ބައިވެރިޔާއަށް ރަޙުމް ނުކުރާ މީހަކަށް ﷲ ރަޙްމަތް ލައްވަވާނެކަމަށް އުންމީދުވެސް ނުކުރާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބައިވެރިޔާއަށް ރަޙުމް ނުކުރާ މީހަކަށް ﷲ ރަޙްމަތް ލައްވަވާނެކަމަށް އުންމީދުވެސް ނުކުރާތި!: މުފްތީ މެންކް

ކޮންމެ މީހަކުވެސް ކައިވެނިކުރުމުގެ ކުރިން ތިމާ ކައިވެނިކުރަން މިއުޅެނީ ތިމާގެ ކިބައިގައި ކައިވެނިކުރުމުގެ ޝަރުޠުތައް ފުރިހަމަވެތީކަން ޔަޤީންކުރަންވާނެއެވެ! ރަނގަޅަށް ވިސްނައިފިނަމަ ޢުމުރާއި ތަނަވަސްކަން ފަދަ ކަންކަމަކީ އެންމެ މުހިންމު ޝަރުޠުތަކެއް ނޫނެވެ. އެންމެ މުހިންމު ޝަރުޠުތަކަކީ މީހާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެވެ.

މިޘާލަކަށް އެހެން މީހުންނަށް އިޙްތިރާމްކުރުން، ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވިނަމަވެސް ރިވެތި ގޮތުގައ މުޢާމަލާތުކުރަން އެނގުން، ދީލަތިވުން، އަމިއްލައެދުން އެންމެ ކުރިއަށް ނުނެރުން، އެހެން މީހުން ދެކެ ލޯބިވާން އެނގުން ފަދަ އެތައް ޝަރުޠުތަކެއް ފާހަގަކުރެވިދާނެއެވެ.

މިއަދުމިވާގޮތަކީ މިފަދަ އެއްވެސް ކަމަކަށް ނުވިސްނެނީއެވެ. އެންމެ ފުތަމަކަމަކަށް ތިމާ މިހުރީ ޝަރުޠު ހަމަވެގެންކަމާއިމެދަކު ނުވިސްނައެވެ. ދެވަނަ ކަމަކަށް ކައިވެނިކުރެވޭ މީހާ ޝަރުޠު ހަމަވޭތޯވެސް ނުބަލައެވެ. އެކަކު އަނެކަކަށް ފެނުމުން އޮންކޮށްލަނީ ލޯބިވުމާއި އަވަހަށް ކައިވެނިކުރުމުގެ ސްވިޗެވެ. އަދި ކައިވެނިކުރެވުމާއިއެކު "ސޮވިޗް އޮފް" ވަނީއެވެ. މނައަކީ އެކަކު އަނެކަކަށް ފެނުމުން އުފެދުނު ލޯބި، އެކުގައި ދިރިއުޅެން ފެށުމުން ނަފްރަތަށް ބަދަލުވަނީއެވެ. އެއީ ކުރިން މިބަޔާންކުރި ފަދައިން ޝަރުޠުތައް ހަމަނުވާތީއެވެ.

މިހެން މިވަނީ ތިމާމެންގެ ކިބައި ޝަޚްޞިއްޔަތެއް، ދިންވެރިކަމެއް އަދި ތަޤްވާވެރިކަމެއް ނެތުމުންނެވެ. ނިކަން ބުނެބަލާށެވެ! ކައިވެންޏަށްފަހު ކުރިން ބެލިގޮތަށް ލޯބިން އެކަކު އަނެކަކަށް ބަލައިލެވޭހެއްޔެވެ؟ ކުރިން ހާމަކުރި ގޮތަށް ލޯބިވާކަން ހާމަކުރެވޭހެއްޔެވެ؟ ތަޢްރީފްގެ ބަހެއް ބުނެވޭ ހެއްޔެވެ؟ މަޗްވަރާކުރެވޭހެއްޔެވެ؟ ކުރިން ވާހަކަދެއްކި ގޮތަށް ލޯބިން ވާހަކަދެއްކޭ ހެއްޔެވެ؟

މިފަދަ ހުރިހާ މައްސަލަތަކެއް ކުރިމަތިވާ ސަބަބަކީ ކައިވެންޏަށް ތައްޔާރުނުވެ ކައިވެނިކުރެވޭކަމެވެ. ވީމާ ފުރަތަމަކަމަކަށް ކައިވެންޏަށް ތިމާގެ ނަފްސްތައްޔާރުކުރާށެވެ! އެއަށްފަހު ކައިވެނިކުރާށެވެ!

ރަނގަޅަށް ހަނދާންކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތް ލިބޭނީ މީސްތަކުންނަށް ރަޙުމްކުރާ މީހުންނަށެވެ. ވީމާ ތިމާގެ ބައިވެރިޔާއަށް ރަޙުމް ނުކުރާ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެކަމަށް ނުވަތަ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެކަމަށް ހީވެސް ނުކުރާށެވެ! އެކަމަށް އުންމީދުކުރުމެއްވެސް ނެތެވެ.

--މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން