އެކުގަ އުޅެވޭ މީހުންނަށް ނުބަލައި އާޚިރަތް ލިބޭނެ ކަމަށް އުންމީދުކުރުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އެކުގަ އުޅެވޭ މީހުންނަށް ނުބަލައި އާޚިރަތް ލިބޭނެ ކަމަށް އުންމީދުކުރުމެއް ނެތް!

މިއަދު މީސްތަކުންގެ ގިނަ ބައަކު ހަލާކުގެ ތެރެއަށް ވެއްޓި އާޚިރަތް ނަގާލަމުން އެދަނީ އެކުގައި އުޅެވޭ މީހުންގެ ސަބަބުންނެވެ. ވީމާ އެކަމަށް ސަމާލުކަން ނުދީ އާޚިރަތް ލިބޭނެ ކަމަށް ވިސްނައިގެންވެސް ނުވާނެއެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެކަލާނގެއަށްޓަކައި ދުރުވާންޖެހުނު ކޮންމެ މީހަކާއި ދުރުހެލިވެ އެމީހަކާއި ވަކިވެގަތުމަށެވެ. އެކަމުގެ ތިމާ އެންމެ ލޯބިވާ މީހަށްވެސް ބެލުމެއް ނެތެވެ. އަނބިދަރިންނަށް ނުވަތަ މައިންބަފައިންނަށްވެސް ބެލުމެއް ނެތެވެ. އޮތީ އަވަހަށް އެމީހަކާއި ދުރުހެލުވުމެވެ. 

ﷲ ތައާލާގެ ވަޙީބަސްފުޅު މިއޮތީއެވެ. 

"އެއުރެން ބުނެތެވެ. ތިމަންމެން ކިޔަމަންވަމުއެވެ. ފަހެ، އެއުރެން ކަލޭގެފާނުގެ އަރިހުން ނުކުމެއްޖެނަމަ، އޭގެތެރެއިން ބަޔަކު ކަލޭގެފާނު ވިދާޅުވާގޮތް ނޫންގޮތަކަށް ރާވައެވެ. އެއުރެން ރާވާގޮތް ﷲ ލިޔުއްވަތެވެ. ފަހެ، ކަލޭގެފާނު އެއުރެންނާ ދުރުހެލިވެ ވަޑައިގަންނަވާށެވެ! އަދި، ﷲ އަށް ވަކީލް ކުރައްވާށެވެ! ވަކީލަކު ކަމުގައި ﷲ ފުދެއެވެ." (އައްނިސާ: 81) 

ފުރަތަމަ މިއޮތީ އެމީހުން ކަންކަން ކުރާނެ ގޮތުގެ ވާހަކައެވެ. ""އެއުރެން ބުނެތެވެ. ތިމަންމެން ކިޔަމަންވަމުއެވެ. ފަހެ، އެއުރެން ކަލޭގެފާނުގެ އަރިހުން ނުކުމެއްޖެނަމަ، އޭގެތެރެއިން ބަޔަކު ކަލޭގެފާނު ވިދާޅުވާގޮތް ނޫންގޮތަކަށް ރާވައެވެ. އެއުރެން ރާވާގޮތް ﷲ ލިޔުއްވަތެވެ." 

މިއުޅޭ ޙީލަތްތެރިން ބުނާނީ އެމީހުން ﷲ ތަޢާލާއަށް ކިޔަމަންތެރިވާކަމަށެވެ. މަސައްކަތްމިކުރަނީ ﷲ ތަޢާލާގެ ދީން ފަތުރަން ކަމަށެވެ. މީސްތަކުންނަށް މިގޮވައިލަނީ ﷲ ތަޢާލާގެ މަގަށް ކަމަށެވެ. އެމީހުން މިއުޅެނީ އެހެން މީހުންގެ އަތުގައި ހިފައި ދަމައިގެންވެސް ނަރަކައިން ސަލާމަތްކުރުވޭތޯ އާއި ކޮއްޕައިގެން ނަމަވެސް ސުވަރުގެ ވެއްދުވޭތޯ ކަމަށެވެ.

އެކަމަކު އެނބުރިލާފައި އެމީހުން ޤުރްއާނަށް ގޮންޖަހާނެއެވެ. ﷲ ތަޢަލާގެ ޙުކުމްފުޅުތައް ދެކެ ބިރެއް ނުގަންނާނެއެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލެއްވެސް ނުކުރާނެއެވެ. ދައްކާނީ ކޮންމެވެސް ބަހަނާއެކެވެ. އެމީހުން ކަންކަން ރާވާނީ އެމީހުންނަށް ވިސްނޭ، އެމީހުންނަށް އެންމެ ފައިދާބޮޑުވާނެ ގޮތްތަކަށެވެ.

ދެން މިއޮތީ މުސްލިމުން ޢަމަލުކުރަން ﷲ ތަޢާލާ އެންގެވި ގޮތެވެ. "ފަހެ، ކަލޭގެފާނު އެއުރެންނާ ދުރުހެލިވެ ވަޑައިގަންނަވާށެވެ! އަދި، ﷲ އަށް ވަކީލް ކުރައްވާށެވެ! ވަކީލަކު ކަމުގައި ﷲ ފުދެއެވެ."

ﷲ ތަޢާލާއަށް ބިރުވެތިވާ މީހާ މިއާޔަތަށް ޢަމަލުކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ފައިތިލަތައް ޘާބިތުކުރަން ހުރަސް އަޅައި، ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލު ނުކުރާ، އިސްލާމް ދީން ނޫން އެހެން ދީންތައް ތިއަބައިމީހުންގެ ތެރެއަށް ގެންނަން މަސައްކަތްކުރާ އެންމެންނާއި ދުރުހެލިވާށެވެ! އެކަމުގައި އެއްވެސް މުސްލިމަކަށް އެއްވެސް "ޗޮއިސް"އެއް ނެތެވެ. އެހެން ގޮތަކަށް ޢަމަލުކުރަން އިޚްތިޔާރުކުރެވޭނެ އެއްވެސް ގޮތެއްވެސް ނެތެވެ.

 

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން