އަންހެނުންނަށް ދެފިރިން ހުއްދަނުވާ ސަބަބާ ވަރިކުރުމުގެ ބާރު އަނބިންނަށް ދެއްވަވާފައިނުވާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 50ސ
އަންހެނުންނަށް ދެފިރިން ހުއްދަނުވާ ސަބަބާ ވަރިކުރުމުގެ ބާރު އަނބިންނަށް ދެއްވަވާފައިނުވާ ސަބަބު-

އަންހެނުންގެ ޙައްޤުތައް ހޯދައިދޭން ވަކާލާތުކުރަމުން ގޮސް ވަރިކުރުމުގެ ބާރު އަންހެނުންނަށް ދިނުމާ އެކަކަށްވުރެ ގިނަ ފިރިން ހުއްދަކުރަން ދުނިޔޭގެ ޖަމާޢަތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަސަރު ރާއްޖެއަށްވެސް މިހާރުވަނީ ފޯރަން ފަށައިފައެވެ. އެކަމުގެ ވާހަކަތައް އެކި ސިފައިގައި ގެންދަނީ ދައްކަމުންނެވެ. އެހެންކަމުން މިކަމުގެ ސަބަބުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.  

ސުވާލު: އަންހެނުންނަށް ދެ ފިރިން ހުއްދަނުވަނީ ކީއްވެގެންތޯ އަދި މި ކަމުގެ ޙިކްމަތަކީ ކޮބައިތޯ. އަދި އަންހެނުންނަށް ވަރިކުރުމުގެ ބާރު ނެތީ ކީއްވެތޯ އަދި މި ކަމުގެވެސް ޙިކުމަތަކީ ކޮބައިތޯ؟ 

ޖަވާބު: ފުރަތަމަ ކަމަކީ އަޅުގަނޑުމެން ދުނިޔަވީ ނަޒަރަކުން ވިސްނަވާލަމާ ހިންގަވާ. މިސާލަކަށް މީހަކު ދަނޑެއްގައި ގޮވާންކުރަނީ. ގޮވާންކުރާ އިރުގައި އޭނާގެ ދަނޑުގައި ވަށައިގެން މިހުރީ ނަރުދާ ދަމާފައި. ނުވަތަ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ވަށައިގެން ދާ ޖަހާފަ އަދި ބޮޑު ގޭޓެއްލާ ތަޅުލައިފައި.  

އެހެންވެއްޖެ ކަމަށް ވަނީނަމަ އަދި އެ ތަނަށް ވަންނަނީ ހަމައެކަނި އޭނާ ކަމަށް ވަނީނަމަ އޭނައަށް އަޤީންކަން އޮންނާނެ އެ ދަނޑުގައި ގޮވާންކުރާ މީހަކީ އޭނަކަށް އަދި އެހެން މީހެއް ނޫންކަން. އޭގެ ބަދަލުގައި ވަންނަން އެ ތަނަށް ކޮންމެ މީހަކަށް ހުއްދަ އޮންނަނަމަ، މާނައަކީ އެ ތަނުގައި ފަޅާ ގަސްތައް އެއީ ކާކު އިންދި ގަސްތަކެއް ކަމެއް އޭނާއަކަށް ނުއެއް އެނގޭނެ. އިންދި މީހާ ނުވަތަ ބަފާ ކަށަވަރު ނުވެގެން އުޅެން ޖެހޭނީ. އަންހެނަކަށް އެއް ފިރިއަށްވުރެ ގިނަ ފިރިން ހުއްދަވަނީނަމަ އޭނައަށް ލިބޭ ދަރިން އެއީ ކާކުގެ ދަރިއެއްކަން ޔަޤީންކުރުން ވެސް އެއީ ވަރަށް ބޮޑު މައްސަލައަކަށް އެ ކަން ވެގެންދާނެ.  

ކޮންމެއަކަސް އޭގެ ކުރިން އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ ކަންކަން އަންގަވައިފައިވާ ގޮތުން އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ އޭގެ ހިކުމަތް އަޅުގަނޑުމެންނަށް އެނގޭ ކަންތައް. އަނެއްބައި ކަންތައްތަކަކީ އެއީ އޭގެ ހިކްމަތަކީ ކޮބައިކަން އަޅުގަނޑުމެންނަށް ނޭނގޭ ކަންތައްތައް، އެހެންވީމާ އަޅުގަނޑުމެންނަށް އެ ކަމެއް އަންގަވައިފައި އޮތީމަ އަޅުގަނޑުމެން މުއުމިނުންގެ ގޮތަކަށް ވާންޖެހޭނީ އަޑުއަހާ ކިޔަމަންގަންފީމޭ އެ ގޮތަށް ބުނުން.  

އެ ސަބަބަށްޓަކައި އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް އެއީ. އިސްލާމްދީނުގައި ހުއްދަކުރައްވާފައެއް ނުވޭ އަންހެނުންނަށް އެއްފަހަރާ ފިރިހެނުންނާ ކައިވެނިކޮށްގެން އުޅުމެއް. އެހެންވީމާ އެ ސަބަބަށްޓަކައި އަޅުގަނޑުމެއް ޖެހޭނީ އެއަށް ބޯލަނބައި ކިޔަމަންގަންނަން. 

ދެން އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމެއް އެއީ ނަސަބުގެ ރައްކާތެރިކަށް ހިފެހެއްޓުން. އެހެންވީމާ ނަސަބުގެ ރައްކާތެރިކަން ހިފެހެއްޓޭނީ ވެސް މި ދެންނެވި ފަދައިން އަންހެނަކަށް ހަމައެކަނި އެންމެ ފިރިއަކު އޭނާގެ ފިރިއެއްގެ ގޮތުގައި ހުރީމަ. އޭގެ ބަދަލުގައި އެ ގޮތަށް ތަފާތު ފިރިހެނުންނާ އޭނާ އެއްފަހަރާ އިނދެގެން އުޅޭ ކަމަށް ވަނީނަމަ އޭނައަށް ބަނޑުބޮޑުވީމަ އެ ދަރިޔަކީ އެއީ ކާކުގެ ދަރިއެއްކަން ނޭނގިގެން އުޅެންޖެހޭ ހިސާބަށް އެ ކަން ގޮސްދާނެ. އަކަހަލަ އެތައް ބައިވަރު ކަމެއް އެކަމުގައި ހިމެނޭ ކަމެއް އެ ކަމަކީ. އެހެންވީމާ އަޅުގަނޑުމެން ޖެހޭނީ އެ ކަމަށް ބޯލަނބައި ކިޔަމަންގަންނަން. 

ދެން ވަރިކުރުމުގެ ބާރު އަންހެނުންނަށް ދެއްވައިފައި ނުވަނީ ކިއްވެގެންތޯ. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން ހަމަ އަނެއްކާ ވެސް ދުނިޔަވީ ނަޒަރަކުން ބަލައިލަމާ ހިންގަވާ. ކޮންމެ ކަމެއްގައި ވެސް، މިސާލަކަށް ކޮންމެ ޖަމާއަތެއްގެ ތެރޭގައި ވެސް ހުންނާނެ އެ ޖަމާއަތެއްގެ އިސް ލީޑަރެއް. 

އެންމެ ފަސޭހައިން އަޅުގަނޑުމެން ބަލައިލަމާ ހިންގަވާ ޕޮލިސް ނުވަތަ އެމް.އެން.ޑީ.އެފް. މި ބޭބޭފުޅުން. އެ މީހުންގެ ކޮންމެ ޑިޕާޓްމެންޓެއްގައި ވެސް އެބަހުރޭ ކޮމާންޑަރެއް ނުވަތަ އެ މީހުންގެ އިސްވެރިއެއްގެ ގޮތުގައި ބޭފުޅަކު އައްޔަންކުރައްވައިފައި. އެހެންވީމާ އެ ބޭފުޅަކު އެ މީހުންނަށް އަމުރެއް ކުރީމާ އެ މީހުން ޖެހޭނީ އެ ބޭފުޅުންގެ އެ އަމުރަށް ކިޔަމަންވާން. ކޮންމެ އެއްޗެއް ބުނި ކަމުގައިވީ ނަމަވެސް ޔެސް ސަރ، މާނައަކީ އަޑުއަހައި ކިޔަމަންގަނެފީމޭ، ލައްބައެކޭ އެ ބުނަނީ. އެހެންވީމަ އާއިލާގައި ވެސް އެބަ ޖެހޭ ވެރިއަކު ހުންނަން. ކޮންމެ ކަމެއްގަވެސް ވެރިއަކު އެބަ ހުންނަންޖެހޭ. އެހެންވީމާ އާއިލާގެ ވެރިއެއްގެ ގޮތުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ ލައްވަވައިފައި މި ވަނީ ފިރިމީހާ. އެހެންވީމަ ޢާއިލާގައި އެ އޮންނަ ގުޅުން ރޫޅައިލުމުގެ ބާރު ވެސް ދެއްވައިފައި މި ވަނީ ފިރިމީހާއަށް. އެއްގޮތަކަށް ވެސް ދަށުން ހުންނަ މީހާއަކަށް ނޫން އެ ބާރު ދެއްވައިފައި އެ ވަނީކީއެއް.  

ހަމަ ދުނިޔަވީ ނަޒަރަކުން ބަލާއިރުގައި ވެސް މިސާލަކަށް އެމް.އެން.ޑީ.އެފް. ނުވަތަ ޕޮލިސް އެ ތަންތަނުގައި ވެސް އެ ކޮމާންޑަރުންގެ ދަށުން ތިބޭ މީހުން، އެ މީހުން އަމިއްލައަށް ޑިޒިޝަނެއް ނުނަގާނެ. ނަގަން ވެއްޖެ ކަމަށް ވަނީ ނަމަ، އޭގެ މާނައަކީ އެ ތަން ފަސާދަވެގެން ހިނގައިދާނެ. އެހެންވީމަ ޢާއިލާގެ ތެރޭގައި ވެސް އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަ މީހާ އޭނާގެ ބާރުތަކުގެ ތެރެއަށް ދަށުން ތިބޭ މީހުން ވަދެގަނެ، އެ މީހުން އަމިއްލައަށް ގޮތްތައް ނިންމަންވެއްޖެ ކަމަށް ވަނީނަމަ، އޭގެ މާނައަކީ ޢާއިލާގެ ގުޅުން ޢާއިލާގެ އެ އޮންނަ ކަންތައްތައް ރޫޅިގެން ހަލާކުވެގެން ހިނގައިދާނެ. އެހެންވީމަ އެ ސަބަބަށް ޓަކައި އެފަދަ ކަންތައްތައް އެހެން ވިޔަނުދިނުމަށްޓަކައި، އިސްލާމްދީނުގައި ވަރިކުރުމުގެ ބާރު ނުވަތަ ކައިވެނި ރޫޅައިލުމުގެ ބާރު ދެއްވައިފައި މި ވަނީ ހަމައެކަނި ފިރިމީހާއަށް. ވަﷲ އަޢުލަމް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން