ލޯބިވެގެން އެތައް ދުވަހަކު އެކުގައި އުޅެފައިވެސް ކައިވެނިކުރާތަނުން މައްސަލަތައް ގިނަވެ ކައިވެނި ރޫޅާލަންޖެހުން ގިނަވެއްޖެއެވެ. އަދި އެކުގައި އުޅެ ދަރިން ލިބޭތަނުން ދެމީހުން ދުރުވާންޖެހުންވެސް ގިނަވެއްޖެއެވެ.
މިކަންކަން މިގޮތަށްވަމުން މިދަނީ ކައިވެނިކުރުމުގެ ކުރިން ލޯބިވެ ކުރެވޭ ޢަމަލުތަކުގެ ސަބަބުންކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ. ސަބަބަކީ ނުބައި ކަންކަން ކުރެވުމުން ދެމީހުންގެ ގުޅުމުގެ ނުވަތަ ކައިވެނީގެ ބަރަކާތް ކެނޑިގެން ދިއުމެވެ. އެއީ މެދުވެރިވާނެ ކަމެކެވެ.
ވީމާ ޒަވާޖީ ޙަޔާތް އުފަލުގައި ހޭދަކުރަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ދެމީހުންގެ ގުޅުން ޠޯހިރުކުރަން އެބަޖެހެއެވެ. ރިވެތި ގޮތުގައި ތިބެ ކައިވެނިކުރަން އެބަޖެހެއެވެ. ބިންގާ ރަނގަޅުކޮށް ވަރުގަދަކުރަން އެބަޖެހެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ރަށްޓެހިވެގެން އުޅުން:
އިސްލާމް ދީނުގައި ހިލޭފިރިހެނާކާއި އަންހެނަކު އެކަހެރިވުން ހަރާމް ކުރައްވާފައި ވަނީ އެދެމީހުންގެ ތެރެއަށް ޝައިޠާނާ ވަންނާނެތީއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ.
"مَا خَلَا رَجُلٌ بِامْرَأَةٍ إِلَّا كَانَ الشَّيْطَانُ ثَالِثَهُمَا".މާނައަކީ: "ފިރިހެނަކާއި އަންހެނަކު އެކަހެރިވެއްޖެނަމަ ތިން ވަނަ މީހަކަށް ޝައިޠާނާ ހުންނާނެއެވެ."
އިސްލާމްދީނުގައި ކޮންމެކަމެއްވެސް މަނާކުރައްވާފައިވަނީ މަތިވެރި ޙިކުމަތް ތަކެއްގެ މައްޗަށެވެ. އެހެންކަމުން ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދީފާނެ ކޮންމެ މަގެއް ބަންދުކުރުމަށް އަންގަވާފައި ވެއެވެ. ހިލޭއަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހަރާމްކުރައްވާފައިވަނީވެސް އޭގެ ސަބަބުން ނުކުމެދާނެ ނުބައި ނަތީޖާއަކުން އިންސާނާ ސަލާމަތްކޮށްދެއްވުމަށް ޓަކައެވެ. ހިލޭއަންހެނަކާއި ފިރިހެނެއް އެކަހެރިވުމަކާއިނުލާ، ފާޙިޝް ޢަމަލަކަށް މަގުފަހިކޮށްނުދޭ ގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ރަގަޅު ކަމެކެވެ.
އެހެންނަމަވެސް ދެމީހުން އެކަހެރިވެ، ނުވަތަ ފާޙިޝް ވާހަކަ ދައްކަނީނަމަ، އިސްވެ ބަޔާން ކުރެވުނުފަދައިން އެއީ ޙަރާމް ކަމެކެވެ. ވީމާ، ރަށްޓެހިވެގެން އުޅުމެއް ނެތެވެ. އަވަހަށް ކައިވެނި ކުރައްވާށެވެ. އަދި ކައިވެނި ކުރުމަށް ހުރަހެއް އޮވެ، ކައިވެނި ނުކުރެވޭނެކަން ޔަޤީންވާނަމަ އަވަހަށް ތިޔަކަމާ ދުރުހެލިވާށެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް