މިއީ ދުނިޔެއެވެ. ކިތަންމެ ގިނައިން ލިބުނަސް ހިތެއް ނުފުރޭނެއެވެ. ހިތް ފުރޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ދެއްވަވާ މިންވަރަށް ޝުކުރުވެރިވުމެވެ! ގިނަ ބއަކަށް މިއަދު ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ބޭނުންވާ ކަންތައްތައް ގިނަވުމާއި ބޭނުންވާ މިންވަރު ގިނަވުމެވެ. އެހެނަސް ސުވާލެއްކޮށްފިނަމަ ބުނާނީ ތިމާއަކީ ކެތްތެރިއެއް ކަމަށެވެ. ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުކުރާ ކަމަށެވެ.
ޢާއިޝަތުގެފާނުގެ މިބަސްފުޅަށް ވިސްނައިލާށެވެ!
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝަތުގެފާނުގެ އަރިއަހުން އެނގެން އެބައޮތެވެ. އިތުރު އެކަލޭގެފާނުގެ އެއްވެސް އަނބިކަނބަލެއްގެ ގަނޑުވަރުކޮޅުގެ ބަދިގޭގައި އަލިފާން ލައިގެން ކާނެއެއްވެސް އެއްޗެއް ރޯނުފިލުވައި، ނުވަތަ އެއްވެސް އެއްޗެއް ކައްކައިގެން ނުކައި ހަނދުމަހުން 3 މަސް ފާއިތުވެގެންދިއައެވެ. އެހުރިހާ ދުވަހަކު ފަރިއްކުޅުއްވެވީ ކަދުރާއި ބޯފެންފޮދެކެވެ.
ސުވާލަކީ މިޙާލަތަށް ކެތްތެރިވާން ތައްޔާރަށް ތިބީ ކިތައް މީހުން ހެއްޔެވެ؟ ޖަވާބު އަމިއްލަ ނަފްސަށްދޭށެވެ!
އަހުރެން މިވާހަކަ ގުޅުވައި މިލަނީ ފިރިމީހާއަށް ނުވަތަ ޢާއިލާއަށް ލިބޭ އާމްދަނީ މަދުވެގެން ޝަކުވާކުރާ މީހުންނަށެވެ. ފިރިމީހާއަށްވުރެ ތަނަވަސް ފިރިހެނަކު ފެނުމުން ފިރިމީހާ ގާތުން ވަރިވެގެންދާ އަންހެނުންނަށެވެ.
ފިރިމީހާއަށް ލިބި ޚަރަދު ނުކުރާނަމަ އެއީ ތަފާތުކަމެކެވެ. އެޙާލަތުގައި ކެތްތެރިވެގެން، ފުދިގެން އިންނާކަށް ނުބުނާނަމެވެ. ނަމަވެސް ފިރިމީހާއަށް ނުލިބޭނަމަ ނުވަތަ ލިބޭ މިންވަރު މަދުވެގެން ވަރިވާން ހެޔޮނުވާނެއެވެ. އެކަން އެމީހަކާއި ބައްދަލުކުރާނީ ނުވަތަ އަރައި ހަމަކުރާނީ ކޮންފަދަ ގޮތަކަށް ކޮން ސިފައެއްގައިކަން ޚިޔާލުކުރަންވެސް ނުއެނގޭނެއެވެ.
ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ޝުކުރުވެރިވާށެވެ. ކެތްތެރިވާށެވެ. ގިނައިންވެސް އަދި މަދުންވެސް ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އެއީވެސް ހަމަ އިމްތިޙާނުކުރެއްވެވުމެވެ. ފާސްވާށެވެ! ސުވަރުގެ ޙާޞިލުކުރަން މަސައްކަތްކުރާށެވެ. ސުވަރުގެ ވަދެވުމުން ތިމާ ހިތަށް އަރުވައިލާ ހުރިހާ ކަންކަން ހުންނާނީ ވަޤުތުން ލިބިލިބިއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން