މަހާ އަދި ފިޝްލިވަރ އޮއިލް (ބޮޑުމަހުތެޔޮ ގުޅަ) ކެއުމަކީ ސިކުނޑީގެ ސެލްތަކަށް ދުޅަހެޔޮކަން ލިބި ހަނދާން ނެތުމުގެ ބަލި ދުރުކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ދިރާސާތަކުން އެނގޭ ގޮތުގައި މަސް ކެއުމަކީ ސިކުނޑީގެ ސެލްތަކުގެ ބޭރު ފަށަލަ ވަރުގަދަކޮށްދޭ ކަމެކެވެ. އެކަމުގެ ސަބަބުން ސެލްތައް ހަލާކު ނުވެ ދުޅަހެޔޮކަމުގަ ހުންނަން މަގުފަހިވެއެވެ.
ކުރެވުނު ދިރާސާތަކުގެ ފުރަތަމަ ނަތީޖާތަކަށްބަލާއިރު ޢާންމުކޮށް ނުވަތަ ގިނައިން މަސްކައި އުޅޭ މީހުންނަށް ހަނދާން ނެތުމުގެ ބަލިޖެހުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދެއެވެ.
ސެލްތަކުގެ ބޭރުތޮށި ވަރުގަދަވުމަކީ ސެލްތަކުގައި ހުންނަ ފްލުއިޑް ނުވަތަ ދިޔާ މާއްދާ ބޭރުވެގެން ނުގޮސް ސެލްތަކުގައި ހަރުލާފައި ހުންނަން މެދުވެރިވާ ސަބަބެކެވެ. އެކަމުގެ ސަބަބުން މުޅި ސިކުނޑީގެ ޞިއްޙަތަށްވެސް ފައިދާކުރެއެވެ.
ވީމާ ދަސްކުރާ އެއްޗެތި ސިކުނޑިގައި ހަރުލައްވާފައި ބެހެއްޓުމަށް މަސްކެއުމުން އެހީތެރިވެދެއެވެ. އެހެންކަމުން އުނގެނޭ ދަރިވަރުން އެކަށީގެންވާ ވަރަށް މަސްކެއުމަކީ މުހިންމު ކަމެކެވެ. ހަމަ އެއާއިއެކު ޑިޕްރެޝަންގެ މައްސަލަތައް ހުންނަ މީހުން މަސްކެއުމުން އެމީހުންގެ ސިކުނޑީގެ ސެލްތަކަށް ފައިދާކޮށް ހިތްވަރު ލިބިގަންނަން ބާރުލިބޭކަމަށްވެސް ވަނީ ބެލެވިފައެވެ.
ފިޝްލިވަރ އޮއިލް އިންވެސް މިކަންކަމަށް އެހީތެރިކަން ލިބޭއިރު އެހީތެރިކަން ލިބޭ މިންވަރު ދެނެގަތުމަށް ދަނީ އިތުރަށް މަސައްކަތްކުރަމުންނެވެ. ތެޔޮގުޅަ ބޭނުންކުރާނަމަ ބޭނުންކުރާނެ މިންވަރު ކަނޑައަޅަން ޑޮކްޓަރުންނާއި މަޝްވަރާކުރުން މުހިންމެވެ.
މަޢުލުމާތު: ޞިއްޙީ ޚަބަރު