ގިނަބައަކަށް ވަމުން މިދަނީ ސިކުނޑީގަ ﷲ ތަޢާލާ ލެއްވެވި ސެލްތައް ޝައިޠޯނާގެ ބާރުގެދަށަށް ފޮނުވާލީމަ ވާނެ ގޮތް! އަރައިގަތުން ފަސޭހައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ގިނަބައަކަށް ވަމުން މިދަނީ ސިކުނޑީގަ ﷲ ތަޢާލާ ލެއްވެވި ސެލްތައް ޝައިޠޯނާގެ ބާރުގެދަށަށް ފޮނުވާލީމަ ވާނެ ގޮތް! އަރައިގަތުން ފަސޭހައެއް ނުވާނެ!

މިދައްކަނީ ޝައިޠޯނާ ސެލްތަކެއް އުފައްދައިގެން އެސެލްތައް ހިފައިގެން ގޮސް ސިކުނޑީގައި ޖަހާވާހަކައެއް ނޫނެވެ. ސިކުނޑީގައި އުފެދޭ ސެލްތަކަކީ ޝައިޠޯނާގެ ސެލްތަކަކަށްވެގެންދާ ގޮތުގެ ވާހަކައެވެ. ވީމާ ރަނގަޅަށް ވިސްނާށެވެ!

އިންސާނެއްގެ ސިކުނޑިއަށް ޖެހޭނެ އެންމެ ނުރައްކައުތެރި ބައްޔަކީ ސިކުނޑީގައި ޝައިޠޯނާގެ ސެލްތައް ޖެހުމެވެ. ޝައިޠޯނާގެ ސެލްތައް ސިކުނޑީގައި ޖަހަނީ ޙަރާމް ތަކެތި ކައިބޮއި ހެދުމުންނެވެ. މީގެ ތެރޭގައި ޙަރާމް ގޮތުގައި ހޯދާ ތަކެތިވެސް ހިމެނެއެވެ. ރިބާގެ މުޢާމަލާތުކުރުންވެސް ހިމެނެއެވެ. މިހެންގޮސް ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނުވާ ކޮންމެ މަގަކުން ހޯދާ ފައިސާއިން ކައިބޮއި އަދި ބޭނުންކުރުން ހިމެނެއެވެ.

މިފަދަ ކޮންމެ ކަމަކުން ފައިސާ ހޯދައިގެން ބޭނުންކުރާނަމަވެސް ސިކުނޑީގައި ހުންނާނީ ޝައިޠާނާގެ ސެލްތަކެވެ. އެހެނީ އެ ސެލްތައް އުފެދުނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ތަކެތި ކައިގެން ކަމަށްވާތީއެވެ. ސިކުނޑީގައި ޝައިޠާނާގެ ސެލްތައް އުފެދޭ ހިސާބުން ހަރާމް ހަލާލް ވަތްކެއް ނުކުރެވޭނެއެވެ. ޙަރާމް ކަންކަން ކުރުމަކީ ފާފައެއް ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ޤަބޫލުކުރާ ކަމަށް އެމީހަކު ދުލުން ބުނި ނަމަވެސް އެމީހާގެ އަމަލުން އެކަންކަމެއް ނުފެންނާނެއެވެ.

އެހެނީ ޙަރާމް ކަންކަން އެމީހަކަށް ފެންނާނީ ވަރަށް ކުދިކުދި ކަންކަމުގެ ގޮތުގައެވެ. ނަތީޖާއަކީ ޙަރާމް ކަންކަން ކުރަނެ ބިރު ނުގަތުމެވެ. ޖެހިލުން ނުވުމެވެ. އެފަދަ މީހުންނަށް ފާފަ ކުރުމުން ދެއްވަވާނެ ގަދަފަދަ ޢަޛާބުގެ ބޮޑުކަން ވަޒަން ވެސް ނުކުރެވޭނެއެވެ. ހިތަށް އަރާނީ މިކުރެވޭ ފާފައަކީ އެހައި ބޮޑުކަމެއް ނޫނެވެ. ފަހުން ތައުބާ ވެލުމުން ހުރިހާ ކަމެއް ފޮހެވިގެންދާނެއެވެ.

މިހިސާބަށް ކަންކަން ދާއިރަށް އެމީހަކު ދޫކޮށްލާފައި ޝައިޠާނާ ދުރަށް ދާނެއެވެ. އެއީ ޝައިޠާނާ ކޮންމެހެން އެމީހަކާއި އަޅައި ނުލި ނަމަވެސް ޕްރޮގްރާމްކޮށްފައިވާ ރޮބޮޓެއް ފަދައިން އެމީހަކު ފާފަކުރުމުގައި ދެމިހުންނާނެތީއެވެ. ޒިނޭ ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ބަނގުރާ ބުއިމާއި މިނޫންވެސް ބޮޑެތި ފާފަތައް އެމީހަކަށް ފެންނާނީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައެވެ. ވީމާ އެފަދަ ފާފަތަކަށް އަރައިގަންނަން އެފަދަ މީހަކު އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާނެއެވެ.

ރިބާގެ ވާހަކައިން މިފެށީ މުހިންމު ސަބަބެއް އޮތުމުންނެވެ. ދުނިޔޭގެ ތަނަވަސްކަމަށް ދަހިވެތިކަން ބޮޑުވުމުން ރިބާއަށް ޖެހިލުންވާ މީހުން މަދުވަމުންދާތީއެވެ. ކޮންމެ ގޮތަކުން ނަމަވެސް ފައިސާ ހޯދައިގެން ތަނަވަސްކަން ބޭނުންވާ މީހުން ގިނަވަމުންދާތީއެވެ. ރިބާ ކެއުމަކީ ކިހައިވަރެއްގެ ބޮޑު ފާފައެއް ކަމާއިމެދު ވިސްނައި ބިރުވެތި ނުވާ މީހުން ގިނަވަމުންދާތީއެވެ.

ވައްކަންކޮށްގެން ނަމަވެސް ފަސާދައިން ނަމަވެސް ނަޒާހަތްތެރި ނޫން ގޮތްގޮތުން ތަކެތި ހޯދައިގެން ބޭނުންކުރާ އެންމެންނަށް ވެސް މެދުވެރިވާނީ ހަމަ މިފަދަ ގޮތްތަކެވެ. އެމީހެއްގެ ހަށިގަނޑުގެ ތެރެއަށް ހަރާމް ތަކެތި ވައްދާ ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް އެފެދޭނީ ހަމަ ޝައިޠާނާގެ ސެލްތަކެވެ. އިންސާނާގެ ހަށިގަނޑުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ ހިތާއި ސިކުނޑިއެވެ. ވީމާ ޝައިޠާނާގެ ސެލްތަކުން ހިތާއި ސިކުނޑި ފުރި އެ ސެލްތަކުގެ ބާރު ހަށިގަނޑަށް ހިނގަން ފެށުމުން އެމީހެއްގެ އަމަލުތައް ހުންނާނީ ޝައިޠާނާގެ މަގުގައެވެ.

ވީމާ ކިތަންމެ ދަތި ޙާލެއްގައި އުޅެންޖެހުނު ނަމަވެސް، ކިތަންމެ ގިނަ ބޭނުންތަކެއް ނުފުދި ހުރި ނަމަވެސް ޙަރާމް ތަކެތި ބޭނުން ނުކުރާށެވެ. އަބިދަރިންނަށްވެސް ކާން، ބޯން ނުދޭށެވެ. އެއީ ވަރަށް ބިރުހުރި ކަމެކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން