ޢާންމު ގޮތަކަށް ބަލާނަމަ ގިނަ ބައަކު ކައިވެނިކުރަނީ ލޯބިވެ ލޯބިން އެކުގަ ދިރިއުޅޭނެ ކަމަށް އެތައް ވަޢުދެއްވުމަށްފަހުގައެވެ. ނަމަވެސް ވަރި މިހާބޮޑަށް ގިނަވަމުން މިދަނީ އެވަޢުދު އުވައިލާތީއެވެ. ކައިވެނިކުރުމަށްފަހު ލޯބިނުދީ ބައިވެރިޔާ ބާކީކޮށްލާތީއެވެ.
ގިނަ ފަހަރަށް އެގޮތަށް ކަންތައް ކުރެވެނީ ކައިވެނިކުރެވޭ ފަހުން ބައްދަލުވާ މީހަކު ދެކެ ލޯބިވެވި އޭނާއާއި ގުޅެން ބޭނުންވެވުމުންނެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެއެވެ.
އެންމެ ބޮޑު މައްސަލައަކަށްވަނީ ބައިވެރިޔާ ދެކެ ލޯބި ނުވިނަމަވެސް އެކަން ސިއްރުކޮށް ލޯބިވާކަމަށް ދައްކައިގެން އުޅޭތީއެވެ. އެއިރުން އެކުރެވެނީ މާބޮޑު ކުށެކެވެ. ބައިވެރިޔާ އާއި ވަކިވާން ބޭނުންވެއްޖެނަމަ އެކަން ސިއްރުކޮށް އަނެކާއަށް އަނިޔާނުކުރާށެވެ. އެކަން ސިއްރުކޮށް ލޯބިނުވާއިރުވެސް ލޯބިވާކަމަށް ހެދިގެން އުޅުމަކީ ވަކިވުމަށްވުރެވެސް މާބޮޑު އަނިޔާއެކެވެ.
އެކަން އެންމެ ބޮޑަށް އިޙްޞާޞްކުރަންޖެހެނީ އަންހެނުންނަށެވެ. އެއީ އޭނާ ދެކެ ފިރިމީހާ ލޯބިނުވާއިރުވެސް، ވަކިވާން ބޭނުންވެ އެކަން ސިއްރުކޮށްގެން ހުއްޓައިވެސް ބަލިވެ އިނދެ ކުދިން ލިބޭތީއެވެ. ކުދިން ލިބޭފަހުން ވަރިކުރާތީއެވެ. އެއީ އަންހެނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ.
ބުނަންހެއްޔެވެ؟ އަންހެނެއް އަދި ފިރިހެނެއް ކިޔާނެ ކަމެއް ނެތެވެ. ކައިވެނިކުރުމަށްފަހު ވަޢުދު އުވާލާ މީހަކަށް ކަރުނައަޅަން ނުޖެހިނުދާނެއެވެ. ގިނަ މީހުންނަށް އޮންނާނީ މުޅި ޢުމުރުގައިވެސް އެކަމަށް ހިތާމަކުރަންޖެހިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން