ރޯދަމަހު 2 ޙަރަމްފުޅަށް ޒިޔާރަތްކުރި ޢަދަދު 122,286,712 އަށްއަރާފައިވާކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ. މިއަދަދަކީ ޢުމުރާވުމަށް ދިއަ މީހުންގެ ޢަދަދެއް ނޫނެވެ. ޢުމްރާވުމަށް ގޮސްތިބި މީހުންނާއި އަދި އެނޫންވެސް މީހުން ޙަރަމަފުޅަށް ކުރި ޒިޔާރަތުގެ ޢަދަދެވެ.
މިޢަދަދުގެ ތެރޭގައި ހިމެނެނީ މައްކާގެ ޙަރަމްފުޅަށް 92,132,169 އަދި މަސްޖިދުއްނަބަވީއަށް 30,154,543 އެވެ.
އެކި ފަހަރުމަތިން މީހުން ޢުމްރާވުމުގެ އަޅުކަން އަދާކުރި ޢަދަދަކަށް ބުނެފައިވަނީ 16,558,241 އެވެ.
ޢުމްރާއަށް ގޮސްތިބި މިއަދުނޫހުގެ ވަރަށް ގާތް އަޚުންގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި މިއަހަރު ޢުމުރާވުމަށް ގޮސް ތިބި މީހުންގެ ޢަދަދު ގިނަވުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށާއި ހިނގާފައިވެސް ޙަރަމްފުޅަށް ދިއުމަށާއި އަދި ޙަރަމްފުޅުތެރޭގައި ޙަރަކާތްތެރިވުމަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. "މަގުތަކުން ހިނގާފައިވެސް ނުދެވޭ. އެހައިވެސް އުނދަގޫ. ޙަރަމްފުޅުތެރޭގައި އުޅެންޖެހުނީ ވަރަށް ބޮޑަށް ފިތި ބާރުވެގެން. ފިތިބާރުވިވަރު ބޮޑުކަމުން ތިރީބައިގައި ޠަވާފްކުރި ގިނަ ބައަކަށް އެމީހުންނަށް ޖެހުނު ބުރުތައްވެސް ރަނގަޅަކަށް ނުގުނޭނެ!" ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމާއިއެކުވެސް މަގުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ކަންކަން އެހެން އަހަރުތަކަށްވުރެ މާފުރިހަމަކަމަށްވެސް ބުނެފައިވެއެވެ.