ޤިޔާމަްތ ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްބައަކީ މުޅި ޢުމުރުގައި ކުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައި ނަރަކައަށް ވައްދަވާ މީހުންނެވެ. ވީމާ އަޑުއަހާށެވެ!
މީސްތަކުންނޭވެ! އަހަރެމެންގެ ތެރެއިން ބައެއް މީހުން މުޅި ޢުމުރުގައި ހެޔޮ ޢަމަލުތައް ކުރެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެއެވެ. ރިވެތި ރާގުތަކަށް ކިޔަވައެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރެއެވެ. މީސްތަކުންނަށް އެހީތެރިވެ ޞަދަޤާތް ކުރެއެވެ. އެ ޢަމަލުތަކަށް ބަލައިފިނަމަ ކޮންފަދަ މަތިވެރި ޢަމަލުތަކެއް ހެއްޔެވެ؟
އެހެނަސް އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭނެ 3 މީހުންނަކީ ހަމަ މި ޢަމަލުތައް ކޮށްއުޅުނު 3 މީހަކުކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އެކަންކަން އެމީހުންކުރީ މީސްތަކުންމެދުގައި މަޝްހޫރުވުމުގެ ނިޔަތުގައިކަމަށްވުމުންނެވެ.
ﷲ ތައާލާ އެމީހުންނަށް ވަޙީކުރައްވަވާނެތެވެ. ކަލޭ އެކަންކުރީ މީސްތަކުންނަށް ދެއްކޭށެވެ. މޮޅު މީހެއްކަން ދައްކާށެވެ. ދީލަތި މީހަކުކަން ދައްކާށެވެ. މިއަދު އެމީހުންގެ ކިބައިން ލިބިގަންނާށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ﷲ ތަޢާލާއަށްޓަކައި ކުރަމުންގެންދާށެވެ. ތިމާއަކީ މާރީތިކޮށް ކިޔެވޭ މީހަކުކަން މީސްތަކުންނަށް ދައްކަން ނުކިޔަވާށެވެ. ރިވެތި ރާގުތަކަށް ކިޔަވަން ﷲ ތަޢާލާ އަންގަވާފައިވާތީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެން ކިޔަވާށެވެ.
ތިމާއަކީ ދީލަތި މީހަކުކަން ދެއްކުމަށް ޞަދަޤާތް ނުކުރާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ބަރަކާތާއި ޘަވާބަށް އެދިގެން ޞަދަޤާތްކުރާށެވެ. އެކަމަކީ ﷲ ތަޢާލާ އަހަރެމެންނަށް ކުރަން އަމުރުފުޅު ކުރައްވަވާފައިވާ ކަމަކަށްވާތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ ޙަޟްރަތުން ރުހިވޮޑިގަތުން އެދިގެން ޞަދަޤާތްކުރާށެވެ.
ޖުމުލަކޮށްލާފައި ބުނާނަމަ ދެއްކުންތެރިކަމާއިއެކު އެއްވެސް ޢަމަލެއް ނުކުރާށެވެ. އަހަރެމެން އެއްވެސް މީހަކީ އެއްވެސް މޮޅުކަމެއް ލިބިގެންވާ މީހެއް ނޫނެވެ. ﷲ ތަޢާލާ ދެއްވެވި މޮޅުކަމެއް މެނުވީއެވެ. ތަނަވަސްކަންވެސް ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ އެއްވެސް މީހަކަށް ލިބިފައިވާ ތަނަވަސްކަމާއިމެދު ފަޚުރުވެރިވެ ބޮޑާވާންވީ ކީއްވެގެން ހެއްޔެވެ؟
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
ގުޅުންހުރި ޙަދީޘް: