ސުވަރުގެއާ ކައިރިވެވޭފަހުން ދަމައި ގެންގޮސް ނަރަކައަށް އެއްލައިލެވޭ މީހަކަށް ވެވިއްޖެނަމަ ކުރާނެ އަސަރު ނިކަން ހިތަށް ގެނެސްބަލަ! ސަލާމަތްވެވެން އޮތީ މިއަދު އެކަމަށް މަސައްކަތް ކުރި މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 13މ 12ސ
ސުވަރުގެއާ ކައިރިވެވޭފަހުން ދަމައި ގެންގޮސް ނަރަކައަށް އެއްލައިލެވޭ މީހަކަށް ވެވިއްޖެނަމަ ކުރާނެ އަސަރު ނިކަން ހިތަށް ގެނެސްބަލަ! ސަލާމަތްވެވެން އޮތީ މިއަދު އެކަމަށް މަސައްކަތް ކުރި މީހަކަށް!

މިހާރަކަށް އައިސް ހިތަށް އެރިހައި ކަމެއްކޮށް ހިތަށް އެރިހައި ގޮތަކަށް އުޅެފައި އިރާދަފުޅާއި އަޅުވާ މީހުން ގިނައެވެ. އެއީ އެމީހުން ކުރާ ވަރަށް ބޮޑު ކުށެކެވެ. އެހެނީ އިންސާނުން ދުނިޔެއަށް ފޮނުއްވެވުނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހެޔޮ ޢަމަލުކުރަންކަމަށްވާއިރު އެނޫން ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށްފަހު އިރާދަފުޅާއި އެޅުވޭނެ އެއްވެސް ގޮތެއް ނެތަތީއެވެ.  

އިރާދަފުޅު ކަމަށް ބުނެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އިޚްލާޞްތެރިކަމާއިއެކު އުޅެމުން ދަނިކޮށް ތިމާއަށް އެކަމުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭނެ ފަދަ ކަންކަން މެދުވެރިވުމުންނެވެ.  

ރަނގަޅަށް ވިސްނަވައިގެން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

الحديث الرابع:

عَنْ أَبِي عَبْدِ الرَّحْمَنِ، عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه و سلموَهُوَ الصَّادِقُ الْمَصْدُوقُ -: ((إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ.

ثُمَّ يُرْسَلُ إلَيْهِ الْمَلَكُ، فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٌّ أَمْ سَعِيدٌ. فَوَالَّذِي لَا إلَهَ غَيْرُهُ! إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا.

وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا))

[رَوَاهُ الْبُخَارِيُّ،  وَمُسْلِمٌ]  

ހަދީސްގެ މާނަ:

މާނައީ:

އަބޫ ޢަބްދުއްރަޙްމާނު، ޢަބްދުﷲ ބުން މަސްޢޫދު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ތިމަންބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. – އެކަލޭގެފާނަކީ އެކަލޭގެފާނުގެ ބަސްފުޅު ތެދު، އެކަލޭގެފާނުގެ ބަސްފުޅު ތެދުކުރެވޭ ސާހިބާއެވެ. – "ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ (ކޮންމެ) މީހަކު، އޭނާގެ މަންމަގެ ބަނޑުގައި (ރަޙިމުގައި) ސާޅީސް ދުވަސް ވަންދެން (ނުޠުފާއެއް، މަނިތިއްކެއްގެ ގޮތުގައި) އޭނާގެ ޚަލްޤު އެކުލެވިގެންދެއެވެ. އެއަށްފަހު ގަނޑު ލޭކޮޅެއް ގޮތުގައި އެހައި ދުވަހެވެ. އެއަށްފަހު މަސްކޮޅެއް ގޮތުގައި އެހައި ދުވަހެވެ.

އެއަށްފަހު، މަލާއިކަތަކު ފޮނުއްވޭނެއެވެ. އަދި އޭގައި ފުރާނަ އަޅުއްވާނެއެވެ. އަދި އެ މަލާއިކަތާއަށް ހަތަރުކަމެއް (ލިޔުއްވުމަށް) އަމުރުކުރެވޭނެއެވެ؛ އެއީ: 

1 އޭނާގެ ރިޒްޤާއި 

2 އަޖަލާއި

3 ޢަމަލާއި

4 އަބާއްޖެވެރިއަކުކަމުގައިވުމަށް ނުވަތަ ބާއްޖަވެރިއަކުކަމުގައިވުމަށެވެ.  

ފަހެ އެއިލާހު ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާ ފަރާތް ގަންދެއްވަމެވެ. (އެބަހީ: ﷲ ތަޢާލާ ގަންދީ ޙަދީޘްކުރައްވަމެވެ.) ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ސުވަރުގެވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ސުވަރުގެއާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ނަރަކަވަންތަވެރިންގެ ޢަމަލުކޮށް ނަރަކައަށް ވަދެއެވެ.

އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ނަރަކަވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ނަރަކައާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ސުވަރުގެވަންތަވެރިންގެ ޢަމަލުކޮށް ސުވަރުގެ ވަދެއެވެ".  

މި ހަދީސް ޝަރަޙަކޮށްދެއްވަމުން އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. 

ސޫރަތުލް ކަހުފުގެ 30 ވަނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (إِنَّا لا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا) [الكهف:30] މާނައީ: "ހަމަކަށަވަރުން، ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ތިމަންއިލާހު ގެއްލެނި ނުކުރައްވާހުށީމެވެ." 

މިއާޔަތުން އެނގޭގޮތުގައި އިޚްލާސްތެރިކަމާއެކު ހެޔޮ ޢަމަލުކުރާމީހެއްގެ ޢަމަލުތައް ޤަބޫލުވެވިގެންވެއެވެ. 

ކަންމިހެންއޮތްއިރު މި ހަދީސްގައި : 

"ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ސުވަރުގެވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ސުވަރުގެއާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ނަރަކަވަންތަވެރިންގެ ޢަމަލުކޮށް ނަރަކައަށް ވަދެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ނަރަކަވަންތަވެރިންގެ ޢަމަލު ކުރަމުންގޮސް، އޭނާއާއި ނަރަކައާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ސުވަރުގެވަންތަވެރިންގެ ޢަމަލުކޮށް ސުވަރުގެ ވަދެއެވެ." 

މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ 

މި ސުވާލުގެ ޖަވާބު ދެ ގޮތަކަށް ދެވިދާނެއެވެ. 

ޖަވާބު ދެވިދާނެ ފުރަތަމަ އުސްލޫބު: ސުވަރުގެ ވަނުން ބިނާވެފައިވަނީ ޢަމަލުތައް ޤަބޫލުވުމާއި حسن الخاتمة (ހެޔޮ ނިމުމުގެ) މައްޗަށެވެ. އީމާންވެ އިޚްލާސްތެރިކަމާއެކު ޞާލިޙު ހެޔޮ ޢަމަލުކޮށްފިމީހާ ހެޔޮ ރަނގަޅުގޮތެއްގައި ނޫނީ ނިމިގެން ނުދާނެއެވެ. 

ޖަވާބުދެވިދާނެ ދެވަނަ އުސްލޫބު: سوء الخاتمة (ނުބައި ނިމުން) ލިބުންވަނީ ރަނގަޅު ނޫންގޮތްގޮތަށް ޢަމަލުކުރި މީހުންނަށެވެ. މިސާލަކަށް ދެއްކުންތެރިކަމާއި މަޝްހޫރުވުމުގެ ނިޔަތުގައި ހެޔޮ ޢަމަލުކޮށްފިނަމަ އޭނައަށް ލިބޭނީ ނުބައި ނިމުމެކެވެ. މިކަން އިމާމް މުސްލިމް ގެނެސްފައިވާ ޞައްޙަ ހަދީސަކުން އެނގެއެވެ. އެހަދީސްގައިވަނީ ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު، ސުވަރުގެވަންތަވެރިންގެ ޢަމަލުތައް ކުރަމުންދާނެއެވެ. ( މީސްތަކުންނަށް ފެންނަ ފެނުމުގައި) އޭނާއާއި ސުވަރުގެއާ ދެމެދު މުށެއް މެނުނީ ނުވާހައި ކައިރިއަށް ދެއެވެ." މިހެންނެވެ. 

މަސްދަރު ދިސަލަފިއްޔާ

______________________________________________________  

ހަދީޘުން ލިބޭ ފައިދާތައް

-އިންސާނާ މައިމީހާގެ ރަޙިމުގައި ހެދިބޮޑުވާ މަރުޙަލާތައް ބަޔާންވެގެންވުން

-ފުރާނައެޅުއްވެނީ ރަޙިމުގައި ޤަރުބަގަންނަތާ 120 ދުވަސްފަހުން ކަމުގައި އެނގުން

މަލާއިކަތުންގެ ތެރޭގައި ރަޙިމުގައިވާ ކުދިންގެ ކަންކަން ބެލެހެއްޓެވުން ހަވާލުކުރެވިފައިވާ މަލާއިކަތުން ވާކަން އެނގުން

-މިންވަރަށް އީމާންވުމަކީ ވާޖިބެއްކަން އެނގުން

އިންސާނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އޭނާގެ އެންމެ ފަހު ޢަމަލުތަކާއި ހުރި ގުޅުން ބަޔާންވެގެންވުން

އިންސާނާ ދިރިއުޅޭއިރު އުއްމީދާއި ބިރުވެރިކަން ޖަމަޢަކުރުމުގެ މުހިންމުކަން. އަބަދުވެސް ﷲ ގެ ހެޔޮ ރަޙްމަތަށް އުއްމީދުކުރަންޖެހޭނެއެވެ. ހަމައެގޮތަށް އެކަލާނގެ އަޒާބާއި ޢުޤުބަތަށް އަބަދުވެސް ބިރުވެތިވާންޖެހޭނެއެވެ.

ޢަމަލުތަކަކީ ސުވަރުގެ ވަނުން ނުވަތަ ނަރަކަވަންތަވެރިޔަކަށްވުމުގެ ސަބަބެއްކަމުގައި ބަޔާންވެފައިވުން

ހެޔޮނިމުމެއް ދެއްވުންއެދި ދުޢާކުރުމުގެ މުހިންމުކަން

ހިދާޔަތުގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ މުހިންމުކަމާއި ހިދާޔަތުގެ މަތީގައި ސާބިތުކޮށްދެއްވަވާތޯ ދުޢާކުރުމުގެ މުހިންމުކަން 

އަބާއްޖަވެރިއެއްގެ ގޮތުގައި ލިޔުއްވިފައިވާ މީހާއަށް އެނާއަކީ އަބާއްޖަވެރިއެއްކަމެއް ނޭނގޭނެއެވެ.

އިންސާނުން ކުރާ ކަމެއް ކުރަނީ، އޭނާގެ އަޒަލުގެ ފޮތުގައި ލިޔެވިފައި އޮތް އެއްޗެއް އެނގިގެނެއް ނޫނެވެ. ފޮތުގައި އޮތީ އޭނާ ވާނީ ފާފަވެރިއަކަށް ކަމެއް ނުވަތަ އަޅުވެރިއަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. ދެން އޭނާ އަމިއްލަ އިޚްތިޔާރުގައި، ފާފަވެރިއަކަށް ނުވަތަ އަޅުވެރިއަކަށް ވަނީއެވެ. ވީމާ ﷲ މިންވަރުކުރައްވާފައިވާ ގޮތް އަހަރެމެންނަށް ވަންހަނާ ވެފައިވާއިރު، (ފާފަތަށްކުރުމަށްފަހު) މިންވަރުފުޅޭ ކިޔާފައި ހުއްޖަތްދެއްކޭނެ އެއްވެސް ގޮތެއް ނެތެވެ. 

އިންސާނާއަށް ޘަވާބާއި ޢަޛާބު ދެވެނީ ދުނިޔޭގައި އޭނާކުރާ ޢަމަލަށެވެ.  މާތް ﷲ ޘަވާބު ނުވަތަ ޢަޛާބު ދެއްވަނީ، ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިފައިވާ ކަންކަމަށެވެ. އޭނާ ކުރި ހެޔޮކަމެއްގެ ދަރުމަ އޭނާއަށް ވެއެވެ. އަދި ކުޅަ ނުބައި ކަމެއްގެ ސަޒާވެސް އޭނާއަށް ލިބޭނެއެވެ. މީހަކަށް ނުކުޅަދާނަ ކަމެއް ކުރާކަށްވެސް އިސްލާމްދީން ނާންގައެވެ.

މި ހަދީޘް ގުޅިފައިވަނީ އީމާންކަމުގެ ހަރުކުނުގެ ތެރެއިން މިންވަރަށް އީމާންވުމުގެ ބަޔާއެވެ. އެހެންކަމުން ތަފްޞީލީ ނަޒަރަކުން މިންވަރަށް އީމާންވުމާއިމެދު ބަލައިލާނަމެވެ.  

ޤަޟާ ޤަދަރަށް އީމާންވުން 

(ޤަޟާ ޤަދަރަށް) މިންވަރަށް އިމާންވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ކުރިން ހުރިހާ ތަކެއްޗެއް މިންވަރު ކަނޑައަޅުއްވައި، އެކަންކަން ވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ކަނޑައެޅިފައިވާ ވަޤުތު އެއިލާހު ދެނެވޮޑިގެންވާ ކަމާއި، އަދި އެނގިގެންވާ ތަނެއްގައި އެކަންކަން ވާނެކަމަށް (އީމާންވުމެވެ.). އަދި އެކަމެއް ހިނގާނީ ﷲ ތަޢާލާ ކަނޑައެޅުއްވި ގޮތެއްގެ މަތީންނެވެ.  

ޤަދަރަށް (މިންވަރަށް) އީމާންވުމުގައި ހިމެނޭ ކަންކަން. 

ފުރަތަމައީ: ހުރިހާ އެއްޗެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖުމާލީކޮށާއި އަދި ތަފުޞީލުކޮށް އަބަދުގެ އަބަދަށް ދެނެވޮޑިގެންވާ ކަމާ އަދި ވެފައިވާ ކަންކަމާ އަދި ވާނޭކަންކަން އެއިލާހު ދެނެވޮޑިގަންނަވާކަމާ އަދި އަދި ނުވާކަންކަމާ އަދި ވަންޏާއި ވާނޭގޮތްވެސް ދެނެވޮޑިގަންނަވާކަމަށް އީމާންވުމެވެ.

ދެވަނައީ: ސުބުޙާނަހޫ ވަތަޢާލާ އެކަންކަން އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިވާ ކަމަށް އީމާންވުމެވެ.

އަދި ޞަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

((كَتَبَ اللَّهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ)) [رواه مسلم في صحيحه: 2653]

މާނައީ: “އުޑާއި ބިންހެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރިން، ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންގެ މިންވަރުފުޅުތައް، ލިޔުއްވިއެވެ.” 

ތިންވަނައީ: ގެ އިރާދަފުޅާ ލައިގެން މެނުވީ ކާއިނާތުގައި އެއްވެސް ކަމެއް ނުވާނެކަމަށް އީމާންވުމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތައްކަމުގައި ވިޔަސް މެއެވެ. އަދި އަޅުތަކުންގެ ޢަމަލުތައް ކަމުގައިވިނަމަވެސް މެއެވެ. 

ހަތަރުވަނައީ: ހުރިހާ ކާއިނާތު ތަކަކީ ﷲ އުފައްދަވާފައިވާ މަޚުލޫޤުންތަކެއްކަމަށް އީމާންވުމެވެ. އެހެނީ ބިމާއި އުޑުގައި ޒައްރެއްގެ މިންވަރުވިޔަސް އެތަކެތި އުފައްދަވާފައިވަނީ އެވެ. އަދި އެތަކެތީގެ ޙަރަކާތްތަކާއި އަދި ޤާއިމުވާތަންލައްވަނީވެސް ﷲއެވެ. އެއިލާހު ނޫން އުފައްދަވާ ފަރާތެއްނުވެއެވެ. އަދި އެނޫން އުފައްދަވާ ބަލަހައްޓަވާ ފަރާތެއް ނުވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.  

ޤަދަރަށް(މިންވަރަށް) އީމާންވުމުގެ ފައިދާތައް.

ހ. ކަންތައް މެދުވެރިވާ ސަބަބުތަކުގައި ހިފާއިރު ﷲއަށް ބަރޯސާވުން. ސަބަބުތަކުގައި ހިފަންޖެހޭ ފަދައިން އެކަމުގެ އާޚިރު ނަތީޖާގެނެސްދިނުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ﷲ އަށް ކަމުގައި ޤަބޫލުކުރަންޖެހެއެވެ.

ށ. ދެރަކަމެއް މެދުވެރިވެގެން ހާސްވުމެއް އޭރުން ނުވެއެވެ. ސަބަބަކީ ހުރިހާ ކަމެއްވެސް ވަނީ ﷲގެ ޤަދަރުގެ (މިންވަރުގެ) މަތީންނެވެ.

 

 

 

މިއަދު އޮންލައިން