ފުރަތަމަ ކަމަކީ އެންމެ ކުރީގެ ޒަމާނުގައި ޞަޙާބީންނާއި ތާބިޢީންގެ ޒަމާނުގައިވެސް ހުރިހާ އަޅުކަމެއް ހުރިހާ ބޭކަލުންނަށް ކުރެއްވެވުނީ އެއްވަރަކަށް ނޫނެވެ. އެއްފެންވަރަކަށްވެސް ނޫނެވެ. އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބަކީ ކޮންމެ ކަމެއްގައިވެސް ކުޅަދާނަކަމާ ހުޝިޔާރުކަން އެކިމީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށް ކަމަށްވާތީއެވެ.
ދެން އަޑުއަހާށެވެ! މީހަކު ދީނުގެ ކަމެއްގެ ވާހަކަ ދެއްކިނަމަވެސް އެއީ ތިމާއަށް ޔަޤީން ނުކުރެވޭ، ކުރިން މަޢުލޫމާތު ލިބިފައިނުވާ ކަމެއްގެ ވާހަކަ ނަމަ އެކަން ޤަބޫލުކުރުމުގެ ކުރިން ތިބާގެ އަތުގައި އޮތް ފޯނު ހުޅުވައިލާށެވެ. ޤުރްއާނާއި ޙަދީޘްފުޅުގައި އެކަން އޮތް ގޮތް ސްމާޓް ފޯނުތަކުންވެސް މިހާރު ބަލައިލެވޭނެއެވެ. އިން ޝާ ﷲ
މިޒަމާނުގައި ކޮންމެ ކަމަކަށް ޝައިޚުންގެ ގާތަށް ނުދިއަ ނަމަވެސް ފުދެން އެބައޮތެވެ. ޝައިޚުންގެ ގާތަށް ދާންވީ އަމިއްލައަށް އޮޅުންފިލުވަން މަސައްކަތްކުރުމަށްފަހުގައެވެ. އެކަމެއްގެ މައުލޫމާތު އަމިއްލައަށްވެސް އެނެގެން އޮތް މިންވަރަކަށް އޮޅުންފިލުވައިގެންނެވެ. ޝައިޚުން ދައްކަވާ ވާހަކަފުޅުތަކަށް ބޮޑަށް އިތުބާރުކުރެވި ޔަޤީންކުރެވޭނީވެސް އެއިރުންނެވެ. ސުވާލެއް އުފެދޭނަމަ ކުރަން އެނގޭނީވެސް އެއިރުންނެވެ.
ގިނަބައަކަށް ކުރިމަތިވާ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކުރިއަށްދާން މަސައްކަތްކުރަމުން ގޮސް ދުވަސްކޮޅެއްވުމުން ކަންކަން އެންމެ ފުރިހަމައަށް ނުވަތަ ޞަޙާބީން ކަންކަން ކުރެއްވެވި ދަރަޖައަށް ކަންކަން ނުކުރެވުމުން ޤަބޫލުމިކުރެވެނީ ތިމާ ފޭލްވެއްޖެކަމަށެވެ. އަދި އެއީ ފަހުޒަމާންކަމަށްވީތީ ކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ވަރަށް ގޯސް ވިސްނުމެކެވެ. މިފަދަ ޒަމާނެއްގައި އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކަންކަން ކުރުމުން އެމީހާކުރާ ކަންކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ކަމާއިމެދު ޝައްކުވެސް ނުކުރާށެވެ. އިން ޝާ ﷲ އެމީހަކަށް އެންމެ މަތިވެރި ދަރަޖައިގައި ނިޢްމަތްތައް ދެއްވަވާނެ ކަމާއިމެދުގައިވެސް ޝައްކުނުކުރާށެވެ.
އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް، އެންމެ ބޮޑަށް އިޚްލާޞްތެރިވެ ކަންކަން ކުރުމުން އެމީހާގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެކަމަށް ބުނާބަސް ތަކުރާރުމިކުރަނީ އެހެންވެގެންނެވެ.
މީސްތަކުންނޭވެ! ތިއަ ގެންގުޅޭ ފޯނަކީ ތިބާ ސުވަރުގެ ވައްދުވާ އެއްޗަކަށްހަދާށެވެ. ނަރަކައިން ސަލާމްތަކޮށްދޭ އެއްޗަކަށް ހަދާށެވެ. އެއީ މިއަދު ކުރެވެން އޮތް ކަމެކެވެ. ކަންބޮޑުވާންވީ ފޯނާއިމެދަކު ނޫނެވެ. ފޯނު ބޭނުންކުރެވޭ ގޮތާއިމެދުގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން