ސޯޝަލް މީޑިއާގެ ބޭނުންކުރާ ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު ގޯހަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ސޯޝަލް މީޑިއާގެ ބޭނުންކުރާ ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު ގޯހަކީ ކޮބައިކަން އެނގޭތަ؟

ފުރަތަމަވެސް ބުނެލަން އޮތީ އަހުރެން ދައްކަން މިއުޅޭ ވާހަކައަކީ ތިއަ ވިސްނާ ވާހަކައާއި މުޅިން ތަފާތު ވާހަކައަކަށްވެދާނެއެވެ. އެހެންވީމާ ފުރަތަމަ ވެސް ބުނެލަން އޮތީ ސަމާލުކަން ދީގެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ!  

ސޯޝަލް މީޑިއާއަކީ ކޮބައިކަމާއި ސޯޝަލް މީޑިއާގައި ހިނގަމުންދަނީ ކޮން ކަހަލަ ކަންތައްތަކެއްކަން އެންމެންނަށްވެސް އެނގެއެވެ. ތެދަށވުރެ ގިނައީ ދޮގުކަންވެސް އެނގޭނެއެވެ. ތެދުބުނާ ރަނގަޅު މީހުންނަށްވުރެ ގިނައީ ދޮގުހަދާ މަކަރުވެރިންކަންވެސް އެނގޭނެއެވެ.  

ސުވާލަކީ އެކަން އެނގޭއިރުވެސް އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިގަންނަނީ ކީއްވެގެން ހެއްޔެވެ؟ މަކަރުވެރިން ފަތުރައިލާ ދަލުގައި ޖެހެނީ ކީއްވެގެން ހެއްޔެވެ؟  

ދެން ބަލައިލަންވީ މަކަރުވެރިންގެ ދަލުގައި ޖެހެނީ ކޮންބައެއްތޯއެވެ. އެކަމަށް ވިސްނައިފިނަމަ ބުނަން ޖެހެނީ ނުޖެހެނީ ކާކޫ ނުވަތަ ކޮން ފެންވަރެއްގެ މީހުންކަން ބުނަން ނުއެނގޭ ކަމެވެ. މިހެން ބުނަންޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ.  

މިޘާލަކަށް ބުނާނަމަ ކިޔަވައިގެންތިބޭ ޢިލްމްވެރިން އެބަޖެހެއެވެ. ހަރުދަނާ ދިރިއުޅުމެއް އުޅެމުންދާ ހެޔޮލަފާ މީހުން އެބަޖެހެއެވެ. ތިމާގެ ބައިވެރިޔާއަކީ "ރަނގަނޑެއްފަދަ" އަގުހުރި ޖަވާހިރެއްކަމަށް ޤަބޫލުކުރާ މީހުން އެބަޖެހެއެވެ.  

ދެން ވިސްނާލަންވީ މިހެންމިވަނީ ކީއްވެގެންތޯއެވެ. ހޭލުންތެރިކަން ކުށަވުން ކަމަށް ބުނުމަކުން އަދި ނުފުދެއެވެ. އެއީ ދިރިއުޅުމުގެ ކަންކަމަށް ނުހަނު ހޭލުންތެރި މީހުންވެސް މަޅީގައި ޖެހޭތީއެވެ. ވީމާ އަހުރެން ބުނާނީ ސަބަބަކީ އަވާމެންދުރަށް ހެއްލެވުން ކަމަށެވެ. ތިމާއަށް އެއީ ކާކުކަން ނުވެސް އެނގޭ މީހުން ދައްކާ ވާހަކަތައް ޤަބޫލުކުރެވުން ކަމަށެވެ.  

މިޘާލަކަށް ނިކަމެތި ޙާލެއްގައި ޖެހިފައި ހުރި އަންހެނަކަށް އެހީތެރިވެދޭނެ ކަމަށް މީހަކު ބުނެފާނެއެވެ. އަދި އެހީތެރިވެދޭނެކަން ދައްކަން ކޮންމެވެސް ކަމެއްވެސް ކޮށްދީފާނެއެވެ. ނަމަވެސް އޭނާއަކީ ހިތްހެޔޮ އިޚްލާޞްތެރި ދީލަތި މީހެއްކަމަށް ނުވެދާނެއެވެ. އެއުޅެނީ އޭނާ ބޭނުންވާ ކޮންމެވެސް ކަމެއް ޙާޞިލުކުރަން ކަމަށްވެދާނެއެވެ.  

ވީމާ މީހަކު އެހީތެރިވެދޭނެކަމަށް ބުނެފިނަމަ ފުރަތަމަ ކަމަކަށް އެއީ ކާކުކަން ރަނގަޅަށް ދެނެގަންނާށެވެ. އޭނާގެ ދިރިއުޅުން ހުރި ގޮތް ރަނގަޅަށް ބަލާށެވެ! އަދި އޭނާއަކީ ބުނާ ބަހުގައި އިތުބާރު ހުރިކަމަށް ޔަޤީންކުރެވިދާނެ ފެންވަރުގެ މީހެއްކަން ދެނެގަންނާށެވެ!  

މިއީ އެންމެ މިޘާލެކެވެ. މިފަދަ ކިތަންމެ ގިނަ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ. ފައިދާކުރާނީ ވިސްނައި ޢަމަލުކުރާ މީހަކަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން