ޢަލީ އިޙްޞާން ފިރާޤް
މުޢާވިޔަތުގެފާނުގެ ޚާއްޞަ އެންގެމުއެއް:
އަމީރު މުޢާވިޔަތުގެފާނު އެކަލޭގެފާނުގެ ހުރިހާ އާމިލުންނަށް އަންގަވައިފައިވަނީ އެބޭކަލުންގެ ސަރަޙައްދުގެ މީސްތަކުންނަށް ޔަޒީދުގެ ރަނގަޅު ސިފަތައް ބަޔާންކުރުމަށެވެ. އަދި އެސަރަޙައްދުތަކުގެ އެންމެ ނުޒޫފުގަދަ މީހުން ހޮއްވަވައިގެން އެބައިމީހުންގެ ވަފުދުތައް މުޢާވިޔަތުގެފާނުގެ އަރިހަށް ފޮނުއްވުމަށެވެ. ނަތީޖާއެއްގެ ގޮތުން އެކި ސަރަޙައްދުތަކުގެ ވަފުދުތައް ދިމިޝްޤަށް އަތުވެއްޖެއެވެ. މުޢާވިޔަތުގެފާނު އެބައިމީހުންނާ ވަކިވަކިން ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ބައްދަލުވުމެއް އިންތިޒާމުކުރައްވައި، އެބައްދަލުވުމަށް އައުމަށް އެވަފުދުތަކުގެ މީހުންނަށް ދައުވަތުދިނެވެ.
ވަފުދުތަކުގެ މީހުން އައުމުން މުޢާވިޔަތުގެފާނު ތެދުވެވަޑައިގެން الله އަށް ޙަމްދުކުރައްވައި، ރަސޫލާއަށް ޞަލަވާތް ވިދާޅުވިއެވެ. އިސްލާމްދީނުގެ ހެޔޮކަމާއި، ޚަލީފާންގެ ޙައްޤުތަކާއި ވާޖިބުތަކާއި، ވެރިންނަށް ކިޔަމަންތެރިވުމާއި، އާންމުންގެ ވާޖިބުތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި ވަރަށް ދިގު ޚުޠުބާއެއް ދެއްވިއެވެ. އެއަށްފަހު ޔަޒީދުގެ ހިތްވަރުގަދަކަމާއި، ދީލަތިކަމާއި ބުއްދިވެރިކަމާއި އަދި އިދާރީ ނުވަތަ އިންތިޒާމީ ގާބިލްކަން ފާހަގަކުރައްވައި، ޔަޒީދު ވަލީއަހުދުގެ މަގާމަށް އައްޔަން ކުރަން ޤަޞްދުކުރައްވާ ވާހަކަ ވިދާޅުވިއެވެ. މި ވަފުދުގެ މީހުންގެ ތެރޭގައި محمد بن عمرو بن حزم ހުންނެވިއެވެ. އޭނާ ކޮޅަށް ތެދުވެ ދެންނެވިއެވެ.
[އޭ އަމީރުލް މުއުމިނީންއެވެ. ކަލޭގެފާނު ޔަޒީދު ވަލީއަހުދަކަށް ހެއްދުމަށް ނިންމަވައިފީމުއެވެ. ނަމަވެސް އިހަށް ކުޑަކޮށް ވިސްނަވައިލެއްވުން އެދެމެވެ. ކަލޭގެފާނުގެ މިއަމަލަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެއެވެ.]
އަމީރު މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. [ތިޔައީ ތިޔަބޭކަލުންގެ ރަޢުޔުއެވެ. އެ ރަޢުޔާ އެއްގޮތަށް އަޅުގަނޑަށް ހެޔޮއެދިވަޑައިގެންނެވީތީ ޝުކުރުދަންނަވަމެވެ. ނަމަވެސް ޙަޤީޤަތެއް ދަންނަވައިލާނެމެވެ. މިހާރު އުޅޭ ޒުވާންކުދީންގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅު ޔަޒީދަށްވުރެ ޚަލީފާކަން ޙައްޤުވާނެ ކުއްޖަކުނެތެވެ.]
އެއަށްފަހު الضحاك بن قيس ތެދުވަޑައިގެން އަމީރު މުޢާވިޔަތުގެފާނުގެ ވާހަކަފުޅަށް ތާއިދުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅު ނިމުމުން އެހެން ބައެއް މީހުންވެސް ތެދުވެ، މުޢާވިޔަތުގެފާނުގެ ވާހަކަފުޅަށް ތާއީދުކޮށް ވާހަކަދެއްކިއެވެ. ހުރިހާ އެންމެންގެ ވާހަކަ ނިމުމުން މުޢާވިޔަތުގެފާނު، احنف بن قیس އާ ދިމާއަށް އެނބުރިވަޑައިގެން އޭނާ އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުއިންނެވީ ކީއްވެތޯ ސުވާލުކުރެއްވިއެވެ. احنف بن قیس ވިދާޅުވިއެވެ.
[އަޅުގަނޑަށް ދޮގެއް ހެދިދާނެތީ މާތްﷲ އަށް ބިރުވެތިވަމެވެ. ތެދެއްބުނެފިނަމަ ކަލޭގެފާނުގެ މައްޗަށް އަޅުގަނޑު ބިރުގަނެއެވެ. ކަލޭގެފާނު މިކަމުގައި އަޅުގަނޑުމެންނާ މަޝްވަރާ ކުރައްވަނީ ކީއްވެގެންތޯއެވެ. އަޅުގަނޑުމެންނަށްވުރެ ބޮޑަށް ޔަޒީދުގެ ގޮތް އެނގިވަޑައިގަންނަވާނީ ކަލޭގެފާނަށެވެ. އަޅުގަނޑުމެން މިތިބީ ބައިޢަތު ހިފަން ތައްޔާރަށެވެ.]
އަމީރު މުޢާވިޔަތުގެފާނު، احنف بن قیس ގެ މި ބަސްފުޅުތަކަކީ ވަރަށް އަގުހުރި ބަސްފުޅުތަކެއްކަމުގައި ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ވަރަށް ބޮޑެތި އިނާމުތައް ދެއްވިއެވެ. އަދި ވަފުދުތަކުގައި އައި މީހުންނަށްވެސް ވަރަށް ގިނަވެދުމާއި ހަދިޔާދެއްވައިފައި ފޮނުއްވައިލެއްވިއެވެ.