ގަދަބަދަވިކަން ދައްކައިގެން ކުރީ ސަފުން ޖާގަހޯދުން- ހުއްޓާލަން ޖެހިފައިވާ ނުބައިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ގަދަބަދަވިކަން ދައްކައިގެން ކުރީ ސަފުން ޖާގަހޯދުން- ހުއްޓާލަން ޖެހިފައިވާ ނުބައިކަމެއް!

ކުރީ ސަފުގެ މާތްކަން އެނގޭތީ ކުރީނ ސަފުން ޖާގަ ހޯދަން ބޭނުންވާ މީހުންނަށް އޮތީ ކުރިއާލައި މިސްކިތަށް ދިއުމެވެ. ފަހުން ގޮސް ގަދަބަދަވިކަން ދައްކައިގެން ޖާގަހޯދުމެއް ނެތެވެ. އެއިރުން އެއީ ކުރީ ސަފުން ޖާގަހޯދުނީ ކަމަކަށް ނުވާނެއެވެ.  

ހިތާމައަކީ ދޮށީ ޢުމުރުގެ ބައެއް މީހުންގެ ކިބައިންވެސް މިކަން ފެންނަ ކަމެވެ. އެމީހުންނަކީ މަސައްކަތެއް ކުރާ ބައެއްވެސް ނޫނެވެ. އެހެންކަމަށްވާއިރު ކުރިއާލައި މިސްކިތަށް ނުގޮސް ހުންނަންވީ ކީއްވެގެން ހެއްޔެވެ؟  

އެއްބައެއްގެ ކިބައިން މިފަދަ ކަންކަން ފެންނައިރު ގިނަ ބައަކު ކުރިއާލައި މިސްކިތަށްދާކަންވެސް ފާހަގަކުރަންޖެހެއެވެ. ބަންގިގޮވާފަހުން މިސްކިތަށް އަރައި ކުރީ ސަފުން ޖާގައެއް ލިބޭނީ މަދުމިސްކިތެއްގައެވެ. އެއީ ކުރިއާލައި މިސްކިތަށް ބައަކު ގޮސްތިބޭތީއެވެ.  

ބައެއް މީހުން ލަހުން ގޮސް މިސްކިތަށް އެރުމަށްފަހު ބަލަނީ ވީހައި ކުރިން ޖާގަހޯދުމަށެވެ. ދެމިގަންނަން ހަދައިގެން މިސްކިތުގައި ޛިކުރުކުރަން ތިބޭ މީހުންގެ ކޮނޑުގައި އަޅައިވެސް ގަނެއެވެ. ސަލާމް ދީފިނަމަ ބަލަނީ އަވަހަށް މިސްކިތުން ފޭބުމަށެވެ. އެއިރު ފަހުން އިޤްތިދާވީ މީހުންގެ ނަމާދު ނުވެސް ނިމެއެވެ. ނަމާދުން އިމާމާއިއެކު ނުލިބުނު ބައި ފުރިހަމަކުރަމުން ގެންދަނީއެވެ.  

މިޙާލަތުގައި ނަމާދަށްތިބޭ މީސްތަކުންގެ ކުރިކަނޑައެވެ. ނަމާދަށްތިބޭ ދެމީހުއްގެ ދެމެދުން ދެމިގަންނަން އުޅެން ހަދައިގެން ނަމާދަށްތިބޭ މީހުންގެ ގައިގައި ޖެހިގަނެވޭތަން ވެސް އެބަފެނެއެވެ. މިހިރީ އިޞްލާޙްކުރަންޖެހިފައިވާ ވަރަށް މުހިންމު ކަންކަމެވެ. ތިމާ ފާފަވެރިވާ ކަންކަމެވެ.  

މީހުން ތިބޭ ގޮތުން ކުރީގައި ހުސް ޖާގައެއް ހުރެދާނެއެވެ. ހުރިނަމަވެސް އެޖާގައަށް ދާންވާނީ އެހެން މީހުންނަށް އުނދަގޫ ނުވާނެ ގޮތަށެވެ. ފަހުން އަރައި ކުރި ހޯދަން އުޅުމުގެ ބަދަލުގައި ކުރިން މިސްކިތަށް އަރައި ކުރިން ޖާގަހޯދާށެވެ!  

ނަމާދަށްތިބޭ މީހުންގެ ކުރިމަތިން ހުރަސްކުރުމާއިބެހޭގޮތުން ޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން ބަޔާންކުރައްވާފައިވާ މިބަސްފުޅު ވިދާޅުވެލައްވާށެވެ! ޙައްލެއް ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ  

ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ.

(لَوْ يَعْلَمُ الْمَارُّ بَيْنَ يَدَيْ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ قَالَ أَبُو النَّضْرِ لَا أَدْرِي أَقَالَ أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً)

(ބުޚާރީ ޙަދީޘް ނަމްބަރު : 480)

މާނައީ :

 ނަމާދުކުރާ މީހާގެ ކުރިމަތިން ހިގުމުގައިހުރި ( ފާފައިގެ ބޮޑުކަން ) އެނގޭނަމަ ސާޅީސްވަންދެން ކޮޅަށް ހުރުންވެސް އޭނާއަށް ހެޔޮކަން ބޮޑުވީހެވެ.'' 

އަބޫންނަޟަރު ވިދާޅިވިއެވެ. ވިދާޅުވީ ސާޅީސް ދުވަސް ކަމެއް  ސާލީސްމަސްކަމެއް، ސާޅީސް އަހަރުކަމެއް އަހަރެންނަކަށް ނޭނގެއެވެ.''  

އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމަކީ ސުންނަތެކެވެ. ބައެއް ދަންނަބޭކަލުން ވާޖިބުކަމުގައި ވިދާޅުވެއެވެ.( ތަނބެއް، ފާރެއް އަދި މިނޫންވެސް ކުރިމަތީގައި ހުރަހެއްގެ ގޮތުގައި ބެހެއްޓޭ ކޮންމެ އެއްޗެއް ސުތުރާއެއްކަމުގައި ބެލެވޭނެއެވެ.)   

އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާ އެއް ބަހައްޓާފައި ހުރިނަމަ އެސުތުރާ އާއި ނަމާދުކުރާ މީހާއާއި ދެމެދު ހިނގުމަކީ ޙަރާމް ކަމެކެވެ. ނަމަވެސް އެ ސުތުރާގެ ފަހަތުންހިގުމަކީ ހުއްދަކަމެކެވެ. ސުތުރާ ހުންނަން ޖެހޭނީ ގާތްގަނޑަކަށް ނަމާދުކުރާ މީހާ އާ ތިން މުށް ވަރު ކައިރީގައެވެ. އެކަނި ނަމާދުކުރާ މީހާއާއި އިމާމުވެ ނަމާދުކުރާމީހާ ކުރިމަތީގައި ސުތުރާއެއް ބަހައްޓާފައި ނެތްކަމުގައި ވިޔަސް އެމީހާއާއި ގާތް ގަނޑަކަށް ތިން މުށަށްވުރެ ކައިރިން ނުވަތަ ސަޖިދަ ޖަހާ ހިސާބުން ހުރަސް ކުރުން ޙަރާމްވެގެންވެއެވެ.  

ތިން މުށަށްވުރެ ދުރުން  ނުވަތަ ސަޖިދަ ޖަހާ ހިސާބަށް ވުރެ ދުރުން ހުރަސްކުރުން ހުއްދަކަމުގައި ތަޙްޤީޤު ކުރެއްވި ބައެއް ދަންނަ ބޭކަލުން ވިދާޅުވެއެވެ. ނަމަވެސް ނަމާދުކުރާމީހާގެ ކުރިމަތިން ނުހިނގުން އައުލާކަން ބޮޑެވެ. އިމާމެއްގެ ފަހަތުގައި ނަމާދު ކުރާމީހުންގެ ކުރިމަތިން ހިނގުން ޙަރާމްވެގެން ނުވެއެވެ. އެހެނީ މައުމޫމުންގެ ސުތުރާއަކީ އިމާމު މިހާ ނުވަތަ އިމާމު މީހާގެ ސުތުރާއެވެ. ނަމަވެސް އައުލާކަން ބޮޑީ ބޭނުމަކަށްޓަކައިމެނުވީ މައުމޫމުންގެ ކުރިމަތިންވެސް ނުހިނގުމެވެ. والله أعلم

 

 

މިއަދު އޮންލައިން