ކީރިތި ޤުރްއާން ކިޔެވުމުގަ ސަމާލުކަންދޭންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކީރިތި ޤުރްއާން ކިޔެވުމުގަ ސަމާލުކަންދޭންވީ ބައެއް ކަންކަން-

ކީރިތި ޤުރްޢާން ކިޔަވަން އިށީންނަނަމް ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ކީރިތި ޤުރްއާން ކިޔަވަން ފަށާމީހާއަށް ކުޅަދާނަކަން ލިބިގެންވާނަމަ ފެށުމުގެ ކުރިން ދަތް އުނގުޅައި އަނގަތެރެ ސާފުކޮށްލުމަކީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ޚާއްޞަކޮށް އަނގައިގައި ކާއެއްޗެތީގެ އަސަރު ހުރިނަމައެވެ.

މީގެ އިތުރުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ މުޞްޙަފް ހިފައިގެން ޤުރްއާން ކިޔަވަން އިށީންނަން ޤަޞްދުކުރާ މީހާ ފެންވަރައި ރީތިވާންވެސްވާނެކަމަށެވެ. ހުވަނދުލާންވެސްވާނެކަމަށެވެ. ސަބަބަކީ އޭނާ އެއުޅެނީ އެންމެ މަތިވެރި ޛިކުރުކުރާށެވެ. ޛިކުރުކުރަންފަށާއިރަށް މަލާއިކަތުންގެ ފައުޖުތައް އޭނާ ވަށައިލައްވަވާނެތީއެވެ.

ނަމަވެސް މީގެ މާނައަކީ ޤުރްޢާންކިޔަވަން ފަށަން މިކަންކަން ކުރުން މަޖުބޫރުވުމެއް ނޫނެވެ. މިކަންކަން ކުރުން އޮތީ ވަޤުތާއި ޙާލަތު ތަންދޭ މިންވަރަކުންނެވެ.

ކީރިތި ޤުރްއާން ކިޔަވަން އިންނައިރު ކައިބޮއިނުހަދާށެވެ! އެހެނީ އެކަމުގެ ސަބަބުން ކީރިތި ޤުރައާނަށްދޭންޖެހޭ ސަމާލުކަން ކުޑަވެގެންދާނެއެވެ. ނަމަވެސް ކިޔަވަން އިންނަ މީހާ ކަރުހިއްކައިގެންފިނަމަ ފެންފޮދެއް ބުއިލުމަކީ އެންމެ ރަނގަޅުކަމެކެވެ. އެއީ ކައިބޮއިހެދުން ކަމަކަށް ނުވާނެއެވެ.

ތިބާވަނީ ދަތުރެއްގެ މަތީގައެވެ. ލިބުނު ފުރުޞަތުގައި ޤުރްއާން ކިޔަވައިލަނީއެވެ. އެއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު އަނގައިގައި ޗްވިންގަމް، މެޓާ ނުވަތަ އެނޫންވެސް ކާއެއްޗެއް ބާއްވައިގެން ކަމުން ކިޔަވާނަމަ އެކަންވާނީ އަދަބާއި ޚިލާފް ކަމަކަށެވެ. އަދި ކިޔަވަންވާ ގޮތަށް ނުވެސް ކިޔެވޭނެއެވެ.

ކިޔަވަން އިންދައި ބަނޑުހައިވެއްޖެނަމަ ތެދުވެ ކައިބޮއިހެދުމަކީ ހުއްދަކަމެކެވެ. އެކަންކަން ކުރުމަށްފަހު ރަނގަޅަށް އަނގަދޮވެ އަލުން އަޢޫޛް، ބިސްމި ކިޔަވައި ކިޔަވަން ފަށާނީއެވެ.

ކީރިތި ޤުރްއާން ކިޔަވާއިރު އެންމެ މުހިންމު ކަމަކީ ކިޔަވާ އެއްޗަކަށް ސަމާލުކަން ދިނުމެވެ. ސަމާލުކަންދިނުމަކީ އަޑުއެހުމެވެ. ކިޔެވޭ އެއްޗަކާއިމެދު ވިސްނައި ފިކުރުކުރުމެވެ. އަދި އަޑުއިވޭ ހިސާބުގައި ތިބޭ މީހުންވެސް ހަމަމިފަދައިން ސަމާލުކަންދޭންވާނެއެވެ. އަޑުއަހައި ސަމާލުކަން ދިނުމަކީ ވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ.

ކީރިތި ޤުރްއާނުގެ ރެކޯޑިންގ އަޑުއެހުމަކީވެސް އަޅުކަމެކެވެ. ރެކޯޑިންގ ޖަހާފައި ހުންނަ ތަނތަނުގައިވެސް މިބުނިފަދައިން ސަމާލުކަންދޭންވާނެއެވެ. ރެކޯޑިންގ ޖަހައިގެންތިބެ އެތަނުގައި ކުޅިވަރުކުޅުމާއި ބާރަށް އަޑުގަދަކުރުމާއި ހީނސަމާސަކުރުން ފަދަ ކަންކަންކޮށްގެން ނުވާނެއެވެ.

ކީރިތި ޤުރްއާނަކީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. ވީމާ ސަމާލުކަންދޭންޖެހޭނީ ހަމައެކަނި ކިޔަވާ މީހާއެއް ނޫނެވެ. އަޑުއިވޭ އެންމެންވެސް ސަމާލުކަންދޭންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން