އެކިވަރުގެ ފާޙިޝް ޢަމަލުތައް ކުރުން ގިނަވަމުން އައިސް ޒިނޭ ކުރުން މިއަދު މިވަނީ އެންމެ ބޮޑު އެއް ވަބާކަމަށް ވެފައެވެ. ގިނަ ބައެއްގެ ސުވާލަކީ އެކަމުން ސަލާމަތްވެ އަހުރެންނަށް ހުރެވޭނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބަކީ ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ނަފްސް ދެކެ ތިމާ ލޯބިވާށެވެ! މީހަކަށްޓަކައެއް ނޫނެވެ. ތިމާގެ އަމިއްލަ ނަފްސަށްޓަކައި އުފާވެރި އަދި ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދޭށެވެ! އެކަންކަން ޙާޞިލުކުރެވޭނީ ހަވާ ނަފްސުގެ އެދުންތަކަށް ދީލާނުލައި ކެތްތެރިވެގެން ކަމަށް އަމިއްލައަށް ކަނޑައަޅާށެވެ!
ޔަޤީންކުރާށެވެ! ހަވާ ނަފްސަށް ދީލާލައި ފާޙިޝް ޢަމަލުތައްކޮށް ޒިނޭކުރާ މީހަކަށް ބާއްޖަވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. ޒަވާޖީ ޙަޔާތުގައި އުފާވެރިކަމެއްވެސް ނުލިބޭނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާތީއެވެ. ދިރިއުޅުމުގައި ބަރަކާތް ނުލައްވަވާނެތީއެވެ.
އަޑަސް ލެވުނުހައި ބާރެއްލައި މިބުނަނީ ކެތްތެރިވެލުމަށެވެ. ކައިވެނިކުރެވޭ ޢުމުރަށް އެޅެންދެންނެވެ. ތިމާ އާއިއެކު އުޅޭނެ ހެޔޮލަފާ ބައިވެރިއަކު ލިބެންދެންނެވެ. އެކަމަށް ކެތްތެރިވެނުވެވޭ މީހަކަށް އުފާވެރި ދިރިއުޅުމެއް ލިބުން އޮންނާނީ ވަރަށް ދުރުކަމެއްގެ ގޮތުގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން