ދީނީ ޢިލްމްވެރިންގެ މެދުގައި ޚިލާފް ހުންނަ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ ފާފައަކަށް ނުވާނެކަން ޔަޤީންވާނެ ގޮތަށް ޢަމަލުކުރުމެވެ. އެއިރުން ހަމަ ޔަޤީނުންވެސް ލިބޭނެ ދެރައެއް ނުއޮންނާނެއެވެ. ކުރާނީ ފައިދާއެވެ.
ތިރީގައި އެވަނީ ފިރިހެނުން ނަމާދުކުރުމުގައި ވިސްނާލުން މުހިންމު ކަމެކެވެ.
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތަނބިކައްޓަށްވުރެ ތިރީގައި ފައިކުރިބަހައްޓައިގެން ނަމާދު ކުރުމާއި ބެހޭ ގޮތުން ޝެއިޚް ޢުޘައިމީން-ރަޙިމަހުﷲ- އާއި ސުވާލުކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ.
ތަނބިކައްޓަށްވުރެ ތިރިއަށް ފައިކުރި ބެހެއްޓުމަކީ ޙަރާމް ކަމެކެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. " އިޒާރުގެ ތަނބިކައްޓަށްވުރެ ތިރީގައިވ ބަޔަކީ ނަރަކާގައިވާ ބަޔެކެވެ". އިޒާރުގެ ތެރެއަށް އެހެނިހެން ހެދުންތައްވެސް ވަންނާނެއެވެ.
އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުވެގެންވަނީ ތަނބިކަށްޓަށްވުރެ ތިރީގައިވާބައި މައްޗަށް ޖެއްސުމެވެ. ހެދުމުގެ ބަޔެއް ތަނބިކައްޓަށްވުރެ ތިރީގައިވާނަމަ އޭނާގެ ނަމާދު ޞައްޙަވާނެތޯ ނުވަތަ ނޫންތޯ މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.
ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ތަނބިކައްޓަށްވުރެ ތިރީގައި ހެދުން ހުރިނަމަވެސް ނަމާދު ޞައްޙަވާނެއެވެ. ސަބަބަކީ އޭނާ ހުރީ ޢައުރަނިވާކޮށްގެން ކަމަށްވީތީއެވެ.
އަނެއްބައި ޢިލްމުވެރިން ދެކިލައްވަނީ އޭނާގެ ނަމާދު ޞައްޙަ ނުވާނެކަމަށެވެ. ސަބަބަކީ އޭނާ ހުރީ ޙަރާމް ހެދުމެއްލައިގެން ކަމަށްވީތީއެވެ. އަދި ޢައުރަނިވާވާވަރުގެ ހެދުމަކަށް ބެލެވޭނީ ހުއްދަ ހެދުމެއްކަމަށް ވުމުންކަމަށް އެބޭކަލުން ދެކިލައްވައެވެ. ފައިކުރިތިރިކޮށްފައި ހުންނަ ހެދުމަކީ ހުއްދަ ހެދުމަކަށް ނުވުމުން، އެއިން ޢައުރަ ނިވާނުވާނެކަމަށް އެބޭކަލުން ދެކިލައްވައެވެ.
އެހެންކަމުން އެންމެ ރައްކާތެރިކަން ބޮޑުގޮތަކީ މާތް ﷲ އަށް ބިރުވެތިވެ، ފައިކުރި ތިރިކޮށްގެންހުރެ ނަމާދު ނުކުރުމެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް