ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާ ޛިކުރުތައް ކިޔުން ގިނަ ކުރުމުން ލިބޭ އެންމެ ބޮޑު ފައިދާ ކަމަށް އަހުރެން ބުނާނީ ޝައިޠޯނާއަށް އެމީހަކާއި ކައިރިނުވެވޭނެކަމެވެ. ޝައިޠޯނާއަށް އެމީހަކާއި ކައިރިނުވެވޭނަމަ އެމީހަކު ލައްވައި ފާފައެއް ނުކުރުވޭނެއެވެ. އަދި އަޅުކަންކުރުމަށް ހުރަހެއްވެސް ނުއެޅޭނެތީއެވެ.
ވަކި މީހެއް ނޫނެވެ. ކޮންމެ އިންސާނަކު ނަމަވެސް ދިރިހުރިހާ ދުވަހަކު ޝައިޠޯނާ އެމީހެއްގެ ފަހަތުން ވިއްދައިގެން ޝައިޠޯނާ އުޅޭނެއެވެ. ކިރިޔާ ފުރުޞަތެއް ލިބުނަސް އަވަސް އަވަހަށް ކައިރިވެގަންނާނެއެވެ. އޭތީގެ މަޤްޞަދު ޙާޞިލްކުރަން މަސައްކަތްކުރާނެއެވެ.
އިންސާނާ އުފަންވީންސުރެ އޭނާއާއިއެކު ޝައިޠޯނާވެއެވެ. އޭނާ ލައްވައި ފާފަކުރުވަން މަސައްކަތްކުރެއެވެ. އެހެނަސް އެމީހަކު ﷲ ތަޢާލާ ހަނދުމަކުރުމުން އެމީހާ ދޫކޮށްދުރަށްދެއެވެ. އެމީހަކީ ﷲ ހަނދުމަނުކުރާމީހަކު ކަމުގައިވެއްޖެނަމަ އެމީހަކާއިއެކު ޝައިޠޯނާ ލައްލަވަވައެވެ. އެމީހާގެ ހިތަށް ޝައިޠޯނާ ވެރިވެގަނެއެވެ.
ގިނަގިނައިން ޛިކުރުކޮށް ﷲ ތަޢާލާ ހަނދުމަކުރާ މީހަކުކަމުގައިވާށެވެ! އެއިރުން އެމީހެއްގެ ހިތުން ޝައިޠޯނާއަކަށް ޖާގައެއް ނުލިބޭނެއެވެ. ޝައިޠޯނާގެ ވަސްވާސްތަކުގެ ސަބަބުން ފާފައެއް ކުރެވުނު ނަމަވެސް ފާފަކުރެވުމާއިއެކު ހިތުގައިބިރުވެރިކަން އުފެދި ތައުބާވުމަށް އަވަސްވެގަނެވޭނެއެވެ.
ފާފަކުރެވުން ގިނަވެ ފާފަކުރަން ބިރުވެތިނުވެވެނީ ﷲ ތަޢާލާގެމަތިން ހަނދުމަނުކުރެވޭތީއެވެ. ﷲ ތައާލާގެ މަތިންް ހަނދުމަނެތި ގިނައިރުވާފަދަ ކަންކަން ނުކުރާށެވެ. އެފަދަ ކަންކަމުގައި ބައިވެރިވެސް ނުވާށެވެ! އެހެނީ ﷲ ތަޢާލާގެމަތިން ހަނދުމަނުކޮށް ގިނައިރުވުމުން އެމީހެއްގެ ހިތަށް ވެރިވެގަތުމަށް ޝައިޠޯނާއަށް ފރުޞަތުލިބި މަގުފަހިވެގެންދެއެވެ.
ވާހަކަދއްކާއިރު ގިނަގިނައިން އަލްޙަމްދުލިﷲ، މާޝާﷲ، އިން ޝާ ﷲ ފަދަ ކަލިމަތައް ބޭނުންކުރާށެވެ! އެކަލިމަތަކީ ހަމައެކަނި ދުލުންކިޔާ އެއްޗަކަށްނުހަދައި ހިތުންކިޔާއެއްޗަކަށް ނުހަދާށެވެ! މީހަކު ނުބައިބަހެއް ބުނެފިނަމަ ވިއްދައިގެން އަޢޫޛްބިﷲ ކިޔައި ޝައިޠޯނާގެކިބައިން ރައްކައުތެރިކަމަށް އެދޭށެވެ! ގިނަގިނައިން އަޢޫޛް ކިޔުމަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްކަން ލިބޭކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން