އަހަރެމެން މިއަދު ޢީދު ނަމާދަށްޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އަހަރެމެންގެ އެއްބައިވަންތަކަމެވެ. އަހަރެމެންގެ ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި، ފަޤީރުންނާއި މުއްސަނދީންގެ މެދުގައި، އޮތް ކުލުނުވެރިކަމާއި ލޯތްބެވެ. މިއަދު ހުރިހައި ރުޅިވެރިކަމަކާއި، ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރާށެވެ! ބައިބައިނުވެ، އެއްގަލަކަށް އަރާށެވެ! އަހުރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ޙައްޤު އަދާކުރާށެވެ! މައިންބަފައިންގެ ޙައްޤުތަކުން ފަށާށެވެ! މައިންބަފައިންކުރެ ހަމަ އެކަކު ވެސް ހިތުގައި ނުޖައްސަން މިއަދު ޢަޒުމު ކަނޑައަޅާށެވެ! މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެ ދެ މީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެ މީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"[1] اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَـٰهَ إلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ وَلِلَّهِ الْـحَمْدُ.
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެކެވެ. މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުވާށެވެ! ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވާށެވެ! އަދުގެ ދުނިޔޭގައި މިއީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަށް ހޭދަކުރާން ޖެހޭނީ ކުޑަ ހިނދުކޮޅެކެވެ. އެ މީހުން ތިބާއާ ގުޅުން ނުބޭއްވިޔަސް، ތިބާ އެމީހުންނާ ދުރަށް ނުދާށެވެ! ކައު އިތުރު ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَيْسَ الْوَاصِلُ بِالْـمُكَافِئِ، وَلَـٰكِنِ الْوَاصِلُ الَّذِيْ إِذَا قُطِعَتْ رَحِـمُهُ وَصَلَهَا)[2] މާނައީ: "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއަކީ ހެޔޮކަމުގެ ބަދަލުގައި ހެޔޮ ކަމެއް ކޮށްދޭ މީހާއެއް ނޫނެވެ. އެހެނަސް އެ މީހަކީ، ރަޙިމުގެ ގުޅުން ކެނޑޭ ހިނދު އެ ގުޅުން ބަދަހިކުރާ މީހާއެވެ."
ޢީދު ދުވަހަށް މި ވަނީ އިރު އަރައިފައެވެ. ތެދުވެރި އަޚުވަންތަކަމާއި، ކުލުނުވެރި ލޯތްބަކުން، ތިބާގެ މޫނު މައްޗަށް ހިނިތުންވުން ގެންނާށެވެ! ގާތްތިމާގެ މީހުންގެ މެދުގައި ގުޅުންތައް ބަދަހިކުރާށެވެ! ރަޙުމަތްތެރީންނަށް ތަހުނިޔާކިޔައި ހެޔޮ ދުޢާކުރާށެވެ!
ރަމަޟާން މަސް އަހަރެމެންނާ ވަކިވެ ހިނގައްޖެއެވެ. އެ މަސް އަހަރެމެންނާ ވަކިވެ ގޮސްފައިވަނީ، އަހަރެމެންނަށް ނުވަތަ އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައެވެ. މާތް ﷲ އަންގަވައިފައިވާ ގޮތަށް ރޯދަ ހިފައި، ރޭ އަޅުކަންކުރި މީހުންނަށް ޝަފާޢަތްތެރިވަމުންނެވެ.
މިއަދަކީ ޢީދު ދުވަހެވެ. ޢީދު ދުވަހު އަހަރެމެންގެ އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެއެވެ. މިއަދު އަހަރެމެން ޢީދުގެ އުފާފާޅުކުރަމުންދާ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންގެ މަތީން އަހަރެމެން ހަނދާންކުރާން ޖެހެއެވެ. އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ ކެކުޅުންތަކުން އެ މީހުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުޢާކުރާން ޖެހެއެވެ. ހަމައެހެންމެ، އަހަރެމެންގެ ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތައިލާންވީއެވެ. އިސްލާމް ދީން ގޮވައިލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށެވެ. އަނިޔާވެރިޔާއާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެއެވެ. ޙަޤީޤީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެންނެވެ. ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައިގެންނެވެ. އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދީގެންނެވެ. ޢީދު ރަމްޒުކޮށްދެނީ މި އިންސާނީ ޝިޢާރުތަކެވެ.