ﷲ ތަޢާލާއަށްފަހު އެންމެ ބޮޑަށް ލޯބިވާން އޮތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އެކަމުން ލިބެން އެންމެ ބޮޑު ފައިދާއަކީ ނުވަތަ އެންމެ ބޮޑު ނިޢުމަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެކަމަކީ ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވުމެވެ. އެކަމުން ތިމާއަށް ކުރާނެ އެންމެ ފައިދާއަކީ ކޮބައިހެއްޔެވެ؟ އެމީހަކަށް ކުރާނެ އެންމެ ބޮޑު އެއް ފައިދާއަކީ އެމީހަކަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައިވެވުމެވެ.
ޞަހާބީއަކު ރަސޫލް ﷺ އަށް ދެންނެވިއެވެ.
"ތިމަންކަލޭގެފާނުގެ ހިތްޕުޅު ރަސޫލް ﷺ ގެ އަރިއަހުގައިވާހިނދު އުފަލުން އުދުހެއެވެ. ގެއަށް ވަޑައިގެން ޢާއިލާ އާއިއެކު ވަގުތު ހޭދަކުރައްވާއިރުވެސް ރަސޫލް ﷺ ގެ މަތިން ހަނދާންވާވަރުން ކެތް ނުކުރެވިގެން އަވަހަށް އަރިއަހަށް މިވަޑައިގަންނަވަނީއެވެ.
ތިމަންކަލޭގެފާނު ރަސޫލް ﷺ ދެކެ މިހައި މިންވަރަށް ލޯބިފުޅުވާއިރުވެސް ސުވަރުގޭގައި ކަލޭގެފާނު ވެވަޑައިގަންނަވާނީ އެންމެ މަތީދަރަޖައިގައެވެ. މިއަޅާވާނީ މާދަށު ދަރަޖައިގައެވެ."
ޞަހާބީ މަސައްކަތްޕުޅު ކުރެއްވެވީ ސުވަރުގޭގައި ރަސޫލް ﷺ އަރިއަހުގައި ނުވެވިއްޖެނަމަ ލިބިވަޑައިގަންނަވާނެ ހިތާމަފުޅު ބަޔާންކުރެއްވެވުމަށެވެ. ޞަޙާބީގެ ވާހަކަފުޅާއި ގުޅިގެން ރަސޫލް ﷺ އަށް ހުއްޓިވަޑައިގަތުމެއް ލިބިވަޑައިގެންނެވިއެވެ. ބަސްފުޅެއް ޙަދީޘްފުޅު ނުކުރައްވަވައި މަޑުކޮށްލެއްވެވިއެވެ.
އެހިނދު ޖިބްރީލްގެފާނު ވަޑައިގެން ދެންނެވިއެވެ! "ކަލޭގެފާނު ވިދާޅުވާށެވެ! ސުވަރުގޭގައި އެމީހަކު ވާނީ އެމީހަކު އެންމެ ބޮޑަށް ލޯބިވާ މީހަކާއެކުގައެވެ!"
މިބަސްފުޅުގެ މަތިވެރިކަން ނިކަންދެކިބަލާށެވެ! "ސުވަރުގޭގައި އެމީހަކު ވާނީ އެމީހަކު އެންމެ ބޮޑަށް ލޯބިވާ މީހަކާއެކުގައެވެ!" މިއީ 7 އުޑުމަތިން ޖިބްރީލްގެފާނު ގެނެސް ދެއްވެވި ބަސްފުޅެކެވެ. އެފަދަ މަތިވެރި ބަސްފުޅެއްގެ އަގު ހުންނާނެވަރު ނިކަން ވަޒަންކޮށްލައިބަލާށެވެ!
މީސްތަކުންނޭވެ! ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ ﷺ އަށް ލޯބިވާށެވެ! ކިޔަމަންތެރިކަން އއަދާކުރާށެވެ! މިބަސްފުޅު ލިބިގަންނާށެވެ! އެއިރުން ތިބާ ވެސް ވާނީ ރަސޫލް ﷺ ގެ އަރިއަހުގައި ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން