ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެނގެން އޮތީ ދުނިޔޭގައި އެންމެ ގާތް މިތުރުންގެ ގޮތުގައި ބަލައިގެން އުޅުނު މީހުންނަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑެތި ހަތުރުންނަށް ވެގެންދާނެ ކަމެވެ. މިހެން ބުނާއިރަށް އެއީ ހުރިހާ އެކުވެރިން ކަމަށް ހީނުކުރާށެވެ! އެގޮތަށް ބަދަލުވެގެންދާނީ ހެޔޮ ޢަމަލުތައް ކުރަން ހަނދާންކޮށްނުދީ ހެޔޮ ޢަމަލުކުރަން ބާރު ނޭޅި މީހުން ކަމަށްވެސް އެބައޮތެވެ.
މިބުނަނީ މިޘާލެކެވެ. ނަމާދު ވަޤުތު ޖެހުނުއިރު ދެއެކުވެރިން ތިބީ ފޯނުން ވާހަކަދައްކާށެވެ! އެއީ ދެ އަންހެނުން ކަމަށްވެސް ވެދާނެއެވެ. އަންހެނުންނަށްވެސް އޮތީ ނަމާދު ވަޤުތުޖެހުމުން ވީހާ އަވަހަކަށް ނަމާދުކުރުމަށެވެ. ވީމާ މިފަދައިން ބުނާށެވެ! "އެކުވެރިޔާއެވެ! ނަމާދުވަޤުތު ޖެހިއްޖެއެވެ. އަވަހަށް ނަމާދުކުރަމާ ހިނގާށެވެ! އަހުރެން މިއަރަނީ ނަމާދަށެވެ. ތިބާވެސް އަވަހަށް ނަމާދުކުރާށެވެ!" އެހެން ބުނެފައި ފޯނު ކަނޑައިލާށެވެ!
އެގޮތަށް ކަންތައް ކުރުމުން ވާނީ ކުރާ އަޅުކަމުގެ ވާހަކަ ދެއްކިކަމަކަށް ނޫނެވެ. ވާނީ އެކުވެރިޔާއަށް ނަމާދުކުރަން ހަނޑާންކޮށްދިން ކަމަށެވެ. ވީމާ ވާނީ ފާފަވެރިއެއް ނޫނެވެ. ދެއްވަވާނީ ޘަވާބެވެ. އިން ޝާ ﷲ. އަދި ކޮފީއެއް ފަދަ ތަނެއްގައި ބައްދަލުވެ ވާހަކަ ދައްކަން ތިއްބައި ނަމާދު ވަޤުތު ޖެހުނަސް ޢަމަލުކުރަން އޮތީ ހަމަ މިމަގުންނެވެ. ކުރިން މިބުނެވުނީ މިމަގުން ޢަމަލު ނުކުރާނަމަ ޤިޔާމަތް ދުވަހު ކަންތައް ވެގެންދާނެ ގޮތެވެ.
ދެން ބުނެލަން އޮތީ ނަމާދު ވަޤުތު ގާތްވެފައިވަނިކޮށް ފޯނުކުރުން ފަދަ ކަންކަން ނުކުރާށެވެ! އެކުވެރިޔާއަށް ފޯނު ނުނަގައި ހުންނަން އުނދަގޫވެދާނެއެވެ. ވީމާ އެއުނދަގޫ އޭނާއަށް ނުޖައްށާށެވެ! ކޮންމެހެން ގުޅަންޖެހޭ ފަދަ ކަމެއް މެދުވެރިވިނަމަވެސް ވީހާ ކުރުކޮށްލައި އަވަހަށް ބާއްވަންވާނެއެވެ. ނޫންނަމަ އެމީހަކު ވާނީ އަނެކާގެ ނަމާދަށް ހުރަސްއަޅާ މީހަކަށެވެ. އެއީ ބިރުހުރި ކަމެކެވެ.
އަހުރެން ބުނާނީ ނަމާދުވަޤުތު ޖެހުމުން އެވާހަކަ ބުނަން ނުކެރޭނެ ނަމަ އެފަދަ ވަޤުތުތަކުގައި ފޯނު ނުނަގާށެވެ. ނަމާދުކޮށް ނިމިގެން ގުޅައިލާށެވެ! އެކަމަކުން އެއްވެސް މައްސަލައެއް ނެތެވެ. ވީމާ އެއީ އެކުވެރިޔާއަށް އިޙްތިރާމް ނުކުރުން ކަމަކަށްވެސް ނުވާނެއެވެ!
އަހުރެންގެ މިބަސްކޮޅު އެކުވެރިންނަށް ޝެއާކޮސްލާށެވެ! އެއިރުން އެކުވެރިންނަށްވެސް ވިސްނި ސަމާލުކަންދޭނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން