އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މީރުވަހަށް (ހުވަނދަށް) ވަރަށް ބޮޑަށް ލޯބިފުޅުކުރެއްވެވިއެވެ. ހަމައެޢާއިއެކު މީސްތަކުންވެސް މީރުވަހަށް ލޯބިކުރެއެވެ. މީހުން ލޯބިކުރާ ކަންކަމަށް މަލާއިކަތުން ލޯބިފުޅު ކުރައްވަވައެވެ.
ވީމާ ގޭގައި އެކަނި ހުރެ ނަމާދުކުރިޔަސް ރީތި ފޭރާންލައި އަދި ހުވަނދުލައި މީރުވަސް ދުއްވާށެވެ! ސާފުތާހިރު ރީތި ފޭރާންލުމަކީވެސް އަދި ހުވަނދުގެ މީރުވަސް ދުވުމަކީވެސް މީސްތަކުން ރުހޭ ކަންކަމެވެ. ވީމާ އެކަމަށް މަލާއިކަތުންވެސް ރުހިވޮޑިގަންނަވާނެތެވެ.
ހަމަ އެޢާއިއެކު ނަމާދަށް ކޮންމެ ތަނެއްގައި ހުއްޓިހުރި ނަމަވެސް ހުއްޓި އެހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވީމާ އެވަޤުތަށްވުރެ ރީތިފޭރާންލާންވީ ވަޤުތެއް ނެތެވެ. ޒީނަތްތެރިވާންވީ ވަޤުތެއްވެސް ނެތެވެ. ގައިން މީރުވަސް ދުއްވަންވީ ވަޤުތެއްވެސް ނެތެވެ.
ހަމަ އެއާއިއެކު ގޭގައި ނަމާދުކުރާއިރުވެސް ލޮނުމިދާއި ފިޔާ ފަދަ އަނގައިން ނުބައިވަސްދުވާ ތަކެތި ކައި، އެއިގެ ވަސްދުވަނިކޮށް ނަމާދުނުކުރާށެވެ! ރަނގަޅަށް އަނގަ ސާފުކޮށް، މައުތު ވޯޝް ފަދަ އެއްޗެތި ބޭނުންކޮށް ވަސްކަނޑުވައިގެން ނަމާދުކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ ނަމާދު ވަޤުތާއި ކައިރިކޮށް އެފަދަ ބާވަތްތައް ބޭނުން ނުކުރުމެވެ. އެހެނީ އަނގައިން ނުބައިވަސްދުވާނަމަ މަލާއިކަތުން ކައިރިވެވަޑައި ނުގަންނަވާތީއެވެ.
ފިޔާ ލޮނުމިދު ފަދަ ތަކެތި ކައި އަނގައިން ނުބައިވަސް ދުވަނިކޮށް މިސްކިތަށް ނަމާދަށް ނުދިއުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ހަދީޘްފުޅުކުރައްވަވައިފައެވެ.
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލް-ޙަކީމް