ނަމާދުގަ ޚުޝޫޢަތްތެރި ނުވެވުމަކީ ނަމާދު ނުކުރަން އޮތް ސަބަބެއް ނޫން! ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނަމާދުގަ ޚުޝޫޢަތްތެރި ނުވެވުމަކީ ނަމާދު ނުކުރަން އޮތް ސަބަބެއް ނޫން! ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑު!: މުފްތީ މެންކް

ނަމާދުކުރަން އޮތީ ޚުޝޫޢަތްތެރިކަމާއިއެކުގައެވެ. އެއީ އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ވީމާ ނަމާދުކުރަން ފަށަންވާނީވެސް ޚުޝޫޢަތްތެރިވުމަށް މަސައްކަތްކުރަމުންނެވެ. ކެރިކުޅަދާނަކަންހުރި މިންވަރަކުން ނަމާދަށް ސަމާލުކަންދީގެންނެވެ. ނަމާދުން ބޭރު ޚިޔާލުތަކާއި ދުރުހެލިވާން މަސައްކަތްކުރަމުންނެވެ. 

ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭތީ ކަންބޮޑުވެ މާޔޫސްވާ ބައަކު އުޅެއެވެ. އަދި އެ މާޔޫސްކަމުގެ ސަބަބުން ނަމާދުކުރުން މަތިން ފޫހިވެ ނަމާދުކުރުން ހުއްޓައިލާ ބައަކުވެސް އެބަ އުޅެއެވެ. މިއީ ވަރަށް ދެރަކަމެކެވެ. އެއީ މީހަކަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ.  

ވިސްނާށެވެ! އެއްވެސް މީހަކަށް މުޅި ނަމާދުގައި 100 އިންސައްތައަށް ޚުޝޫޢަތްތެރިއެއް ނުވެވޭނެއެވެ. ވަރަށް ބޮޑަށް މަސައްކަތްކުރެވިއްޖެނަމަވެސް ޚުޝޫޢަތްތެރިވެވޭނީ 80،90 އިންސައްތަ އަށެވެ. އަދި ކަމަކާއިމެދު މާބޮޑަށް ކަންބޮޑުވެގެން ހުރެވޭ ވަޤުތެއްނަމަ 60 އިންސައްތަކަމަށްވެސް ވެދާނެއެވެ. 

މާޔޫސްނުވާންވީ ސަބަބު މިބުނަނީއެވެ. ކޮންމެ މީހަކަށްވެސް ކަންކަން ކުރެވޭނެ ފެންވަރު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އަހަރެމެންނަށް އޮތީ ފަރުވާ ކުޑަނުކޮށް އެމީހަކަށް ކުރެވުނުހައި ރަނގަޅަކަށް ކުރަން މަސައްކަތްކުރުމެވެ. އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރަން މަސައްކަތްކުރުމަށްފަހު އޮތީ ﷲ ތަޢާލާއަށް ވަކީލްކުރުމެވެ.  

ބައެއް މީހުން ނަމާދަށް ހުއްޓުނީންސުރެ ނަމާދު ނިމެންދެން ދުނިޔަވީ ކޮންމެވެސް ކަމެއްގެ ވިސްނުމުގައި އެބަހުރެއެވެ. މިރޭކުޅޭ ޔޫރޯ ކަޕް މެޗާއިމެދު ވިސްނަން ހުރެދާނެއެވެ. ނޫނީ ނަމާދުން ފައިބައިގެންގޮސް ކުރަން އޮތް ކޮންމެވެސް ކަމަކާއިމެދު ވިސްނަން ހުރެދާނެއެވެ. 

އެއިރުން އަންގައިދެނީ އެމީހެއްގެ ހިތުގައި ނަމާދަށް ލޯތްބެއް ނެތްކަމެވެ. ސަމާލުކަން ނުދޭކަމެވެ. އެއިރުން އެމީހާ ޚުޝޫޢަތްތެރިވާން މަސައްކަތްކުރިކަމަކަށް ނުވާނެއެވެ. ކުރިން ބުނިފަދައިން ނަމާދުގައި ޚުޝޫޢަތްތެރިވާން އެމީހަކަށް ކުރެވުނު އެންމެ ބޮޑަކަށް މަސައްކަތްކުރަންވާނެއެވެ. އެއިރުން އެކަމަށް މަސައްކަތްކުރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވާނެއެވެ.  

ވީމާ ނަމާދުގައި ޚުޝޫޢަތްތެރިވާން ގަދައަޅައި މަސައްކަތްކުރާށެވެ. މަސައްކަތްކުރުމަށްފަހު ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. އިން ޝާ ﷲ އެމީހާގެ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން