ރަމަޟާން މަހު އަނބިމީހާ ހިނިތުންކުރުވާފައި ބަހައްޓަން ވަރަށް ގިނަ ފިރިން މަސައްކަތްކުރެއެވެ. އަނބިމީހާއަށް ދަތިނުވާނެ ގޮތަށް ކަންކަން ކޮށްދީ އަދި އެއްޗެތި ގެއަށް ވެއްދުން ފަދަ ކަންކަންވެސް ކުރެއެވެ. އަޅުކަންކުރަން އެހީތެރިވެދީ ވަޤުތު ހޯދައިދޭންވެސް މަސައްކަތްކުރެއެވެ.
ނަމަވެސް ރަމަޟާންމަހަށްފަހު ގިނަ ބައަކު އެކަންކަމަށް ސަމާލުކަން ކުޑަކުރެއެވެ. އެހެންވެ ބުނެލަން އޮތީ އެގޮތަށް އެކަން ނުކުރާށެވެ! އަނބިންނަށް ލުއިފަސޭހަކޮށްދިނުމާއި އަނބިން ހިނިތުން ކުރުވާފައި ބެއިތިއްބުމާއި އަދި އަނބިންނަށް އަޅުކަންކުރާނެ ވަޤުތު ހޯދައިދިނުމަކީ އަބަދުވެސް ކުރާ ކަމަކަށްހަދާށެވެ!
އެކަންކަން ކުރަންވީ އަނބިންނަށްޓަކައެއް ނޫނެވެ. ތިމާއަށްޓަކައެވެ. އެކަންކަމުން ތިމާއަށް ދެއްވަވާނެ ޘަވާބު ލިބިގަތުމަށެވެ. މިފަދަ ވާހަކަތައް ބުނުމުން އެއުޅެނީ އަނބިންނަށް ނުވަތަ އަންހެނުންނަށް ހެޔޮއެދިގެން ކަމަށް ނުވިސްނާށެވެ. މިބުނި މަގުން ކަންކަން ކުރުމުން އެކަމުގެ ޙަޤީޤީ ފައިދާކުރާނީ ފިރިހެނުންނަށެވެ. އެއްކަމަކަށް އަނބިމީހާގެ ކިބައިން ލިބެން ބޭނުންވާ ލޯތްބާއި އަޅައިލުން ލިބުން އިތުރުވާނެއެވެ. ދެވަނަ ކަމަކަށް ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން