ހުކުރުވިލޭރޭގެ ފަތިހުން ފެށިގެން މިގޮތަށް ދުވަސް ފަށައިބަލާށެވެ! ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ހެޔޮ ބަދަލެއް ގެނެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ހުކުރުވިލޭރޭގެ ފަތިހުން ފެށިގެން މިގޮތަށް ދުވަސް ފަށައިބަލާށެވެ! ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ހެޔޮ ބަދަލެއް ގެނެވޭނެ! އިން ޝާ ﷲ: މުފްތީ މެންކް

ދިރިއުޅުމުގެ ކަންކަމަށް ހެޔޮ ބަދަލު ގެންނަން ބޭނުން ނުވާ މީހަކު ނުހުންނާނެއެވެ. ހަމައެފަދައިން ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބެން ބޭނުން ނުވާނެ މީހަކުވެސް ނުހުންނާނެއެވެ. އެކަމަކު މިއިން ކޮންމެ ކަމަކީވެސް އެކަމަށް މަސައްކަތްކުރުމުން ޙާޞިލުކުރެވެން ހުރި ކަންކަމެވެ. 

ދިރިއުޅުމުގެ ވަކިކަމަކަށް ނޫނެވެ. ހުރިހާ ކަމަކަށްވެސް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށްވެސް ނިކަން ހުކުރުވިލޭރެއިން ފަށައިބަލާށެވެ! ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ އަގުބޮޑުވެގެންވާ ފަތިސްނަމާދުގެ އިހުސުންނަތުގެ ދެރަކްޢަތުން ފަށައި ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދު (ހުކުރުވިލޭރޭގެ) ފަތިސް ނަމާދުން ދުވަސްފަށައިބަލާށެވެ. 

ފަތިސްނަމާދު ނިމިގެން ޛިކުރުކޮށް ޤުރްއާން ކިޔަވާލަން ނިކަން މިސްކިތުގައި މަޑުކޮށްލައިބަލާށެވެ. މުޅި ހަފްތާއަށް އަލިގަދަ ނޫރެއް ދެއްވަވާ ކަހްފި ސޫރަތް ކިޔަވާލައި ނިމޭއިރު އޮންނާނީ އިރު އަރައިފައެވެ. ލޮންސިއެއްގެ ބޮޑުމިނަށް އިރު އެރުމުން ޞުޙާނަމާދުގެ 2 ރަކްޢަތް ނިކަން ކޮށްލައިބަލާށެވެ. އެއިރުން އެލިބުނީ ޙައްޖާއި ޢުމްރާއެއްގެ ޘަވާބެވެ. އިން ޝާ ﷲ 

ބޭނުންނަމަ އަރާމުކޮށްލާށެވެ. ނޫންނަމަ ކޮންމެވެސް ކަމެއްގައި މަސްއޫލްވާށެވެ. ހުކުރު ދުވަހަކީ ބަންދު ދުވަހަކަށްވުމުން އޮފީހަށްދާކަށް ނުޖެހޭނެއެވެ. ވީމާ ލިބުނު ފުރުޞަތުގައި އަނބިމީހާއަށް އެހީތެރިވެދީ ގޭގެ ކަންކަން ކޮށްލާށެވެ. ދަރިންނާއިއެކު ވަޤުތު ހޭދަކޮށްލާށެވެ. 

ދެން ވީހައި އަވަހަކަށް ހުކުރަށްދާށެވެ. ހުކުރު ނަމާޑަށް "ޖުމްޢަ" މިކިޔެނީ ކީއްވެގެންހެއްޔެވެ؟ އެއީ ގިނަ ބައަކު އެއްތަނަކަށް ޖަމާވެ އެއްވެ ތިބޭ ނަމާދަކަށްވާތީއެވެ. އަވަހަށް ހުކުރަށްދާންވީ އިމާމް އާއި ވީހައި ގާތުން ޖާގަ ހޯދާށެވެ! ކުރީ ސަފުން ޖާގަ ހޯދުމުގައި ތަނަވަސް މީހުންނަށް، އަވަށުގެ ބޮޑުންނަށް ބެލުމެއް ނެތެވެ. ފަޤީރުން، ނިކަމެތިން ތިބެންޖެހޭނީ ފަހަތު ސަފުތަކުގައި ކަމަކަށް ނެތެވެ. ލުރިއާލައި މިސްކިތަށް ގޮސް ޖާގަހޯދަންވީއެވެ. 

މިއީވެސް ވަރަށް މުހިންމު ކަމެކެވެ. ހުކުރަށް ދިއުމުގައި ބައްދަލުވާ މީހުންނާއި ސަލާމްކޮށް އެންމެންނާއިވެސް ވާހަކަދައްކާށެވެ. ޙާލުގެވާހަކައިން ސުވާލުކުރާށެވެ. ދަތިޙާލުގައި ހުރި މީހަކާއި ބައްދަލުވެއްޖެނަމަ ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. "ޖުމްޢާ"ގެ ބޮޑު އެއްވުން އެއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީވެސް އެއީއެވެ. 

ދެން ގެއަށް ގޮސް ޢާއިލާ އާއިއެކު ކައިގެން ދުވަހުގެ ދެން ހުރި ފަރުޟް ނަމާދުތަކަށް ރައްކައުތެރިވެބަލާށެވެ. އަދި ހުކުރު ދުވަހު ޢަމަލުކުރި ފަދައިން ހަފްތާގެ ދެންހުރި ދުވަސްތަކުގެ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ. ސުންނަތް ނަމާދުތައްވެސް ކުރަމުން ގެންދާށެވެ. ދިރިއުޅުމަށް ބޮޑެތި ކުރިއެރުންތައް ލިބި ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާތަން ދާދި އަވަހަށް ފެންނާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން