ގިނަ މީހުންނަށް އާދަވެފައި މިތިބީ ކޮންމެ ކަމެއް އެންމެ ފަހު ވަޤުތުގައި ކުރުމަށެވެ. ނަމަވެސް ކޮންމެ ކަމަކީ އެންމެ ފަހު ވަޤުތު ކުރެވޭނެ ކަމެއް ނޫނެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭނެ ކަމަކީ މަރަށް ތައްޔާރުވުމެވެ. އެންމެ ފަހު ވަޤުތު އެކަން ކުރަން ހުންނަ މީހަކަށް ގާތީ އެކަން ޙާޞިލު ނުކުރެވި ދުނިޔެޢާއި ވަކިވާންޖެހުމެވެ.
އަހަރެމެންނަށް މިއަދު ވެގެން މިއުޅޭ ގޮތަކީ ކޮންމެ ކަމެއްވެސް އެންމެ ފަސޭހައިން ޙާޞިލްކުރަން ބޭނުންވުން މާބޮޑަށް ބޮޑުވީއެވެ. ވީމާ މަރުމަތީގައި ޝަހާދަތް ކީއްޖެ މީހަކު ސުވަރުގެ ވައްދަވާނެ ކަމަށް އޮތް ޙަދީޘްފުޅުގެ މާނައަށްވެސް ވިސްނައި ނުލެވެނީއެވެ.
އެ ޙަދީޘްފުޅުގެ މާނައަކީ އެމީހަކު ކުރި ފާފައަކަށް ޢަޛާބް ނުދެއްވަވައި ސުވަރުގެ ވެއްދެވުމެއް ނޫނެވެ. ވީމާ މަރުމަތީގައި ޝަހާދަތް ކިޔާލައިގެން ސުވަރުގެ ވަންނަން ނިންމައިގެން ތިބޭ މީހުން އިތުރަށް ވިސްނައިލާށެވެ. އަދި ތިމާ އުޅެން ބޭނުންވާހައި ގޮތަކަށް ދުނިޔޭގައި އުޅުނަސް މަރުމަތީގައި ތައުބާވެވި ޝަހާދަތްކިޔޭނެ ކަމުގެ ގަރަންޓީ ދިނީ ކާކުހެއްޔެވެ؟ މަރުހިއްޕެވުމަށް ވަޑައިގަންނަވާ މަލާއިކަތާ ލޮލަށް ފެންނަ ހިސާބުން ތައުބާވުމުގެ ދޮރުތައް ބަންދުކުރައްވަވައެވެ.
ދުނިޔޭގެ ޙަޔާތަށް ބެލިނަމަވެސް ދިރިއުޅުން ކާމިޔާބުކުރެވެނީ އެކަމަށްޓަކައި ހީވާގިވެ ބުރަކޮށް މަސައްކަތްކުރާ މީހުންނަށެވެ. އެމީހާ ކުރާ މަސައްކަތްތަކާއިމެދު ވިސްނައި ފިކުރުކުރަން ގިނަ ވަގުތު ހޭދަކުރާ މީހުންނަށެވެ.
އިމްތިޙާނަކަށް ބެލިންމަވެސް އެކަން އޮތީ ހަމަ މިފަދައިންނެވެ. ރަނގަޅު ނަތީޖާ ހޯދެނީ ފިލާވަޅުދަސްކުރަން މަސައްކަތްކޮށް ފިލާވަޅުތަކާއިމެދު ވިސްނައި ފިކުރުކުރަން ގިނަ ވަގުތު ހޭދަކުރާ ދަރިވަރުންނަށެވެ.
އާޚިރަތް ކާމިޔާބުކުރެވި ސުވަރުގެ ލިބުންވެސް އޮތީ ހަމަ މިމަގުންނެވެ. އަޅުކަމުގައި ހޭދަކުރާވަގުތު ގިނަކުރަންޖެހެއެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކޮށް ޛިކުރުކޮށް އެކަލާނގެ ހަނދުމަކުރަން ވީހައި ގިނަ ވަގުތު ހޭދަކުރަން ޖެހެއެވެ. ފާފަކުރުން މަދުކުރަންޖެހެއެވެ. ފާފަކުރުން މަދުކުރެވޭނީ ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކޮށް ބިރުވެތިވީ މިންވަރަކުންނެވެ.
ވީމާ ސުވަރުގެ ލިބިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ކަންނެތްވެގެން ހުރެ ސުވަރުގެ ލިބުމަށް އެދުމަކީ މޮޔަކަމެކެވެ. މިސާލަކަށް ބައެއް މީހުން އުމުރުން ދުވަސްވުމުން އަޅުކަންކުރުން ގިނަކުރަން ވިސްނައިގެން ޒުވާން އުމުރު އެބަ ނަގައިލައެވެ. އޭނާ މަރުވާނީ ކޮންޢުމުރެއްގައިކަން އޭނާއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެކަމަށް ގަރަންޓީ ދިނީ ކާކުހެއްޔެވެ؟
ސުވަރުގެ އެދޭ މީހާ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. މިފަދަ ނަޞޭޙަތްތައް ވަރަށް ގިނައިންދެވެއެވެ. އެއީ މިކަމަކީ އިންސާނާގެ ޙަޔާތުގައި އެންމެ މުހިންމު ކަންތައް ކަމުގައިވާތީއެވެ. ސުވަރުގެ ހޯދަން ހީވާގިނުވެ ސުވަރުގެ ލިބުމަށް އުންމީދުކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން