ދުލުގައި ވާގިހުރިނަމަ ކޮންމެ ވާހަކައެއްވެސް ބުނެވިދާނެއެވެ. ނަމަވެސް ފައިދާކުރާނީ ތެދު ބުނުމުންނެވެ. ބައިވެރިޔާއަށް އަނިޔާވެރިވެފައި މިއީ ތަޤްދީރު ކަމަށް ނުވަތަ ދުނިޔޭގެ ޤާނޫނުކަމަށް ބުނުންވާނީ ހެދޭ ކޮންފަދަ ބޮޑު ދޮގަކަށް ހެއްޔެވެ؟ އެފަދަ ބޮޑެތި ދޮގުތައް ހަދާ ވަޤުތު އެމީހެއް ދުލުގައި ކޮށެއް ނުޖައްސަވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ނޫންހެއްޔެވެ؟
ދުނިޔޭގައި އުޅެން ލިބޭ ދުވަސްކޮޅު، ކޮންމެ ދުވަހަކު އުފަލުގައި ހުރެވޭނީ ހާހަކުން މީހަކަށްހައި މަދު މީހަކަށެވެ. ހިތާމަތަކާ ހިތްދަތިކަމުގައިވެސް އުޅެންޖެހޭނެއެވެ. އެއީ ދުނިޔޭގެ ސުންނަތްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. އެއިގެ މާނައަކީ މީހުންނަށް އަނިޔާވެރިވުމެއް ނޫނެވެ. ހިތްދަތިކުރުވުމެއް ނޫނެވެ. މީހަކު ދެރަކޮށް ނިކަމެތިކޮށްލާފައި ނުވަތަ މީހަކަށް އަނިޔާވެރިވެފައި މިއީ ދުނިޔޭގެ ޤާނޫނުކަމަކަށް ނުބުނެވޭނެއެވެ. އެއީ އެކަންކުރި މީހާގެ ނުބައި ނުލަފާ ކަމެވެ.
ބައެއް އަންހެނުންނަކީ ޒަވާޖީ ޙަޔާތުގައި އުފާވެރިކަން ލިބިގެން ދިރިއުޅެމުންދާ ބައެއް ނޫނެވެ. ހިތާމައާއި ހިތްދަތިކަމުގައި ދިރިއުޅެން ޖެހިފައިވާ އަންހެނުން ވަރަށް ގިނައެވެ. އެހާލަތުގައި އުޅެންޖެހުމުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކުރެވޭގޮތް މެދުވެރިއެވެ.
އަހަރެންގެ ނަޞޭޙަތަކީ ކޮންމެ ޙާލަތެއްގައި ދރިއުޅެން ޖެހުނު ނަމަވެސް ކުރާ ކޮންމެ ކަމެއްވެސް އިޚްލާޞްތެރިކަމާއިއެކު ވީހައި ރަނގަޅަކަށް ކުރަމުން ގެންދިއުމެވެ. އެހެނީ ކުރާ ކަންކަން ކުރަންވީ މީހަކަށްޓަކައެއް ނޫނެވެ. މީހަކު ތިމާ އާއިމެދު ކަންކަންކުރާ ގޮތަށް ބަލައިގެނެއް ނޫނެވެ.
ކުރާކޮންމެ ކަމެއްވެސް ކުރަންވީ ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ބަލައިގެންނެވެ. އެކަން އެގޮތަށް ކުރެވޭނީ ކައްވަޅަށް ދާންޖެހޭނެ ވަގުތަށް ބިރުވެތިވެގެންނެވެ. ކައްވަޅުގެ ޙަޔާތަށްފަހު ކުރިމަތިލާންޖެހޭނެ އާޚިރަތަށް ބިރުވެތިވެވޭނީ ފުރަތަމަ ކައްވަޅުގެ ޙަޔާތަށް ބިރުވެތިވެގެންނެވެ.
ކިތަންމެ ބޮޑު މާޔޫސްކަމެއްގައި ދިރިއުޅެން ޖެހުނު ނަމަވެސް އަޅުކަމަށް ފަރުވާކުޑަނުކުރާށެވެ! އަދި ކައިވެނީގައި ހުރިހާ ދުވަހަކު ފިރިމީހާގެ ކަންކަމުގައިވެސް ގޭތެރޭގެ ކަންކަމުގައިވެސް ފަރުވާކުޑަނުކުރާށެވެ! ކޮންމެ ޙާލަތެއްގައިވެސް ދަރިންނަށް ފަރުވާކުޑަނުކުރާށެވެ! އެއރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ.
ދުނިޔޭގައި ކޮންމެ މީހަކުވެސް ލެއްވެވީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. އެވަގުތުކޮޅަކީ އަމާނާތެކެވެ. އެއަމާނާތް ފުރިހަމަގޮތުގައި އަދާކުރުމުން މެނުވީ ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ!
މިތަނުގައި ހުރެގެންވެސް ތަކުރާރުކޮށްލާނަމެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެފައި އުފަލަކު ނުހުރެވޭނެއެވެ. ނުވެސް އެނގި ހުއްޓާ ދެރަގޮތްތައް މެދުވެރިވެ ކަރުނައަޅަންޖެހޭނެއެވެ. އެކަން އަބަދުވެސް މިއަންނަނީ ފެންނަމުންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން