ބިދުޢަވެރި ކަންކަން އުފެއްދުމުގެ ނުބައިކަން ޙަދީޘުން

ކިޔުމަށް ހޭދަވާނީ 5މ 56ސ
ބިދުޢަވެރި ކަންކަން އުފެއްދުމުގެ ނުބައިކަން ޙަދީޘުން

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ، وَإِنْ عَبْدًا حَبَشِيًّا، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ

މާނައީ: "ﷲއަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ވެރިއަކަށް ޙަބަޝީ އަޅަކު އިސްކުރެވުނުކަމުގައި ވިޔަސް އަޑުއަހައި ކިޔަމަންވާށެވެ. ފަހެ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފަހު، ތިޔަބައިމީހުން ކުރެ ދިރިހުރެއްޖެމީހަކު ދަންނައެވެ. އޭނާއަށް ގިނަ އިޚްތިލާފުތައް ފެންނާނެއެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ތިޔަބައިމީހުން ހިފާށެވެ. ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ގަދައަށް ހިފަހައްޓާށެވެ. އަދި އަލަށް އުފެދޭ ކަންކަމާމެދު (ބިދުޢަތަކާމެދު) ރައްކާތެރިވެ ތިބޭށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."

ބިދުޢީ ކަންކަން އުފެދުމުގެ ސަބަބުން އިސްލާމީ އުއްމަތަށާއި މުސްލިމުންނަށްވެސް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވެއެވެ. އެގޮތުން:

ފުރަތަމަ ކަމަކަށް މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފެދުމެވެ.

އެގޮތުން ރަސޫލާގެ ފަރާތުން އައި ކަމެއް ކަމަށް ބުނެ ނުވަތަ ރަސޫލާގެ ފަރާތުން އައި ބަސްފުޅެއް ކަމަށް ބުނެ، އިސްލާމްދީނުގައި އޮތް ކަމެއް ކަމަށް ބުނެ އާ ކަންކަން އުފެއްދުމުގެ ސަބަބުން ބައެއް މީހުން އެކަން ޤަބޫލުކޮށް އަނެއްބައި މީހުން އެކަން ޤަބޫލުނުކުރެއެވެ. އޭގެ ސަބަބުން މުސްލިމުންގެ ތެރޭގައި މައްސަލަތައް އުފެދެން ފަށައެވެ.

ނަމަވެސް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި މުސްލިމުން އަބަދުވެސް އެއްބައިވެ އެކުވެރި ބައެއްގެ ގޮތުގައިވުމަށް އަންގަވާފައިވެއެވެ.  

ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ﴿١٠٣﴾‏

މާނައީ: "ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ. (103)"

 

މިއަދު އޮންލައިން