މައްސަރު ކަންތަކުގައި ގެއްލޭ ނަމާދަކީ އެއީ އަނބުރައި ކުރަން ޖެހޭނެ ނަމާދެއް ނޫން އެއްވެސް ޙާލެއްގައި އިނގޭތޯ. އެހެންވީމާ އެ ނަމާދުތަކާ މެދުގައި އެއްގޮތަކަށް ވެސް ވިސްނާ ފިކުރުކުރާކަށް ނުޖެހޭނެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެ ކަނބަލުންނަށް އެ ކަމުގައި ލުއިފަސޭހަކަން ދެއްވައިފައި.
އެހެން ނަމަވެސް ޙައިޟުގެ ދުވަސްވަރު ގެއްލޭ ރޯދަތަކަކީ އެއީ ޤަޟާކުރަންޖެހޭނެ އެއްޗެއް. އާދެ މީގެ ޙިކުމަތަކީ ވެސް ޙައިޟުގެ ދުވަސްވަރު ގެއްލޭ ނަމާދުތައް ޤަޟާކުރަންޖެހޭ ކަމަށް ވަނީނަމަ، އެއީ ވަރަށް ބޮޑު ބުރައަކަށް އެ ކަން ވެގެންދާނެ. އެކަމަކު ރޯދަތަކަކަކީ އެއީ މަދު ޢަދަދެއް. ގިނަވެގެން 15 ރޯދަ. އެހެންވީމަ އެ ރޯދަތައް އަހަރު ތެރޭގައި ބަހައިލައިގެން ހިފުމަކީ އެއީ އުނދަގޫކަމަކަށް ނުވާނެ. އެހެންވެގެން އެ ގޮތަށް އެ ކަން ކަނޑައަޅުއްވައިފައިވަނީ.
ޙައިޟުގެ ލޭ ނޫން އެހެން ލެޔެއް. ނުވަތަ ޙައިޟުގެ މުއްދަތު ހަމަވުމަށް ފަހުގައި ދެން އިތުރަށް އެ އަންނަ ލޭ. އެފަދަ ޙާލަތެއްގައި އެއަށް މި ކިޔަނީ އިސްތިޙާޟާ ނުވަތަ ބެއްޔެއްގެ ސަބަބުން އަންނަ ލެޔޭ. މިފަދަ ޙާލަތުގައި ޙައިޟު ރަނގަޅުވީ ކަމުގައި ބަލައި އޭނާ ހިނައިގަންނަން ޖެހޭނެ. ހިނައިގަނެފަ ކޮންމެ ނަމާދަކަށް ވުޟޫ އާކޮށްގެން، އަދި ލޭ ބޭރަށް ނާންނަ ގޮތަށް ރަނގަޅަށް ޕެޑް ޖަހައި ބަންދުކޮށްގެން ކޮންމެ ނަމާދަކަށް ވުޟޫ އާކޮށްގެން ނަމާދުކުރާނީ.
އެހެންވީމަ އިސްތިޙާޟާގެ ދުވަސްވަރުގައި ނަމާދު ދޫކޮށެއްނުލެވޭނެ. ނަމާދު ކުރަންޖެހޭނެ. އަދި ރޯދަ ވެސް ހިފޭނެ. އަދި ދެމަފިރިކަމުގެ ގުޅުން ވެސް ހިންގޭނެ. އެއީކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. ވަﷲ އަޢުލަމް.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް