ހަނދުމަކޮށްދިނުމެއް!: ޙައްޖުގެ ޘަވާބު ދެއްވަވާ 7 އަޅުކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ހަނދުމަކޮށްދިނުމެއް!: ޙައްޖުގެ ޘަވާބު ދެއްވަވާ 7 އަޅުކަން-

މިއަހަރުގެ ޙައްޖު މޫސުން ކައިރިވަނީއެވެ. ގިން ބައަކަށް ޙައްޖަށް ދެވެން ނެތީ ތަނަވަސްކަން ނެތުމުންނެވެ. ތަނަވަސްކަން ނެތްނަމަވެސް ޙައްޖުގެ ޘަވާބު ދެއްވެވުން އެދިގެން ކުރެވެންހުރި އަޅުކަން ކުރެވިދާނެއެވެ. އެކަންކަން ހަނދުމަފުޅުކޮށްލައިދޭނަމެވެ. އިން ޝާ ﷲ 

ތިރީގައި އެވަނީ ޞައްޙަ ޙަދީޘްފުޅުތަކުގެ އަލީގައި ޙައްޖުގެ އަޅުކަމުގެ ޘަވާބު ދެއްވަވާނެކަން އެނގެން ހުރި 7 އަޅުކަމެވެ. ޝައިޚް މުޙައްމަދު ސިނާނުގެ މިއަގުހުރި ނަޞޭޙަތަށް ޢަމަލުކުރަން މަސައްކަތްކުރަން ފަށަމާ ހިނގާށެވެ. 

7 އަޅުކަމުގެ ތެރެއިން 5 އަޅުކަމަކީ އެއްވެސް ތަނަވަސްކަމެއް ނެތް މީހަކަށްވެސް (ތަނަވަސްކަން ނެތިވެސް ކޮންމެ މުސްލިމަކަށްވެސް) ކުރެވިދާނެ ކަންކަމެވެ. ޙައްޖުވުން ފަރުޟުވެގެންވަނީ އެކަމަށް ކުލަދާނަކަން ލިބުމުންނެވެ. ޙައްޖުވުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ މި ކަންކަން ކުރުންމަތީގައި ހުރުމަކީ އެމީހަކަށް ޙައްޖުވުމަށް މަގުފަހިކޮށްދެއްވަވާނެ ސަބަބަކަށްވުމަށް އެދިގެން އެކަންކަން ކުރަމުން ގެންދާށެވެ. އިން ޝާ ﷲ ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް ހިންމަވައިދެއްވަވާނެތެވެ. 

ﷲ ތަޢާލާއީ ހެޔޮ ޢަމަލުކުރުމުގެ އިތުރުން އެކަމަށް ނިޔަތް ގަތުމުންވެސް ޘަވާބު ދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. 

1-   ގެއިން (އެމީހަކު ހުރިތަނަކުން) ވުޟޫކޮށްގެން ފަރުޟް ނަމާދު ޖަމާޢަތުގަ އަދާކުރުމަށް ދިއުން. މިއީ ފިރިހެނުންނަށް ކަމުގައިވާއިރު އަންހެނުން ގޭގައި ފަރުޟު ނަމާދުކުރުމުން މިއަޖުރު ޙާޞިލްވާނެ. އިން ޝާ ﷲ

2-   ޢިލްމެއް އުނގެނުމަށް ނުވަތަ އުނގަންނައިދިނުމަށް މިސްކިތަށް ދިއުން

3-   ފަރުޟުނަމާދުތަކަށްފަހު ތަސްބީޙް އާއި ތަޙްމީދާއި ތަކްބީރުކިޔުން

4-   ޖަމާޢަތުގައި ފަތިސްނަމާދުކުރުމަށްފަހު، އިރު އަރަންދެން ޛިކުރުކުރުމަށް އިނުމަށްފަހު 2 ރަކްޢަތް (ޞުޙާ ނަމާދުގެ 2 ރަކްޢަތް) ނަމާދެއްކުރުން

5-   ރަމަޟާންމަހު ޢުމުރާގެ އަޅުކަން އަދާކުރުން

6-   ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހަކު ތައްޔާރުކޮށްދިނުން. (މީހަކު ޙައްޖުވުމަށް މާލީގޮތުން އެހީތެރިވެދީ އެކަމުގެ މަގުފަހިކޮށްދިނުން)

7-   ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތް ގަނެގެން ހުރުން (އެބަހީ ޙައްޖުވުމުގެ ކުޅަދާނަކަން ލިބިފައިނުވިނަމަވެސް ކުލަދާނަކަން ލިބިއްޖެނަމަ ޙައްޖުވާން އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަނެ އެކަމުގެ ވަރުގަަދ ޢަޒުމުގައި ހުރުން 

މިކަންކަމަކީ އެކަންކަން ކޮށްފިކަމުގައިވާނަމަ ޙައްޖުވުމުގެ ޘަވާބު ދެއްވަވާނެ ކަމަށް ޞައްޙަކޮށް ޙަދީޘްފުޅުގައި އައިސްފައިވާ ކަންކަމެވެ. 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މި 7 ކަންތަކުން ލިބޭނީ ފަރުޟު ޙައްޖެއްގެ ޘަވާބެއް ނޫނެވެ. ފަރުޟު ޙައްޖެއްގެ އިތުރުން ކުރާ ޙައްޖެއްގެ ޘަވާބެވެ. އެހެނީ ފަރުޟު ކަންކަމުގެ ޘަވާބު އެނޫން ކަންކަމާއި އެއްވަރުވެގެން ނުވާނެތެވެ. 

އަދި ދަންނާށެވެ. މިކަންކަމުން ލިބޭނީ ޙައްޖެއްގެ ޘަވާބެވެ. ޙައްޖުގެ އަޅުކަން އަދާކުރިކަމަކަށް ނުވާނެއެވެ. 

- މިކަންކަމަށް ހުރި ޙަދީޘްފުޅުތައްވެސް ހިމެނޭ އަލްއަޚް ޢަލީ ރަމީޒްގެ ރިޕޯޓް އަޑުއައްސަވާލައްވާ!:

 

 

މިއަދު އޮންލައިން