ޢާއިޝަތު ރަފާޙް ޢަލީ
ރިޒްޤު އިތުރުކުރުމަށް އަދި ޙަޔާތް ބާއްޖަވެރި ގޮތުގައި ކުރިއަށް ގެންދިޔުމަށް ކުރެވިދާނެ 8 ކަމެއް ބަޔާންކޮށްލާނަމެވެ.
ފުރަތަމަ ކަމަކަށް އަޚުންނާއި އުޚްތުންނޭވެ. ﷲ ތަޢާލާ ތިބާއަށް ކުރަން އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމަށް މަސައްކަތްކޮށް އެކަލާނގެއާއި ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރާށެވެ.
ދެވަނަ ކަމަކަށް ﷲ ތަޢާލާ ޙަރާމްކުރެއްވި އަދި މަނާކުރެއްވި ހުރިހާ ކަމަކުން ދުރުހެލިވުމަށް މަސައްކަތްކުރާށެވެ.
ތިންވަނަ ކަމަކަށް ދުރާލާ ކަންކަން ރާވާލާ، ކަންކަން ޙާޞިލް ކުރުމަށް މަސައްކަތްކުރާށެވެ!
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް އެކަލޭގެފާނުގެ މަސައްކަތްޕުޅުތައް ރާވާލައްވަވާ ކަމައްވެއެވެ.
ހަތަރުވަނަ ކަމަކަށް ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލްކޮށްގެން ކުރިއަށް ދިޔުމެވެ. އެއީ ކިތަންމެ ކުޑަ ކަމެއްވިޔަސް އަދި ކިތަންމެ ބޮޑު ކަމެއްގައިވިޔަސްމެއެވެ.
ފަސްވަނަ ކަމަކަށް އަބަދުވެސް ތައުބާވެ، އިސްތިޣްފާރުކޮށް ޒިކުރުކުރުން މަތީގައި ދެމިހުރުމެވެ.
ހަވަނަ ކަމަކަށް ތިބާއަށް ވީވަރަކުން ތިބާގެ ޢާއިލާ އަދި ގާތްތިމާގެ މީހުންނާ ގާތް ގުޅުން ބޭއްވުމެވެ. ރަޙިމްގެ ގުޅުން ގާއިމްކުރުމެވެ.
ހަތްވަނަ ކަމަކަށް ﷲ ތަޢާލާއަށް އަބަދުވެސް ޝުކުރުކުރުން މަތީގައި ދޫތެތްކޮށް ބޭއްވުމާއި، ޢަމަލްތަކުން އެކަލާނގެއަށް ޝުކުރުވެރިވުމެވެ. އެގޮތުން އަބަދުވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ﷲ އަށް ޙަމްދުކުރުން މަތީގައި ދެމިހުރުމެވެ.
އަދި ޒަކާތް ދިނުމާއި، ޙަލާލް ގޮތުގައި މުދަލާއި ފައިސާ ހޭދަކުރުމާއި ޙަރާމް ކަންކަމަށް ޚަރަދުކުރުމުންނާއި އަދި އިސްރާފްކުރުމުން ދުރުހެލިވުމެވެ.
އަށްވަނަ ކަމަކަށް ޞަދަޤާތް ދިނުމާއި އެހެން މީހުންނަށް އެހީތެރިވެދިނުމެވެ.
ތިބާގެ ޚަރަދުތައް ކުރުމަށްފަހު ތިބާއަށް ލިބޭ މުދަލުގެ މިންވަރުން ހޭދަކުރާށެވެ.
މިކަންކަމުގެ ސަބަބުން ލިބާއަށް ލިބޭ ރިޒްޤު އިތުރުވެގެން ދާނެއެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން