ތިބާގެ އީމާންކަމަށް ﷲ ތަޢާލާ ހެކިވެވޮޑިގަންނަވަން ބޭނުންވޭތަ؟ އެކަމަށް ﷲ ތަޢާލާ ހެކިވެވޮޑިގެންފިނަމަ އެވަދެވުނީ ސީދާ ސުވަރުގެ ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 3ސ
ތިބާގެ އީމާންކަމަށް ﷲ ތަޢާލާ ހެކިވެވޮޑިގަންނަވަން ބޭނުންވޭތަ؟ އެކަމަށް ﷲ ތަޢާލާ ހެކިވެވޮޑިގެންފިނަމަ އެވަދެވުނީ ސީދާ ސުވަރުގެ ނޫންތަ؟

މިއީ ހަމަ ހަނދުމަކޮށްދިނުމެކެވެ. ދެފައިގައި ހިފައި އާދޭސްކުރުމެކެވެ. ކޮން ކަމަކަށް ހެއްޔެވެ؟ ރަމަޟާން މަސް ނިމުމުން ރޭއަޅުކަންކުރުން ހުއްޓާނުލުން އެދިގެންނެވެ. އާދޭސްކޮށްފައި ބުނަމެވެ. ރޭއަޅުކަންކުރުން ހުއްޓައިނުލާށެވެ! އެންމެ 2 ރަކްޢަތް ނަމަވެސް ކުރަމުން ގެންދާށެވެ. އިތުރަށް މޮޅުކޮށްލަން ބޭނުންވާނަމަ ރޭއަޅުކަމުގެ (ތަހައްޖުދު ނަމާދުގެ) 2 ރަކްޢަތާ ވިތުރިގެ 3 ރަކްޢަތް ނަމަވެސް ކުރަމުން ގެންދާށެވެ. 

އެކަމުން ލިބޭނެ ފައިދާތައް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އެއިގެ ތެރެއިން އެއް ކަމަކީ ދަމުނަމާދުގައި ދެމިތިބޭމީހުންގެ އީމާންތެރިކަމަށް މާތްﷲ ހެކިވެ ވޮޑިގަންނަވާކަމެވެ. އެމީހެއްގެ އީމާނަކަމަށް ﷲ ތަޢާލާ ހެކިވެވޮޑިގެންފި މީހަކަށް އެލިބެނީ ސީދާ ސުވަރުގެ ވަނުމުގެ ފުރުޞަތެވެ. ދެން ނިކަން ބުނެބަލާށެވެ! ރަމަޟާން މަސް ނިމުމުން ރޭއަޅުކަން ކުރުން ހުއްޓާލަން ހެޔޮވެދާނެ ހެއްޔެވެ؟ 

މާތްﷲ ވަނީ ކީރިތި ރަސޫލާގެ މައްޗަށް ދަމުނަމާދު ފަރުޟު ކުރައްވައި އަދި އުއްމަތުގެ މީހުންގެ މައްޗަށް ގަދަވެގެންވާ ސުންނަތެއްކަމުގައި އެނަމާދު ލައްވައިފައެވެ. 

وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَ‌بُّكَ مَقَامًا مَّحْمُودًا   ﴿٧٩ سورة الإسراء

މާނައީ ” އަދި (فرض ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް خاص ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ قرآن ކިޔަވައިވިދާޅުވެ، تهجّد ނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حمد ލިބިގެންވާ مقام އަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ! “ 

ދަމުނަމާދުގައި ދެމިތިބޭމީހުންނާއި ބެހޭގޮތުން މާތްﷲ ވަޙި ކުރައްވާފައިވެއެވެ. 

إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَعُيُونٍ ﴿١٥ ءَاخِذِينَ مَآ ءَاتَىٰهُمْ رَ‌بُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَ‌ٰلِكَ مُحْسِنِينَ ﴿١٦ كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧ وَبِٱلْأَسْحَارِ‌ هُمْ يَسْتَغْفِرُ‌ونَ ﴿١٨ سورة الذاريات

މާނައީ: ” ހަމަކަށަވަރުން، تقوى ވެރިިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ. އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. “ 

މީގެ އިތުރުން ދަމުނަމާދުގައި ދެމިތިބޭމީހުންނަކީ ހެޔޮލަފާ އަޅުންގެތެރޭގައި ހިމެނޭނެ ބައެއްކަމަށް އަންގަވައި މާތްﷲ އެބައިމީހުންނަށް ތަޢްރީފާއި ޘަނާގެ ބަސްވަޙީ ކުރައްވަނީ މިފަދައިންނެވެ.

وَعِبَادُ ٱلرَّ‌حْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْ‌ضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًا ﴿٦٣ وَٱلَّذِينَ يَبِيتُونَ لِرَ‌بِّهِمْ سُجَّدًا وَقِيَـٰمًا ﴿٦٤ سورة الفرقان

މާނައީ: ” رحمن ވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން مخاطب ކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭޭ ބުނެތެވެ. އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، سجدة ކުރުމުގައްޔާއި، قيام އަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ. “ 

އަޅުގަނޑުމެންގެ އީމާންކަމަށް ހެކި ވާނީ ކޮންބައެއްތޯއެވެ؟ ދަންނަވަންތޯއެވެ. ދަމުނަމާދުގައި ދެމިތިބޭމީހުންގެ އީމާންތެރިކަމަށް މާތްﷲ ހެކިވެ ވޮޑިގަންނަވައެވެ. އެކަލާނގެ ވަޙީ ކުރައްވަނީ: 

إِنَّمَا يُؤْمِنُ بِـَٔايَـٰتِنَا ٱلَّذِينَ إِذَا ذُكِّرُ‌وا۟ بِهَا خَرُّ‌وا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَ‌بِّهِمْ وَهُمْ لَا يَسْتَكْبِرُ‌ونَ  ﴿١٥ تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَ‌بَّهُمْ خَوْفًا وَطَمَعًا وَمِمَّا رَ‌زَقْنَـٰهُمْ يُنفِقُونَ ﴿١٦ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّ‌ةِ أَعْيُنٍ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ ﴿١٧  سورة السجدة

މާނައީ: ” ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާކަން ކަށަވަރީ، އެ آية ތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، سجدة އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔާ މީހުންނެވެ. އަދި އެއުރެން كبر ވެރިއެއް ނުވާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“ 

މީގެ އިތުރުން މާތްﷲ ގެ ދަރުބާރުގައި ރޭ އަޅުކަން ކުރާމީހުންނާއި އެހެންމީހުން ހަމަހަމަވުން ނަފީ ކުރައްވައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ 

أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ‌ ٱلآخِرَ‌ةَ وَيَرْ‌جُوا۟ رَ‌حْمَةَ رَ‌بِّهِ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ إِنَّمَا يَتَذَكَّرُ‌ أُو۟لُوا۟ ٱلْأَلْبَـٰبِ ﴿٩  سورة الزمر

މާނައީ: ” ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) سجدة ގައްޔާއި، قيام ގައި މަޑުމޮޅިވެ، آخرة ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ رحمة އަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ. “

 

ލިޔުމުގެ މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން