ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދުނުކުރުމުން ކުރިމަތިވާ މައްސަލަތަކާއި އެކަމުން ތިމާ ފާފަވެރިވެރިވާނެ ކަމުގެ ވާހަކަ ދެއްކުމުން އެނުބައި ޢަމަލުކުރާ ގިނަ ބައަކު ރުޅި އައުދެއެވެ. އެމީހުންނަށް ވިސްނެނީ އެމީހުންގެ ޒާތީ ކަންކަމުގެ ޥާހަކަ ދައްކައި އެއްޗެތި ގޮވަނީ ކަމަށެވެ. ނަމަވެސް އެއީ އަރާ ވަރަށް ބޮޑު އޮޅުމެކެވެ. މިކުރެވޭ ކަމަކީ ހަމަ އެމީހުންނަށް އެހީތެރިވުމެވެ.
ވިސްނާށެވެ! ދަރިފުޅުގެ ޢުމުރުން 18 އަހަރުވުމުން ކެނޑިގެންދާނީ ދަރިންނަށް ކުރަންޖެހޭ ޚަރަދެވެ. އެއީވެސް ފިރިހެން ދަރިންނަށެވެ. އަންހެން ދަރިން ކައިވެނިކުރަންދެން ތިބޭނީ ބައްޕަގެ ބެލެނިވެރިކަމުގެދަށުގައެވެ. ވިސްނަން މިބުނަނީ 18 އަހަރުވުމުން އިތުރަށް ޚަރަދުކުރަން ނުޖެހުނަސް އެހައިތަނަށް ކުރަންޖެހޭ ޚަރަދު ނުކުރުމުގެ ފާފައިން ސަލާމަތް ނުވެވޭނެތީއެވެ.
18 އަހަރުގެ ވާހަކަ މިބުނަނީ ކޮންމެހެން ޤާނޫނަށް ބަލައިގެނެއްވެސް ނޫނެވެ! ކުއްޖާއަށް އެއްޗެއް އެނގި ވަޒީފާ ލިބި އާމްދަނީ ލިބެން ފަށާނެ ޢުމުރަށް ބަލައިގެންނެވެ. އެހައިތަނަށް ދަރިންގެ ޚަރަދުތައް ބެލެހެއްޓުމަކީ ބައްޕަގެ މައްޗަށް އޮތް ވާޖިބަކަށްވާތީއެވެ. މިފަދަ ވާހަކަތައް މިދައްކަނީ ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުނުކުރުމުގެ ބޮޑު ފާފައިން ބައްޕައިން ސަލާމަތްކުރުވޭތޯއެވެ. އެމީހުންނަށް ހެޔޮއެދޭތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން