އިރާކުދަނޑި ބޭނުންކުރުމަކީ ސުންނަތެއްގެ އިތުރުން ހިރުގަނޑު ޖަރާސީމުން ސަލާމަތްކޮށްދީ ދަތްފަނިކެއުމުން ސަލާމަތްކޮށްދީ އަނގައިގަ މީރުވަސް ދުއްވައިދޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
އިރާކުދަނޑި ބޭނުންކުރުމަކީ ސުންނަތެއްގެ އިތުރުން ހިރުގަނޑު ޖަރާސީމުން ސަލާމަތްކޮށްދީ ދަތްފަނިކެއުމުން ސަލާމަތްކޮށްދީ އަނގައިގަ މީރުވަސް ދުއްވައިދޭ ކަމެއް!

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރުކަމެކެވެ.) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ" 

  ސިވާކަކީ އިރާކު ގަހުގެ މުލުން ނުވަތަ ގޮފިކޮޅަކުން ތައްޔާރުކުރެވިފައިވާ ދަނޑިކޮޅެކެވެ.

  ޢަރަބި ބަހުގައި “ސިވާކު” ގެ މާނައަކީ ދަތް އުނގުޅުމެވެ. އަދި އެއީ ސިވާކުގަހުގެ ދަނޑިކޮޅެއް ބޭނުން ކުރުމަށްވެސް ބުނެވޭ ބަހެކެވެ.

  -އަލްއިމާމުއް ނަވަވީ ރަޙިމަހުއް ﷲ ވިދާޅުވެފިއިވެއެވެ. ގިނަގިނައިން ސިވާކު ބޭނުން ކުރުން ނުވަތަ ދަތް އުނގުޅުމަކީ ދީނުގައި ވަރަށް އެދެވިގެންވާ ކަމެކެވެ. އަދި ސިވާކުން ދަތް އުނގުޅުމަކީވެސް އޭގެ ޒާތުގައި ސުންނަތެކެވެ.


ސިވާކު ބޭނުން ކުރުން އެދެވިގެންވާ ވަގުތުތަކުގެ ތެރޭގައި

  ވުޟޫ ކުރުމުގެ ކުރީގައްޔާއި ނަމާދު ކުރުމުގެ ކުރިން  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ އުންމަތުގެ މީސްތަކުންނަށް އުނދަގުލެއްކަމުގައި ނުވާނަމަ، ކޮންމެ ނަމާދަކަށް ސިވާކު ބޭނުންކުރުމަށް (ދަތް އުނގުޅުމަށް) އަމުރު ކުރެވީމުހެވެ." 

  ޢާއިލާއާއި އެކުގައި ވަގުތު ހޭދަކުރުމަށްޓަކައި ގެއަށް ވަންނަ ހިނދުގައި  ރަސޫލުﷲ ގެފާނު ގެއަށް ވެދެވަޑައިގެންފިނަމަ އެންމެފުރަތަމަ ކުރައްވާ ކަމަކީ ކޮބައިތޯ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ސުވާލު ކުރެވުނު ހިނދު ވިދާޅުވިއެވެ. “ގެއަށް ވެދެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ކަމަކީ ސިވާކު ބޭނުން ކުރެއްވުމެވެ. (އެބަހީ: ދަތް އުނގުޅުއްވައެވެ.(” 

  ނިދާ ހޭލައިގެން  ޙުޛައިފާ ބުނުލް ޔަމާންގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ނިދިން ހޭފުޅުއްލެއްވުމަށްފަހު، ސިވާކުން ރަނގަޅަށް ދަތްޕުޅު އުނގުޅުއްވައެވެ. 

  ކެއުންބުއިމުގެ ސަބަބުން ނުވަތަ އެނޫން ސަބަބަކާއި ހުރެ ނަމަވެސް އަނގައިގެ ވަސް ތަޣައްޔަރުވުމުން – ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރުކަމެކެވެ.) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ." 

  މިސްކިތައް ދިޔުމުގެ ކުރީގައި  މިސްކިތްތަށް ދިޔުމުގެ ކުރީން ނުވަތަ ނަމާދުކުރުމުގައި ޒީނަތްތެރި ވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އަލް އަޢްރާފު ސޫރަތުގެ 31 ވަނަ އާޔަތުގައި އަންގަވާފައެވެ. އެ ޒީނަތްތެރި ކަމުގެ ތެރޭގައި ސިވާކު ބޭނުންކުރުން ނުވަތަ ދަތް އުނގުޅުންވެސް ހިމެނެއެވެ. 

  ޤުރްއާން ކިޔެވުމާއި ޛިކުރު ކުރުމުގެ ކުރީން  އެހެނީ ޛިކުރުގެ މަޖްލިސްތަކަށް މަލާއިކަތުން ޙާޟިރުވެވަޑައިގަންނަވައެވެ. މަލާއިކަތުންނަށް ނުބައި ވަހުގެ ސަބަބުން އުނދަގޫވެލައްވައެވެ.

ސިވާކު ބޭނުންކުރުމުގެ އަދަބު ތަކުގެ ތެރޭގައި

  ޢާއްމު ތަންތާނގައި ސިވާކު ބޭނުން ކުރުމުގައި، މީހުން ފަކުރު ނުގަންނާނޭހެން ބޭނުން ކުރުމާއި
  ބޭއްވުމުގެ ކުރިން ނުވަތަ ރައްކާކުރުމުގެ ކުރީން ސިވާކު ދޮވެލުން ނުވަތަ ތާހިރުކޮށްލުން
  ތާހިރު ތަނެއްގައި ސިވާކު ރައްކާ ކުރުން


ޙަކީމީ ގޮތުންނާއި ޠަބީޢީ ގޮތުން ބަލާއިރު ސިވާކަކީ:

  ސިވާކުގެ ޢަރަޤަކީ ޖަރާސީމު މަރައިލާއި އަނގައިގެ ހުތްވަސް ކަނޑުވައިދޭ އެއްޗެއް
  ސިވާކު ދަނޑީގައި ހުންނަ ނަރުވާތަކަކީ ދަތް އުނގުޅާ ބުރުހެއްފަދަ އެއްޗެއް، ވީމާ ސިވާކު ދަނޑިކޮޅަކީ ދަތްއުނގުޅާ ބުރުހަކާއި ބޭހުގެ ބަދަލުގައި ބޭނުން ކުރެވިދާނޭ ރަނގަޅު އެއްޗެއް 

  ސިވާކުގައި އެކުލެވޭ މަޢުދަނުގެ ބާވަތްތަކަކީ ޖަރާސީމު މަރައިލަދީ ދަތްފަނިކެއުމުން ރައްކާތެރިކޮށް ދިނުމުގައި އެހީތެރިވެދޭ އެއްޗެއް. މިޒަމާނީ ދަތް އުނގުޅާބޭހުގައި އެކުލެވިގެންވާ ބާރުގަދަ ކެމިކަލްތަކަށްވުރެ، ޠަބީޢީ މާއްދާތަކެއް އެކުލެވިގެންވާ ސިވާކުގެ ފައިދާ މާބޮޑުކަން އެތަކެއް ސައިންޓިފިކް ރިސާޗްތަކަކުން ދައްކައެވެ. 

  ސިވާކަކީ ބައިވަރުން ޑޮކްޓަރުންނާއި އަދި ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާއެއް ކަމުގައިވާ ޑަބްލިއުއެޗްއޯގެ އިތުބާރު ދީފައިވާ، ބޭނުން ކުރުމަށް ހިތްވަރުދޭ އެއްޗެއް!

 

 

މަސްދަރު: ދިސަލަފިއްޔާ

 

 

 

 

މިއަދު އޮންލައިން