ކުރާ ޢަމަލުތައް ފަތުގައި ލިޔުއްވަވައި މީޒާނުގައި ކިރުއްވަވަނީ ތިބާއަށް އެކަމުން ކުރާނެ ފައިދާ ބޮޑުކަމުން! އެކަމަކު އެފައިދާ ލިބޭނީ ލިބިގަތް މީހަކަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކުރާ ޢަމަލުތައް ފަތުގައި ލިޔުއްވަވައި މީޒާނުގައި ކިރުއްވަވަނީ ތިބާއަށް އެކަމުން ކުރާނެ ފައިދާ ބޮޑުކަމުން! އެކަމަކު އެފައިދާ ލިބޭނީ ލިބިގަތް މީހަކަށް!: މުފްތީ މެންކް

ތަޙްޤީޤެއް ކުރެވޭނަމަ ކުށްވެރިން ހީކުރާނީ އެއުޅެނީ ތިމާކުށްވެރިކުރުވަން ކަމަށެވެ. އެހެންވެ ބިރުން ތުރުތުރުއަޅާނެއެވެ. އެއިގެ ބަދަލުގައި ކުށެއް ނުކުރާ މީހުން ބިރެއް ނުގަންނާނެއެވެ.  

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގައި މިކަންވެސް މުޅިން ތަފާތެވެ. ކުށްތަކެއް ކުރެވިފައިވީނަމަވެސް ނަރަކައިން ސަލާމަތްވެވޭނެ މަގު އެބައޮތެވެ. ގިނަ ބައަކަށް ނުވިސްނެނީ އެކަމެވެ. ކުށެއް ކުރެވުނު ކޮންމެ މީހަކު ނަރަކައަށް ވައްދަވާނަމަ ސުވަރުގެ ވަދެވޭނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް ﷲ ތަޢާލާ އިރާދަކުރައްވަވާފައިވަނީ އެގޮތަކަށް ނޫނެވެ. ކުށް ކުރެވުނަސް ސުވަރުގެ ވަދެވޭނެ މަގު ވަނީ ދައްކަވައިދެއްވަވައިފައެވެ.  

ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމީހާގެ ޢަމަލުތައް މީޒާނުގައި ކިރުއްވަވާ ކަމެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ އެކަމުން ލިބޭ ފައިދާ އެނގޭނެއެވެ. އެކަމާއިމެދު ކަންބޮޑު ވެވެނީ ރަނގަޅަށް ވިސްނައި ނުލެވޭތީއެވެ.  

މިގޮތަށް ވިސްނާށެވެ! ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ފާފަކުރާ ކޮންމެ މީހަކު ނަރަކައަށް ވައްދަވާކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. މީޒާނުގައި މީހާގެ ޢަމަލުތައް ކިރުއްވަވަނީ އެހެންވެގެންނެވެ.  

މީޒާނުގައި ޢަމަލުތައް ކިރުއްވަވާކަން އެއީ ސުވަރުގެ ވަނުމަށް ދެއްވަވާ ފުރުޞަތެވެ. މިޘާލަކަށް ބުނާނަމަ ފާފަ ކުރެވިފައިވީނަމަވެސް ކުރެވުނު ހެޔޮ ޢަމަލުތައް ގިނަވެއްޖެނަމަ ބުރަވާނީ ހެޔޮ ކަމުގެ ކޮޅަށެވެ. އެއިރުން ކުރެވިފައިވާ ފާފަތައް ބާޠިލުވެގެންދިއައީއެވެ. ސުވަރުގެ ވަދެވުނީއެވެ. އިން ޝާ ﷲ 

އެކަމަކު ވިސްނާށެވެ! ސުވަރުގެ ވަދެވެނީ އެމީހަކު ކުރި ޢަމަލުތަކުގެ ސަބަބަކުން ނޫނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބެން މިއަންނަނީ ހެޔޮ ޢަމަލުކޮށްގެންނެވެ. ނަހީކުރެއްވެވި ކަންކަން ނުކޮށް ދުރުހެލިވެގެން ހުރުމުންނެވެ. ސުވަރުގެ ވަނުމަށް އެދޭމީހާ ވީހާ ގިނައިން ހެޔޮޢަމަލުކުރަންވީވެސް ފާފަތައް ނުކޮށް ހުންނަންވީވެސް އެ ސަބަބަށްޓަކައެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން