ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ޚިޔާނާތްތެރިވުން- 40 އަހަރުވީއިރުވެސް ދަރިއަކު ނުލިބި ހުރި އަންހެނަކަށް ދަރިންނާ މާއުފާވެރި ދިރިއުޅުމެއް ލިބެން މެދުވެރިވި ސަބަބަށްވީ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ޚިޔާނާތްތެރިވުން- 40 އަހަރުވީއިރުވެސް ދަރިއަކު ނުލިބި ހުރި އަންހެނަކަށް ދަރިންނާ މާއުފާވެރި ދިރިއުޅުމެއް ލިބެން މެދުވެރިވި ސަބަބަށްވީ ގޮތުގެ ވާހަކަ-

ވާހަކައަށް ފެށުމުގެ ކުރިން ކަމެއް ފާހަގަކޮށްލާނަމެވެ. އެކަމަކީ ތިމާ ރަނގަޅު ގޮތުގައި ހުއްޓައި ކައިވެނި ރޫޅިއްޖެނަމަ މާއުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް ބުނާ ބުނުމަށް މިވާހަކައިންވެސް ހެކި ލިބޭނެ ކަމެވެ.  

ކައިވެނި ރޫޅޭނީ ސަބަބެއް މެދުވެރިވެގެންނެވެ. ދެއްވަވަން އޮތް މާރަނގަޅު ބައިވެރިޔާ ލިބޭނީ ކައިވެނި ރޫޅިގެންނެވެ. ވީމާ ތިމާ ރަނގަޅު ގޮތުގައި ހުއްޓައި ކައިވެނި ރޫޅުނަސް ހިތާމަކުރުމެއް ނެތެވެ. ލައްވަވާ ރަޙްމަތް މާބޮޑުވާނެތީއެވެ. އިން ޝާ ﷲ. މިކަންކަމަށް ވިސްނަވައިގެން މިވާހަކަ ވިދާޅުވެލައްވާށެވެ!

އެއިރު އަނބިމީހާގެ ޢުމުރަކީ 39 އަހަރެވެ. ފިރިމީހާގެ ޢުމުރަކީ 45 އަހަރެވެ. ދިރިއުޅެމުން ދިއައީ އަނބިމީހާގެ ގޭގައެވެ. ވަރަށް އުފަލުގައެވެ. 2 މީހުންވެސް ވަޒީފާ އަދާކުރެއެވެ. ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. ހަމައެކަނި މަދުވަނީ ދަރިއެކެވެ. ދަރިއަކު ނުލިބެނީ ފިރިމީހާގެ މައްސަލައެއްގައެވެ. އެމައްސަލައަކީވެސް ފަރުވާކުރުމުން ރަނގަޅުވުމުގެ ފުރުޞަތު ބޮޑު ކަމެކެވެ.  

އެހެނަސް ފިރިމީހާ ފަރުވާކުރާކަށް ބޭނުމެއް ނުވިއެވެ. ފިރިމީހާ ބުނަމުން ދިއައީ ވަޤުތު ޖެހުމުން ދަރިން ލިބޭނެ ކަމަށާއި އެއީ ފަރުވާކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަނބިމީހާ ހުރީ ވަރަށް ބޮޑަށް ދަރިއަކަށް ބޭނުންވެގެންނެވެ. އެހެންކަމާއިއެކުވެސް ފިރިމީހާ ގޮތްދޫނުކުރުމުން ކެތްތެރިވެގެންހުރީއެވެ. 

އެހެން ހުއްޓައި ފިރިމީހާ ބުނީ އޮފީހުގެ ބޭނުމަކު ދަތުރަކު ދާންޖެހިއްޖެ ކަމަށެވެ. ދަތުރަށް ފުރަން އޮތް ރޭ ދެއްކީ ވަރަށް ޙައިރާންކުރުވަނިވި ވހަކަތަކެކެވެ. "އަހަރެން ކަލޭގެ ކުރިން ކައިވެންޏެއް ކުރީމެވެ. އެކައިވެނީގައި ދަރިއަކުވެސް ވަނީ ލިބިފައެވެ. އެ ދަރިފުޅުގެ ޢުމުރަކީ މިހާރު 20 އަހަރެވެ. ދަރިފުޅު މިހާރު ބޭނުންވަނީ އަހަރެންގެ ގާތަށް އެނބުރި އަންނާށެވެ. އަހަރެންނާއިއެކު ދިރިއުޅޭށެވެ. މިވާހަކަތައް ކިޔައި ނުދެވި މިހައި ގިނަދުވަސްވީތީ ވަރަށް ދެރަވަމެވެ. ފަހުން ނަމަވެސް މިކިޔައިދިނީއެވެ.  

އަހަރެންނަށް ދާން މިޖެހެނީ ދަރިފުޅު އުޅޭ ސިޓީއަށެވެ. އެނބުރި އަންނައިރު އެކުގައި ދަރިފުޅު ގެންނަން ޤަޞްދުކުރަމެވެ. އެކަމަށް އިޢްތިރާޒްނުކުރާނެ ކަމަށް ހީކުރަމެވެ."  

އަނބިމީހާ ވިސްނައިލުމަށްފަހު އެކަމަށް އެއްބަސްވިއެވެ. އެއީ އަމިއްލަ ދަރިއަކު ލިބިފައި ނެތުމާއި ބޮޑުވެފައި ހުރި ދަރިއަކު ނަމަވެސް ގޭގައި އުޅޭނަމަ ދިރިއުޅުން އިތުރަށް ފުރިހަމަވާނެ ކަމަށް ބަލައިގެންނެވެ.  

ފިރިމީހާ އެނބުރިއައީ "ދަރިފުޅު" ގޮވައިގެންނެވެ. "ދޮންމަންމަ" މަރުޙަބާ ކިޔައި ވަރަށް ހެޔޮކޮށް ހިތިއެވެ. އަމިއްލަ ދަރިއަކު ފަދައިން ގޭގައި ގެންގުޅުނެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން ސުވާލުތަކެއް އުފެދެން ފެށިއެވެ. "ބޮޑުވެފައި ހުރި އަންހެން ދަރިއަކު ލައްވައި ގޭގެ އެއްވެސް ކަމެއް ނުކުރުވަނީ ކީއްވެގެންބާވައެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއްވެސް ކޮށްދޭން އަހަރެންނަށް ޖައްސުވަނީ ކީއްވެގެންބާވައެވެ. ދެމަފިރިން އެނދުގައި ތިބޭއިރު އައިސް މެދަށް އަރައި ބައްޕަގެ ގައިގަ ބައްދާލައިގެން އޮންނަނީ ކީއްވެގެންބާވައެވެ!  

ދަރިފުޅަށް ކިޔަވައިދޭން ކޮލެޖަށް ފޮނުވުމުގެ އިތުރުން އޭނާ ބޭނުންވާހައި އެއްޗެއް ދަރަނިވެރިވެގެންވެސް ގަނެދެނީ ކީއްވެގެން ބާވައެވެ! މިހުރިހާ ކަމެއްގެ އިތުރުން ދަރިފުޅު ގެނައިފަހުން އަހަރެންނާއި ދުރުހެލިވީ ކީއްވެގެންބާވާވައެވެ! ފިރިމީހާޢަކީ އެކުގައި އެއްދާންކުރަން ވަރަށް ބޭނުންވާ މީހެކެވެ. ލޯބިނުދިނުމުގެ އިތުރުން އެކުގައި އެއްދާންނުކުރަނީ ކީއްވެގެންބާވައެވެ!"  

ކުރިމަތިވަމުން އައި ކަންކަމަށް ކެތްނުކުރެވޭވަރުވުމުން ބުނީ އަނބިމީހާ އޭނާގެ އޮފީހުގެ ބޭނުމަކު ދަތުރަކު ފުރަންޖެހިއްޖެ ކަމަށެވެ. ނަގާފައި އޮތް ޓިކެޓްވެސް ދެއްކިއެވެ.  

ފުރަން ގެއިން ނުކުތީ ރޭގަނޑު 8 ޖެހިތަނާއެވެ. "ދެބަފައިންނާ" ސަލާމްކޮށްފައެވެ. އަނބިމީހާ ރާވާފައި އޮތް ގޮތަށް ކަންކަން ކުރިއެވެ. 10.30 ހާއިރު އަނބުރައި ގެއަށް ދިއައެވެ. އެއްވެސް މީހެއްގެ ހިލަމބެއް ނުވުމުން މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެނދުގައި "ދަރިފުޅާއި ބައްޕަ" ބައްދައިގެން އެތިބީ އެއްވެސް ފޭރާމެއް ނެތިއެވެ. އެހިސާބުން ގެއަށް ގެނެސްގެން މިގެންގުޅޭ ދަރިފުޅުގެ ޙަޤީޤަތް އެނގުނެވެ. އަނބިމީހާ އެކަމާއި ޒުވާބުކުރާކަށް ނުހަދައެވެ. "ދެބަފައިން" ކަމަށް ހެދިގެން އުޅުނު ދެލޯބިވެރިން ގެއިން ނެރެލީއެވެ.  

ގެއިން ނެރެލުމުން އެމީހާ ބުންޏެވެ. "މިޖެހުނީ ވަރަށް ނިކަމެތި ޙާލެކެވެ. އަހަރެންގެ ގެއެއް ނެތެވެ. އަހަރެމެން ދިރިއުޅޭނެ ތަނެއް ކުއްޔަށް ހިފާނެ ފައިސާއެއްވެސް ނެތެވެ. މުސާރައިން ވަނީ އެޑުވާންސެއް ނެގިފައެވެ." އަންހެން ކުއްޖާ ބުންޏެވެ. "އަހަރެމެންނޭ ނުބުނާށެވެ! އަހަރެން ގެންދާނެ ބައިވަރު ފިރިހެނުން އެބަ ތިއްބެވެ. ކަލޭ އުޅޭނެ ގޮތެއް ކަލޭ ހޯދާށެވެ!" އެހެން ބުނެފައި ޓެކްސީއެއް ހުއްޓުވައިގެން އޭނާ ދިއައީއެވެ. ޙާލުގައި ޖެހި ނިކަމެތިވީ އެހައިތަނަށް ތަނަވސްކަމާއިއެކު ނުހަނު އުފަލުގައި ދިރިއުޅެމުން އައި ފިރިހެންމީހާއެވެ.  

އަނިޔާ ލިބުނު އަނބިމީހާ ދެވަނަ ކައިވެނިކޮށް އުފަލުގައި ދިރިއުޅެން ފެށީއެވެ. ދެވަނަ ކައިވެނީގައި ދަރިންވެސް ލިބި މާއުފަލުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަހަޅައިލީ އަޅުގަނޑު ބަލށާފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިއީ ފިލްމެކެވެ. އެކަމަކު މިފަދަ ފިރިން މިއަދު މަދުތޯއެވެ؟ އަނބިން ގާތުގައި ބުނެލަން ބޭނުމީ ޢިބްރަތް ޙާޞިލްކުރާށެވެ. ހޭލުންތެރިވެ ތިބޭށެވެ.  

ޅުދު އަޅުގަނޑަކީވެސް ފިރިމީހާ ގެއަށް ގެނައި "ކޮއްކޮ" އަކާއިހުރެ ކައިވެނި ރޫޅާލަންޖެހުނު އަނހެނެކެވެ. ޝައްކުވުމުން އަނިޔާލިބޭކަށް މަޑެއް ނުކުރަމެވެ. އަވަހަށް ސަލާމަތްވީއެވެ.

 

- ޒިދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން