ކޮންމެ ދުވަހަކު އިތުރު ވިޔަފާރިތައް ހުޅުވެއެވެ. ފިހާރަތައްވެސް ގިނަވެއެވެ. ވިޔަފާރިތައް ގިނަވިނަމަވެސް ގިނަ ބައަކީ މުސާރަވެރިންނެވެ. މުސާރައިގެވާހަކަ މިދައްކަނީ އެހެންވެގެންނެވެ.
ކޮންމެ މީހަކުވެސް އުޅޭނީ ލިބޭ މުސާރަކުޑަވެގެންނެވެ. އެހެން އުޅެނިކޮށް މުސާރަ ކޮންމެވެސް ވަރަކަށް ބޮޑުވަނީއެވެ. މިކިޔައިދެނީ މުސާރަ ބޮޑުވީމާ އަދިވެސް އިތުރަށް ބޮޑުކޮށްލަން ބޭނުންނަމަ ޢަމަލުކުރަންޖެހޭނެ ގޮތެވެ.
ދަތިޙާލުގައި އުޅެމުންދަނިކޮށްވެސް ނިޢްމަތެއް ދެއްވެވުމުން، ކިތަންމެ ކުޑަ ނަމަވެސް ތަނަވަސްކަމެއް ދެއްވެވުމުން އެއިން އިސްރާފްކުރާ މީހުން އުޅެއެވެ. ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހިތަށް އެރިހައި ގޮތަކަށް ހިފާ މީހުން އުޅެއެވެ.
މިސާލަކަށް ދުވާލަކު 100 ޑޮލަރު ލިބުމުން ނުފުދިގެން އުޅޭ މީހެއްގެ މުސާރަ ބޮޑުވެ ދުވާލަކު 200 ޑޮލަރު ލިބުމުން 100 ޑޮލަރުން ނުފުދިގެން އުޅުނު ހަނދާން ހުންނަނީ މަދު މީހެކެވެ. އިތުރަށް ދެއްވެވި 100 ޑޮލަރަށްވުރެ ގިނައިން އިސްރާފްކުރާ މީހުން މަދެއް ނޫނެވެ.
ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވަނީ އެއިގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށެވެ. އެކަން ނުކުރާނަމަ ދެއްވެވި ނިޢްމަތް އަނބުރާ ގެންދަވާފާނެތެވެ. ނިކަމެތިކުރައްވަވައިފާނެތެވެ. ބިރުގަންނަންވީ އެކަމަށެވެ!
ﷲ ތަޢާލާ ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވަވައިފިނަމަ އެ ނިޢްމަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާށެވެ! ފުރަތަމަކަމަކަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތުން އެކަލާނގެ މަގުގައި ކޮންމެވެސް މންވަރެއް ހޭދަކުރާށެވެ! އެއަށްފަހު ތިމާއަށް ކުރަންޖެހިފައިވާ މުހިންމު ކަންކަމަށް ޚަރަދުކުރާށެވެ! އަނބިދަރިންނަށާއ ޢާއިލާއަށް ޚަރަދުކުރާށެވެ!
އިސްރާފަކަށްވެދާނެ، ތިމާކުރަން ނުޖެހޭ ޚަރަދުތައް ކުރާނަމަ އެކަން އެމީހަކާއި ބައްދަލުކުރާނެއެވެ. ބަރަކާތް ކެނޑިގެންދާނެއެވެ. އެކަމުން ލިބެންޖެހޭ ގެއްލުންތަކާއި ކުރިމަތލާންޖެހޭނެއެވެ.
އިންސާނުންގެ ހިތަކީ ފުރޭނެއެއްޗެއް ނޫނެވެ. މިލިއަނެއް ލިބިއްޖެ ނަމަ 10 މިލިއަން، 10 މިލިއަން ލިބުމުން 100 މިލިއަން، 100 މިލިއަން ލިބުމުން ބިލިއަނަކަށް މިހެންގޮސް ޓްރިލިއަނުން ލިނުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ.
އަތަށް ގިނައިން ފައިސާ ލިބޭވަރަކަށް އިތުރަށް ޙާޞިލުކުރަން ބޭނުންވާ ކަންކަން ގިނަވާނެއެވެ. އެކަންކަން ޙާޞިލުކުރަން މަސައްކަތްކުރަމުން ދަނިކޮށް މަރުވެއްޖެނަމަ ދުނިޔެދޫކުރަންޖެހޭނީ ހުސްއަތާއެވެ. އެންމެ ނިކަމެތި ފަޤީރެއްގެ ގޮތުގައެވެ.
"އެއުރެންނީ، އެއުރެން ހޭދައެއްކޮށްފިނަމަ އިސްރާފް ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ." (އަލްފުރްޤާން: 67)
- މުފްތީ މެންކުގެ ދަރުސަކުން