގައި ތިމަންކަލޭގެފާނުގެ މިސާލަކީ.
އަޅުގަނޑުމެން ދުނިޔޭގައި ކިތަންމެ ގިނަ ދުވަހެއް ހޭދަކުރިކަމުގައި ވިޔަސް، ކިތަންމެ ދިގު އުމުރެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވިޔަސް، އަޅުގަނޑުމެންގެ ޙަޔާތަކީ މި ގަސްދަށުގައި އިންސާނާ މަޑުކޮށްލާ ކުޑަކުޑަ ހިނދުކޮޅު. އެހެންވީމަ އަޅުގަނޑުމެން ކޮންމެ އިންސާނަކުވެސް ވާންޖެހޭނީ މި ޙަޔާތުގެ ދަތުރު ކޮންމެ ދުވަހެއްގައި ނިމުނު ކަމުގައި ވީނަމަވެސް، އެދަތުރުން ހެޔޮ ފައިދާ ލިބިގަންނަ މީހަކަށް.
އެހެންވެގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދަކީ އަޅުގަނޑުމެންނަށް އައިއްސަ އޮތް ބަސްފުޅަކީ ދުނިޔޭގަ ތިބާއަކީ ބިރައްޓެހި މީހެއްކަމުގައި ވާށެވެ. ދުނިޔޭގައި ތިބާ ބީރައްޓެއްސެއް ފަދައިން ވާށެވެ.
އޭގެ މާނައަކީ އިންސާނާ އެތާންގައި ވަޒަންވެރިވެ ތާއަބަދު އެތަނުގައި ދިރިއުޅޭނެ މީހެއް ނޫނެވެ. އެހެނަސް ދުނިޔެއަކީ އަޅުގަނޑުމެން ތާއަބަދުގެ ގޯއްޗަކަށް ދިޔުމަށްޓަކާ އެ ގޯތީގައި މަތީ މަޤާމުތައް ހޯދުމަށްޓަކާ އަޅުގަނޑުމެން ދަނޑުގޮވާން ކުރާ ބިމެއްފަދަ ތަނެއްގެ ގޮތުގައި ދުނިޔެއާ މެދު އަޅުގަނޑުމެން ދެކެންޖެހޭނީ. އެވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިފިކަމުގައި ވާނަމަ ދާއިމީ ގޮވެއްޗެއްގައި ނިމުމެއް ނުވާ ޙަޔާތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުން ލިބިގެން އަޅުގަނޑުމެން އެ ޙަޔާތުގަ ދިރިއުޅޭނެ. އެހެންނަމަވެސް ދުނިޔޭގެ މި ކުޑަކުޑަ ވަގުތުގެ ލައްޒަތަށް އަޅުގަނޑުމެން ހެއްލިއްޖެކަމުގައި ވާނަމަ ދުނިޔޭގެ ޙަޔާތާ އަޅުގަނޑުމެން ފިސާރި އަވަހަށް ވަކިވާންޖެހޭނެ. އަދި އުޚުރަވީ ޙަޔާތުގައިވެސް އެއްވެސް ޙާލަތެއްގައި އެ އިންސާނާއަކީ ރަޙްމަތެއް މަދަދެއް އެހީތެރިކަމެއް ލިބޭނެ ކާމިޔާބުގެ އަހުލުވެރިއެއްކަމުގައި ނުވާނެ.
އެހެންވީމާ ޙަޔާތުގެ ޙަޤީގަތާމެދު ވިސްނާ ފިކުރުކޮށް މި ޙަޔާތުގަ މި ހޭދަކުރާ ކުރު ދުވަސްވަރުގަ މި ޙަޔާތުގެ ދަތުރު ހެޔޮގޮތުގައި ހޭދަކުރުމަށްޓަކާ އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭ.
- ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު