އެހެން މީހަކު ތިމާއަށް އެކަން ކުރުމުން ތިމާއަށް ހިތްދަތިކަން ލިބޭނެ ކަމެއް އެހެން މީހަކަށް ތިމާކުރާއިރު ވިސްނައިލަންވާނެއެވެ. އެކަން އެނބުރި އައިސް ތިމާއަށް ޖައްސުވާނެ މުޞީބާތްތަކަށް ބިރުވެތިވާންވާނެއެވެ. އެހެންކަމާއިއެކުވެސް އުފާވެރިކަން ބޭނުންވުމުން އެކަމަށް ވިސްނައިލެވެނީ ވަރަށް މަދު މީހަކަށެވެ.
އަހުރެންގެ މިވާހަކަކޮޅު އަމާޒުމިކުރަނީ ވަކިބައަކަށް ނޫނެވެ. އަންހެނުންނާއި ފިރިހެނުންނަށެވެ. ވިސްނައިގެން އަޑުއަހާށެވެ!
މުޅި ދުނިޔެއަށް ބެލިނަމަވެސް ގިނައީ އަންހެނުންނެވެ. ފިރިހެނުންވެސް މަދެއް ނޫނެވެ. ދެ ޖިންސުން މީހުންތައް މިވަނީ ފުނިޖެހިފައެވެ. ވަކި ޖިންސަކުން މީހުން މަދުވެގެން ޙަޔާތަށް ބައިވެރިއަކު ނުލިބިގެން ތިބެންޖެހޭ ޤައުމެއް އޮތްކަމެއް އެނގޭކަށް ނެތެވެ. ހަމަ ޤައިމުވެސް މުސްލިމް މުޖުތަމަޢުތަކުގައި އެ މައްސަލައެއް ނެތެވެ.
ކުރަން މިޖެހޭ ސުވާލަކީ މިގޮތަށް މިކަންކަން އޮތް އިރުގައިވެސް ކޮންމެވެސް ދެމަފިރިއެއްގެ ދެމެދަށް ވަދެގަނެގެން އެމީހުންގެ ކައިވެނި ރޫޅުވައިލާން މަސައްކަތްކުރަނީ ކީއްވެގެންހެއްޔެވެ؟
އަނެކާގެ ބައިވެރިޔާ ރީތިވެސްވެދާނެއެވެ. ތަނަވަސްވެސްވެދާނެއެވެ. އެއީ އެދެމަފިރިންގެ ދެމެދަށް ވަދެގަނެ ދެމަފިރިންގެ ކައިވެނި ރޫޅުވައިލާ ސަބަބަކަށް ހެދުމަކީ މީހަކަށް ކުރެވޭނެ އެންމެ ނުބައި އެއްކަންތަކެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް އެކަމުން ލިބޭ އުފާވެރިކަމަށްވުރެ ލިބޭނެ ހިތްދަތިކަން މާބޮޑެވެ.
މިއީ ބަލައި ވިސްނައިފި ކޮންމެ މީހަކަށްވެސް ފެންނަންހުރި ކަންކަމެވެ. ގިނަބައަކު ކުރަމުން އަންނަ ތަޖުރިބާއެވެ. އެކަން އެހެންއެވަނީ އެހެން މީހަކަށް އަނިޔާއެއް ދެވޭތީއެވެ. އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ނަހީކުރައްވަވާފައިވާ އެއްކަންތަކެވެ.
ފުރަތަމަވެސް ވިސްނައިލާށެވެ! ތިމާ ކައިވެނިކޮށް އުފަލުގައި ދިރިއުޅެމުން ދަނިކޮށް ތިމާގެ ދިރިއުޅުމުގެ ތެރެއަށް މީހަކު ވަދެގަނެ ދިރިއުޅުން ހަލާކުކޮށްލައިފިނަމަ ތިމާއަށް ކުރާނެ އަސަރާއިމެދުގައެވެ. ތިމާ ވާނެ ދެރައާއިމެދުގައެވެ.
ކޮންމެ މީހެއްގެވެސް އޮންނާނީ ހިތެކެވެ. ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެއެވެ. ދެރަވާނެއެވެ. ދެރަވީމާ ރޮވޭނެއެވެ. ވީމާ ވިސްނާލަންވީ ތިމާގެ އަމިއްލަ ނަފްސަށް އެދޭ ކަންކަން ތިމާގެ އަޚާއަށް. އުޚުތާއަށް ނުއެދޭހައި ހިނދަކު ތިމާގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް އޮންނަ ޙަދީޘްފުޅަށެވެ. ވީމާ އީމާންކަން ފުރިހަމަކުރުމަށްޓަކައިވެސް، ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހަކަށްވުމަށްޓަކައިވެސް އެހެން މީހަކަށް ހިތްދަތިކަން ނުދޭށެވެ.
އެހެން މީހުންނަށްވެސް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާ މީހަކަށްވާށެވެ! އެއިރުން ﷲ ތަޢާލާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން