ވަޒީފާގަ އެހެން ރަށެއްގަ ހުންނައިރު ކޮންމެ ރެއަކު ދަމުނަމާދަށް ހޭލައްވާ ޒުވާން އަންތބެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ވަޒީފާގަ އެހެން ރަށެއްގަ ހުންނައިރު ކޮންމެ ރެއަކު ދަމުނަމާދަށް ހޭލައްވާ ޒުވާން އަންތބެއްގެ ވާހަކަ-

ދަރުސްއަށް ފެށުމުގެ ކުރިން ކިޔުންތެރިއަކު ބުނެފައިވާ ބަސްކޮޅެއް ފާހގަކޮށްލާނަމެވެ.  

"އަހުރެން މަސައްކަތްކުރަނީ ބ އަތޮޅު ރަށެއްގައެވެ. އަނބިދަރިން ތިބީ އައްޑޫސިޓީގައެވެ. އަނބިމީހާއަށް އަދި 35 އަހަރުވެސް ނުވެއެވެ. ކައިވެންޏަށް 6 އަހަރެވެ. އެކަމަކު ވަޒީފާގަ މިހުންނައިރު ކޮންމެ ރެއަކު 3.30 ގައި އަނބިމީހާ ފޯނުކުރެއެވެ. ހޭލައްވައެވެ. ދަމުނަމާދުކޮށްލައި ފަތިސްނަމާދުކުރަންޖެހޭކަން ހަނދާންކޮށްދެއެވެ. މި ބޮޑު ނަޞީބު އަހުރެންނަށް ލިބުނީ ބޭރުފުށުގެ ސިފައަށް ނުބަލައި ދީންވެރިކަމަށް ބަލައިގެން ކައިވެނިކުރީތީއެވެ."  

ކޮމެންޓެއް ކުރާކަށް ނެތީމެވެ. ދައްކަންހުރީ ތިރީގައިވާ ދަރުސްގައި ހުރި ވާހަކަތައް ވީމައެވެ.  

ދަރުސް:  

އިންސާނުންގެ ޙަޔާތުގައި އެންމެ މުހިންމު މަރުޙަލާއަކީ ޙަޔާތުގެ ބައިވެރިއަކު ހޯދުމުގެ މަރުޙަލާއެވެ. އެހެނީ އެއީ ދިރިއުޅުމުގެ ބިންގަލެވެ. ދުނިޔެއާއި އާޚިރަތް ބާއްޖެވެރިކުރުމުގެ މަގެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމުގައި ކުރިއަށްދާން އޮތް މަގެވެ.  

އިންސާނުން ކައިވެނިކުރަނީ ތަފާތު ބޭނުންތަކަށެވެ. އެއިގެ ތެރެއިން އެންމެ ގިނަ ބައަކު ކައިވެނިކުރަނީ ދުނިޔެއިން އުފާވެރިކަން އެދިގެންނެވެ. އެފަދަ މީހުންނަށް އެމީހުންގެ މަޤްޞަދު ޙާޞިލުކުރެވުން ގާތީ ޖީބުގައި ތަނަވަސްކަންހުރި ބައިވެރިން ހޯދައިގެންނެވެ.

ކޮންމެއަކަސް ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކުރަން ބޭނުންވާނެ އެއްކަމަކީ ޙަޔާތަށް ވީހައި ރަނގަޅު  ބައިވެރިއަކު ހޯދުމެވެ. އެކަމަށް އެދޭނަމަ މަސައްކަތް ކުރަންވީ ޖީބު ތަނަވަސް ބައިވެރިއަކު ހޯދުމަކަށް ނޫނެވެ. ތިމާއަށްވުރެ ތަޤްވާވެރި ފިރިއަކު ނުވަތަ އަންތބަކު ހޯދުމަށެވެ.  

ގިނަބައެއްގެ ތަޖުރިބާއިން އެނގެނީ ހަމައެކަނި ޖީބުގެ ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރުމުން ދުނިޔެވެސް އަދި އާޚިރަތްވެސް ގެއްލިގެންދާކަމެވެ. ވީމާ އެއީ ވިސްނަންޖެހޭނެ ކަންކަމެވެ.  

އިސްލާމް ދީނަށް ޢަމަލުކުރާ ކޮންމެ މުސްލިމަކީވެސް ތަޤްވާވެރިއެކެވެ. ތަފާތުވަނީ އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުންނަ މިންވަރެވެ. އެހެންކަމުން ޙަޔާތުގެ ބައިވެރިއަކު ހޯދާއިރު  ތިމާއަށްވުރެ ތަޤްވާވެރިކަން ބޮޑު ބައިވެރިއަކު ހޯދައިފިނަމަ އެމީހަކަށް މަގުދައްކައިދޭނެއެވެ. އިސްލާމް ދީނުގައި ސާބިތުވުމަށާއި ހެޔޮ އަމަލުތައް ކުރުން އިތުރުކުރުމަށް ހިތްވަރުދީ މަގުދައްކައިދީ އެހީތެރިވާނެއެވެ.  

ބަލަންވީ ފިހާރަތަކަށް ގޮސް އެންމެ ގިނަ ތަކެތި ހޯދައިދޭނެ މީހަކަށް ނޫނެވެ! އެތަކެތި ތަންކޮޅެއް މަދުން ލިބުނު ނަމަވެސް ފުދޭނެއެވެ. ނަމަވެސް ހެޔޮ އަމަލުކުރުން މަދުވެގެން ފުދޭކަށް ނެތެވެ. އާޚިރަތް ދުވަހު ސަލާމަތްކަން ލިބޭނީ ތަޤްވާވެރިކަން އިތުރުކޮށް ހެޔޮ އަމަލުތައް ކުރިވަރަކުންނެވެ. ވީމާ ގަނެ ފުރަންވީ އާޚިރަތަށް ގެންދާނެ މުދަލެވެ.  

ދުނިޔޭގައި މިއުޅޭއިރު ކިތަންމެ އަގުބޮޑު މަރުކާތަކުގެ ފޭރާން ލައި ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައި އުޅުނު ނަމަވެސް އަދި ކިތަންމެ އަގު ބޮޑު ކެއުން ކައި އުޅުނު ނަމަވެސް އެކަމުން އާޚިރަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އަދި ކިއެއްތަ އެކަންކަމަކީ އަޒާބުލިބޭނެ ކަމަކަށްވެސް ވެދާނެއެވެ. އިސްރާފް ކުރުމުގެ ތެރޭގައި ހިމެނިގެންނެވެ.  

ދުނިޔޭގައި ލައި އުޅުނީ އެންމެ އަގުބޮޑު ފޭރާމެވެ. ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ ލާން ޖެހޭނީ ނަރަކައިގެ އެ ހޫނުގަދަ އަލިފާނުގެ ހޫނުމިން އެތައް ގުނައަކަށް އިތުރުވާނެ އަލިފާނުގެ ފޭރާމެވެ. ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައި އުޅުނު ނަމަވެސް ނަރަކައަށް ވަންނަން ޖެހިއްޖެނަމަ އިޙްޞާޞްކުރަން ޖެހޭނީ ނަރަކައިގެ އަހުލުވެރިންގެ ހަށިތަކުން ފައިބާ ކުނި ދޮސްތަކުގެ ނުބައިވަހެވެ. އަދި ކިތަންމެ އަގު ބޮޑު ކެއުން ކައި އުޅުނު ނަމަވެސް ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ކާންޖެހޭނީ ނުބައިކަން ބޮޑު ޒައްޤޫމެވެ. ބޯން ޖެހޭނީ ނަރަކައިގެ އަހުލުވެރިންގެ ފާރުތަކުން ފައިބާ ފާދިޔައާއި ދޮހެވެ! އަދި ކިއެއްތަ! ކިތަންމެ ވަރަކަށް ބުއި ނަމަވެސް ބަނޑެއްވެސް ބޮޑެއް ނުވާނެއެވެ! ކަރު ހިއްކުމެއްވެސް ނުފިލާނެއެވެ!  

ވީމާ ހަޔާތުގެ ބައިވެރިއަކަށް ހޯދަން ޖެހޭނީ ތިމާ ނަރަކައިން ސަލާމަތް ކޮށްދޭނެ ބައިވެރިއަކުކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން