އެއްވެސް ޙާލެއްގައި މިދައްކަނީ ހުރިހާ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް ދަތިޙާލުގައި ތިމާއާއިއެކު ކެތްތެރިވި އަނބިމީހާގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ނުކޮށް ރަނިކަން ދީގެން ގެންގުޅޭ ފިރިންވެސް ތިބެއެވެ.
އެހެންކަމާއިއެކުވެސް ބުނަންން ޖެހެނީ ގިނަ ބައަކަށް ދިރިއުޅުމަކީ މިހައި ދަތިއުނދަގޫކަމަކަށްވެގެން މިއުޅެނީ ކުޑަނަމަވެސް ފުދުންތެރިކަމެއް ލިބިއްޖެނަމަ ކުރިން އުޅުނު ދަތިޙާލުގެމަތިން ހަނދާން ނައްތައިލެވޭތީއެވެ.
މިޘާލަކަށް ކުރިން ތިބާ ތަންތަނަށް ގޮސް އުޅުނީ ހިނގާފައެވެ. ނުވަތަ ބައިސްކަލެއްގައެވެ. އެހެން އުޅެނިކޮށް ސައިކަލެއް ނުވަތަ ކާރެއް ލިބެނީއެވެ. ދެން ދުވަސްކޮޅަކުން އެ ކާރު ނުވަތަ ސައިކަލް ހަލާކުވަނީއެވެ. މަރާމާތުކުރަން ގަރާޖަކަށް ގެންދިއައީއެވެ. ގަރާޖުގައި ވެހިކަލް ހިނދުކޮޅަކަށް ބާއްވަލަން ޖެހުނަސް ތިބާގެ ޝަކުވާތައް ގިނަވެގެންދެއެވެ.
ޒަވާޖީ ޙަޔާތުގައިވެސް ކަންކަން މިފަދަ ގޮތަކަށް އެބަކުރިމަތިވެއެވެ. ނުހަނު ފަޤީރު ޙާލުގައި އެތައް އަހަރެއްވަންދެން ދިރިއުޅޭފަހުން ތަނަވަސްކަން ދެއްވަވައިފިނަމަ ދަތިޙާލުގައި ދިރިއުޅުނު އަހަރުތއްމަތިން ހަނދާންނައްތައިލެވެއެވެ. އަދި ކީއްހެއްޔެވެ؟ ނުހަނު ދަތިޙާލުގައި ތިބާއާއިއެކު ކެތްތެރިވި އަނބިމީހާގެ މަތިންވެސް އެބަ ހަނދާންނައްތައިލައެވެ.
ދެން ފެންނަން ފަށަނީ އެންމެ ތަނަވަސް މީހުން ދިރިއުޅޭ ގޮތެވެ. އެމީހުން ދިރިއުޅޭ ފެންވަރެވެ. އެފެންވަރުގައި ނޫނީ އެއްވެސް ކަމެއް ބޭނުމެއް ނުވެއެވެ. މިޘާލަކަށް ކުރިން ރޮށްޓަކާއި ރިހަފޮދަކުން ބަނޑުބޮޑުވިނަމަވެސް 5 ކޯސްހުރި ކެއުމަކުން ނޫނީ ބަނޑުބޮޑުވާކަމަކަށް ނުވެއެވެ. އެފެންވަރުގައި ކެއްކިފައި ނެތިއްޖެނަމަ އަނބިމީހާ ކަމުނުދިއައީއެވެ. އަވަހަށް އެހެން ބައިވެރިއަކު ހޯދަންވީއެވެ.
އެއްވެސް މީހަކަށް ދެއްވަވާ ނިޢްމަތެއް ގެއްލިގެންދިއުމަށް އެދެނީއެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ ގަންދީ ބުނަމެވެ. މިފަދައިން ޢަމަލުކުރާ މީހުންނަށް ވަރަށް އަވަހަށް ހިތާމަކުރަންޖެހެއެވެ. ތަފާތު ބޮޑެތި މުޞީބާތްތައް ކުރިމަތި ކުރެއްވެވުމުންނެވެ. އެކަންކަން ފެންނަނީ އަހުރެންގެ ލޮލަށް އެކަންޏެއް ނޫނެވެ. ބަލައި ވިސްނައި ފިކުރުކުރި ކޮންމެ މީހަކަށްވެސް މިފަދަ އެތައް ޙާދިސާތަކެއްވާނީ ފެނިފައެވެ.
މީސްތަކުންނޭވެ! ނިޢްމަތްތައް ދެއްވެވި ވަރަކަށް ހިތްތިރިކުރާށެވެ! ބައިވެރިޔާއަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! ތިބާއަށް ދެއްވެވި ނިޢުމަތްތަކުގައި ބަރަކާތް ލައްވަވާނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން