ތިމާއަށްވުރެ ކުރިން ފރިމީހާ ނިޔާވެއްޖެނަމަ ކުރާނެ ދުޢާއަކަށް ބައެއް ކިޔުންތެރިން އެދިލައްވައެވެ. އެގޮތަށް އެދިލައްވަނީ ފިރިމީހާގެ ބައްޔަށް ޝިފާއެއް ނުލިބި ގިނަދުވަސްތަކެއްވުމުން ޝިފާ ލިބޭނެ ކަމުގެ އުންމީދު ނެތިދިއުމުންނެވެ.
އެހެންވެ މިގެނެސްދެނީ އެޙާލަތުގައި ކުރަން ފެންނަން އޮތް އެންމެ ރަނގަޅު ދުޢާ އެވެ. އިން ޝާ ﷲ
އައްރަޙީޤުލް މަޚުތޫމުގައި، ޞަފިއްޔުއް ރަޙްމާނު މުބާރަކުޕޫރީ ލިޔުއްވައިފައިވެއެވެ. މިދެންނެވުނު ސަރިއްޔާ ހިނގައިފައިވަނީ ހިޖުރައިން ހަތަރުވަނަ އަހަރުގެ މުހައްރަމު މަހަށް ހަނދުބެލުމުގެ ކުރީންނެވެ. أبو سلمة رضى اللّـه عنــه މި ހަނގުރާމައިން ވަޑައިގެންނެވިތާ ގިނަދުވަސްތަކެއް ނުވަނީ އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. އެއީ އުޚުދު ހަނގުރާމައިގައި އެކަލޭގެފާނުގެ އަތްޕުޅަށް ލިބިވަޑައިގެންނެވި ޒަޚަމު އިތުރަށް ގޯސްވެ އާލާސްކަންފުޅު ބޮޑުވެގެންނެވެ. أم سلمة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ "
މާނައީ: "ތިޔަބައިމީހުން ބަލިމީހެއްގެ ގާތަށް ނުވަތަ މައްޔިތެއްގެ ގާތަށް ހިނގައްޖެނަމަ ހެޔޮ ބަހެއް މެނުވީ ނުބުނާ ހުށިކަމެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުންގެ ދުޢާއަށް މަލާއިކަތްބޭކަލުން އާމީން ވިދާޅުވާ ހުއްޓެވެ".
أم سلمة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. أبو سلمة رضى اللّـه عنــه އަވަހާރަވުމުން ތިމަންކަމަނާ މާތް ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވީމުއެވެ. [އޭ މާތްﷲ، ގެ ރަސޫލާއެވެ. އަބޫސަލަމަތުގެފާނު އަވަހާރަވެއްޖެއެވެ.] މިހެން ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ކަމަނާ މިފަދައިން ވިދާޅުވާށެވެ.
اللَّهُمَّ اغْفِرْ لِي وَلَهُ وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً"
މާނައީ: އަޅުގެ ވެރިރަސްކަލާކޮ! އިނބަރަސްކަލާނގެ މި އަޅާ އާއި އޭނާގެ ފާފަ ފުއްސަވާނދޭވެ. އަދި އޭނާއަށްފަހުގައި މި އަޅާއަށް އެއަށްވުރެ ހެޔޮ ބަދަލެއް ދެއްވާނދޭވެ.]
أم سلمة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. ފަހެ މާތްﷲ، أبو سلمة އަށް ވުރެ ހެޔޮ ބަދަލު ތިމަންކަމަނާއަށް ދެއްވިއެވެ. އެއީ މުޙައްމަދު ތިމަންކަމަނާއާ ކައިވެނި ބެއްލެވުމެވެ.]) ރިޔާޟުއްޞާލިހީން، ތަރުޖަމާ އަޙްމަދު ފާރޫޤު މުޙައްމަދު، ޞަފްޙާ 860، ޙަދީޘް ނަންބަރު 920(
- ޢަލީ އިޙްޞާން ފިރާޤްގެ ލިޔުމަކުން