ފަހެ ޤުރުއާން ރިވެތިކޮށް ކިޔެވޭއިރު ޤުރުއާން އަޑުއެއްސެވުމަށްޓަކައި މަލާއިކަތްބޭކަލުން ވަޑައިގަނެތެވެ. މާތްﷲ ރުއްސުންލެއްވި أبو سعيد الخدري ރިވާކުރެއްވިއެވެ.
”ހަމަކަށަވަރުން أُسَيْدُ بن حُضَيْر ވިދާޅުވިއެވެ. އެއްރެއަކު އެކަލޭގެފާނު ބަޤަރާ ސޫރަތް ކިޔަވާވިދާޅުވާން ފެއްޓެވިއެވެ. އަދި އެވަގުތު އެކަލޭގެފާނުގެ އަސްވެސް ވަނީ އެކަލޭގެފާނުގެ ކައިރީގައި ބަނދެފައެވެ. ހަމަ އެހިނދު އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު ކިޔެވުން ހުއްޓައިލެއްވިއެވެ. ދެން އަސްވެސް މަޑުމައިތިރި ވެއްޖެއެވެ. ދެން އެކަލޭގެފާނު އަލުން ކިޔަވަން ފައްޓަވައިފިއެވެ.
ހަމަ އެހިނދު އަނެއްކާ އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު އަނެއްކާ ކިޔެވުން ހުއްޓައިލެއްވިއެވެ. ދެން އަސްވެސް އަލުން މަޑުމައިތިރި ވެއްޖެއެވެ. ދެން އަނެއްކާ ކިޔަވަން ފެއްޓެވިއެވެ. ހަމަ އެހިނދު އަނެއްކާ އަސް ތެޅިފޮޅެން ފަށައިފިއެވެ. ދެން އެކަލޭގެފާނު އަހުގެ ގާތަށް ވަޑައިގެން ބައްލަވައިލެއްވިއިރު އެކަލޭގެފާނުގެ ދަރިފުޅު، ޔަޙްޔާ ވަނީ އެއަހުގެ ކައިރީގައި ނިދާފައެވެ. ދަރިފުޅުގެ ގައިމައްޗަށް އަސް އަރައިފާނެތީ أُسَيد ބިރުފުޅުގަތެވެ. ދެން ހަމަ އެވަގުތު އެކަލޭގެފާނު، އަހުގެ ކައިރިން ދަރިފުޅު ދުރުކުރެއްވުމަށް ފަހު އިސްތަށިފުޅު އުފުއްލަވާ އުޑާ ދިމާލަށް ބައްލަވައިލެއްވިއެވެ. އެހިނދު އެކަލޭގެފާނަށް ފެނިވަޑައިގަތީ ކުޑަ ވިލާކޮޅެއް ފަދަ އެއްޗެކެވެ. އެވިލާކޮޅުގައި ބައްތިތަކެއް ފަދައިންވާ އެއްޗެހިތަކެއްވެސް ވެއެވެ. ދެން ހެނދުން ވުމުން އެކަލޭގެފާނު رسول الله صلّى الله عليه وسلّم ގެ އަރިހަށް ވަޑައިގެން އެރޭ އެކަލޭގެފާނަށް ފެނިވަޑައިގަތް ކަންތައްތަކުގެ ވާހަކަ ކިޔައިދެއްވިއެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. އޭ ابن حُضَير އެވެ! ކަލޭގެފާނު ކިޔަވައިވިދާޅުވިނަމައެވެ. އޭ ابن حُضَير އެވެ! ކަލޭގެފާނު ކިޔަވައިވިދާޅުވި ނަމައެވެ. أُسَيد ވިދާޅުވިއެވެ. އެއަސް އަހުރެންގެ ދަރިފުޅު، ޔަޙްޔާގެ ގައިމައްޗަށް އަރައިފާނެތީ އަހުރެން ބިރުގަތީއެވެ. އެކުއްޖާ އޮތީ އަހުގެ ކައިރީގައި ނިދާފައެވެ.
އަދި އަހުރެން އެކުއްޖާ ދުރުކުރުމަށްޓަކައި އެކުއްޖާގެ ކައިރިއަށް ދިޔައީމެވެ. އަދި އަހުރެން މައްޗަށް ބަލައިލީމެވެ. އެހިނދު އަހުރެންނަށް ފެނުނީ ވިލާކޮޅެއްފަދައިންވާ އެއްޗެކެވެ. އޭގައި ބައްތިތަކެއް ފަދައިންވާ އެއްޗެހިތަކެއްވެސް ހުއްޓެވެ. ދެން ލޮލުކޮޅަށް އޮބަންދެން އަހުރެން ބަލަހައްޓައިގެން ހުރީމެވެ. ދެން رسول الله صلّى الله عليه وسلّم، حديثފުޅުކުރެއްވިއެވެ. އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ أُسَيد ދެންނެވިއެވެ. ނޫނެކެވެ. رسول الله صلّى الله عليه وسلّم، حديثފުޅުކުރެއްވިއެވެ. އެއީ މަލާއިކަތުންނެވެ. އެބޭކަލުން ކައިރިވަމުން އެއައީ ކަލޭގެފާނުގެ ޤުރުއާން ކިޔެވުމުގެ އަޑު އެއްސެވުމަށެވެ. ކަލޭގެފާނު ހުޓައި ނުލައްވާ ކިޔަވައިވިދާޅުވިނަމަ ހެނދުނު އެއްވެސް ހުރަހަކާ ނުލައި މީސްތަކުންނަށްވެސް އެމަލާއިކަތްބޭކަލުން ފެނުނީހެވެ.” (متّفق عليه)
ކީރިތި ޤުރުއާނަކީ މުޢްޖިޒާތެކެވެ. ހިތުގެ ބަލިތަކަށްވާ ޝިފާއެކެވެ. ހިތަށް މަޑުމައިތިރިކަން ގެނެސްދޭ އެއްޗެކެވެ. މާތްﷲ ރުއްސުންލެއްވި براء بن عازب ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު ކަހްފު ސޫރަތް ކިޔަވަން ފެށިއެވެ. އެވަގުތު އޭނާގެ ކައިރީގައި ދެ ވާގަނޑުން ބަނދެފައި އޮތް އަހެއްވެސް އޮތެވެ.
ދެންފަހެ ވިލާގަނޑެއް މަތިކޮށްފިއެވެ. އެވިލާގަނޑު ފަހަރެއް ފަހަރަކަށްވުރެ ކައިރިވާން ފެށިއެވެ. ދެން އެއަސް ތެޅެން ފަށައިފިއެވެ. (އެކަން އެގޮތަށް ހިނގާފައިވަނިކޮށް) ހެނދުންވުމުން އެމީހާ رسول الله صلّى الله عليه وسلّمގެ އަރިހަށް އައެވެ. އަދި އެހިނގި ކަންތައްތަކުގެ ވާހަކަ ކިޔައިދިނުމުން رسول الله صلّى الله عليه وسلّم، حديث ފުޅު ކުރެއްވިއެވެ. އެއީ ޤުރުއާނުގެ ސަބަބުން ފޭބި ހިތްހަމަޖެހުމެވެ.
" މަޞްދަރު: ނަބިއްޔުންގެ ތަރިކަ
- މަސްދަރު: ދިސަލަފިއްޔާ