މިއަހަރުގެ ރަމަޟާންމަހާއި ބައްދަލުވި މީހުން ހުރިހާ ދުވަހަކު ރޯދަހިފައިފިއެވެ. ރޭއަޅުކަންކޮށްފިއެވެ. އެނޫންވެސް އެތައް ގިނަ އަޅުކަންކޮށްފިއެވެ. ސުވާލަކީ އެކަންކަމުން ފައިދާ އެބަކުރޭ ހެއްޔެވެ؟ މިއީ ވިސްނާލަންޖެހޭނެ ވަރަށް މުހިންމު ކަމެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންގެ ތެރޭގައި ތިބި ބައެއް މީހުންނަކީ ފާއިތުވި 40 އަހަރުގެ ރަމަޟާންމަހު ރޯދަހިފައި ރޭއަޅުކަންކޮށް ޤުރްއާން ކިޔަވައި އުޅުނު މީހުންނެވެ. އެހެންކަމާއިއެކުވެސް އެއިގެ ތެރެއިން ގިނަ ބައަކީ ތަޤްވާވެރިން ކަމުގައި ވެވިފައެއް ނުވެއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރާ ބައަކު ކަމުގައި ވެވިފައެއް ނުވެއެވެ.
މިވަނީ ކިހިނަކުން ހެއްޔެވެ؟ އަހުރެންގެ ވިސްނުމުން މިވާގޮތަކީ އޭނާއާއި ރަމަޟާން މަސް ބައްދަލުކުރި ނަމަވެސް އެމަހުގައި ރޯދަހިފައި ރޭއަޅުކަންކުރިނަމަވެސް އެކަމުން އެމީހަކަށް ފައިދާ ނުކުރަނީއެވެ. ދެން އުފެދޭނެ ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ މިޙަދީޘްފުޅުގެ ފައިދާ އެމީހަކަށް ނުކުރުމެވެ.
ޙަދީޘްފުޅުގައި އޮތީ ޝަޢްބާން މަހުގެ 15 ގައި ނުވަތަ ޝަޢްބާން މަހުގެ މެދުތެރޭގައި 2 މީހަކަށް ފިޔަވައި އެހެން ހުރިހާ އެންމެންނަށް (މުސްލިމުންނަށް) އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާ ކަމަށެވެ. އެ 2 މީހުންނަކީ ﷲ ތަޢާލާއަށް ޝަރީކުކުރާ މީހުންނާއި ހިތުގައި މީހަކަށް ޙަސަދަލައި މާފުނުކޮށް ތިބޭ މީހުންނެވެ.
ވިސްނާލަންވީ ޝަޢްބާން މަހުގެ މެދުތެރޭގައި ފާފަތައް ފުއްސަވައިދެއްވަވާ ސަބަބަށެވެ. އެސަބަބު އަހުރެންނަކަށް ބުނާކަށް ނުއެނގެއެވެ. ނަމަވެސް އަހުރެންނަށް ވިސްނޭގޮތް ބުނެފާނަމެވެ. އެ ސަބަބަކީ ރަމަމާން މަހާއި ބައްދަލުކުރާއިރު އެމީހަކީ އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާފައިވާ މީހަކަށްވުމުގެ މުހިންމު ކަމެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ!)
ދެން ކޮށްލަން ޖެހޭ ސުވާލަކީ ރަމަޟާން މަސް ފެށެންވާއިރަށް ތިމާއަކީ ތައުބާވެ ފާފަތަކުން ސަލާމަތްވެވިގެން ހުރި މީހަކު ކަމުގައި ވުމަށް ތިމާ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ޝަޢްބާން ފެށި ނިމެނީއެވެ. ކިތައް ދުވަހު ސުންނަތް ރޯދަ ހިފައިފިން ހެއްޔެވެ؟ ކިތައް ރޭ ދަމުނަމާދުކޮށް ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދުޢާކޮށްފިން ހެއްޔެވެ؟ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސަށް ޖަވާބު ދިނީމާ ރަނގަޅުވާނެއެވެ.
މިކަންކަމަށް ވިސްނައިފިނަމަ 40 އަހަރު ކީއްކުރަން ހެއްޔެވެ؟ އެއަށްވުރެ ގިނަ އަހަރު ރޯދަ ހިފައި ރޭއަޅުކަން ކުރާއިރުވެސް ތަޤްވާވެރި ނުވެވޭ ސަބަބު ވިސްނޭނެއެވެ. އަދިވެސް ވަޤުތު އެބައޮތެވެ. ހިތްވަރުކޮށްފިނަމަ ރަމަޟާންމަހުގެ ކުރިން ފާފަ ފުއްސަވައި ދެއްވަވާ އަޅަކަށް ވެވިދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން