ޢަލީ އިޙްޞާން ފިރާޤް
މުޢާވިޔަތުގެފާނު ޙައްޖަށްވަޑައިގެންނެވުން:
ޙިޖާޒުގެ، މައްކާއާއި މަދީނާގެ އަހުލުވެރިންނާމެދު އަމީރު މުޢާވިޔަތުގެފާނު ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އެއީ އެތަނުގައި ރައްޔިތުން ފާޅުގައި އެމަނިކުފާނާ ދެކޮޅު ހަދައިފާނެތީއެވެ. ހިޖްރައިން 51 ވަނަ އަހަރު މުޢާވިޔަތުގެފާނު ޙައްޖަށް ވަޑައިގަންނަވަން ނިންމެވިއެވެ. އެއީ ޙިޖާޒުގެ މީހުންނާ ވާހަކަ ދައްކަވައިގެން އެކަލޭގެފާނުގެ ޚިޔާލުފުޅަށް އެބައިމީހުންގެ ތާއީދު ހޯއްދެއްވުމަށްޓަކައެވެ.
މުޢާވިޔަތުގެފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ މަދީނާއަށެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގަންނަވާ ޚަބަރު ލިބިވަޑައިގަންނަވާއިރަށް، ޢަބްދުﷲ ބިން ޒުބައިރާއި، ޢަބްދުﷲ ބިން ޢުމަރާއި، ޢަބްދުﷲ ބިން ޢައްބާސް އަދި ޙުސައިން ބިން ޢަލީ، މަދީނާ ދޫކުރައްވާ މައްކާއަށް ވަޑައިގެންފިއެވެ. މުޢާވިޔަތުގެފާނު މަދީނާއަށް ވަޑައިގެން، މަދީނާގެ މީހުންނާ ވާހަކަފުޅު ދައްކަވާ، އެބައިމީހުންނަށް އިނާމުދެއްވިއެވެ. އަދި އެބައިމީހުން އެކަލޭގެފާނުގެ ކޮޅަށް އަނބުރައިލެއްވިއެވެ. އަދި ކޮންމެދުވަހަކު އެބައިމީހުންނަށް ލިބޭ އިނާޔަތްތައް އިތުރުކޮށްދެއްވިއެވެ. ދައުލަތުގެ ޚަޒާނާއިން ލޯނު ދެއްވައި، އެ ލޯނު އަނބުރާ އަތުލުމަށް ބާރުގެން ބޭނުން ނުކުރުމަށް މަރުވާނު ބިން ޙަކަމަށް އަމުރުކުރެއްވިއެވެ. އެއީ އެބައިމީހުން ދެކޮޅުވެރިވެދާނެތީއެވެ.
އެއަށްފަހު މުޢާވިޔަތުގެފާނު މައްކާއަށް ވަޑައިގެންފިއެވެ. މައްކާއަށް ވަޑައިގެން ކުރިން ދެންނެވުނު ހަތަރު ބޭކަލުން ހާޒިރު ކުރައްވައިގެން ޔަޒީދަށް ބައިޢަތު ހިފުމުގެ ވާހަކަތައް ދެއްކެވިއެވެ. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
[އާންމުން އިއްތިފާޤުވާ މީހަކު ޚަލީފައަކަށް އިންތިޚާބު ކުރަން އަޅުގަނޑު އެއްބަހެވެ. ޚިލާފަތުގެ މަޤާމަށް އަޅަކު އިންތިޚާބު ކުރެވުނު ކަމުގައި ވިޔަސް ތިމަންކަލޭގެފާނު އޭނާއަށް ކިޔަމަންތެރިވާނަމެވެ. ޖަމާޢަތުން ވަކިވެގެންނެއް ނުދާނަމެވެ.]
ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [އަޅުގަނޑު ކަލޭގެފާނަށް ދެތިން ގޮތެއް ހުށައަޅާނަމެވެ. ފުރަތަމަ ގޮތަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވެ، ޚިލާފަތުގެ މައްސަލައިގައި އެއްވެސް ނަންފުޅެއް ހުށަނާޅުއްވާ އެކަންތައް މުސްލިމުންގެ އަތް މައްޗަށް ދޫކޮށްލުމެވެ. އޭރުން އެބައިމީހުން ބޭނުން މީހަކު ޚަލީފާއަކަށް ހަދައިފާނެއެވެ. އެގޮތްކަމުނުދާކަމުގައިވާނަމަ އަބޫބަކުރުގެފާނުގެ ސުންނަތަށް އަމަލުކުރައްވާށެވެ. އެއީ ކަލޭގެފާނުގެ ޤައުމަށް ނުވަތަ ޢާއިލާއަށް ނިސްބަތް ނުވާ މީހަކު ކަލޭގެފާނުގެ ވަލީއަހުދުގެ ގޮތުގައި ކަނޑައެޅުމެވެ. މި ގޮތްކަމުނުދާނަމަ ޢުމަރުލް ފާރޫޤު ގެ ސުންނަތަށް ތަބާވާށެވެ. ކަލޭގެފާނުގެ އާޢިލާ ނުވަތަ ޤަބީލާގެ ތެރޭގައި ނުހިމެނޭ ހަ ބޭކަލަކު އިޚްތިޔާރު ކުރައްވާށެވެ. އެ ހަ ބޭކަލުންގެ ތެރޭގައި ކަލޭގެފާނުގެ ދަރިކަލަކު ހުރެގެންނުވާނެއެވެ. އެ ހަ ބޭކަލުންގެ ތެރެއިން އެމީހަކު ބޭނުންވާ މީހަކު ޚަލީފާއެއްކަމުގައި އިންތިޚާބު ކުރާނީއެވެ. މިތިން ގޮތުގެ ތެރެއިން ކޮންމެ ގޮތަކަށްވެސް އަޅުގަނޑުމެން އެއްބަސްވެދާނަމެވެ. މިތިން ގޮތުގެ މައްޗަށް އިތުރު ކުރާނެ ހަތަރުވަނަ ގޮތެއްނެތެވެ.]
ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހުގެ ވާހަކަފުޅަށް އެހެން ބައެއް ބޭކަލުންވެސް ތާއީދުކުރެއްވިއެވެ.
އެއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވުމަށްފަހު މުޢާވިޔަތުގެފާނު އިސްވެދެންނެވި ހަތަރުބޭކަލުން ފިޔަވާ މައްކާގެ އެންމެހައި މީސްތަކުންގެ ބައިޢަތު ހިއްޕަވައިގެން ވަޑައިގެންފިއެވެ.