ﷲ ތަޢާލާ ގަންދީ ބުނަމެވެ. މިވެނި މީހަކީ އެއްވެސް ކަމަކާއިމެދު ކަންބޮޑުވާން ނުޖެހި ދުނިޔޭގައި އުޅޭ މީހަކު ކަމަށް ޤަބޫލުކުރެވިއްޖެނަމަ އެމީހަކު އަމިއްލައަށް އޭނާގެ ދިރިއުޅުން އެވައްޓާލަނީ ހަލާކުގެ ތެރެއަށެވެ. އެހެނީ އެއްވެސް ކަމަކާއި ކަންބޮޑުވާން ނުޖެހޭ ހަމައެކަކުވެސް ދުނިޔެއަކު ނުހުންނާނެއެވެ.
ނިކަން ބުނެބަލާށެވެ! ކޮންމެ ކުއްޖަކު ދުނިޔެއަށް އުފަންވުމާއިއެކު ފުރަތަމަ ކަމަކަށް ކުރާކަމަކީ ރުއިން ނޫން ހެއްޔެވެ؟ އެއްވެސް ކުއްޖަކު ހެމުން ދުނިޔެއަށް އުފަންވި ހެއްޔެވެ؟ ހަމަ ޤައިމުވެސް އެފަދަ ކުއްޖެއްގެ ވާހަކަ އަހުރެންނަށް އަޑުއިވިފައެއް ނެތެވެ.
ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ދުނިޔެއަށް އުފަންވެވުމާއިއެކު ކުދިން ރޮއިގަންނަ އެއް ސަބަބަކީ ދުނިޔޭގައި އުޅެންޖެހޭނެ ޙާލާއިމެދުގައެވެ. ތިމާއަށް ކުރިމަތިވާނެ އުނދަގޫތަކެވެ. ޝައިޠޯނާގެ ދުއްތުރާތަކެވެ. މިހެންގޮސް އެތައް ބައިވަރު ކަންކަމެވެ.
ރަނގަޅަށް އަޑުއަހާށެވެ! އެންމެ ގިނަބައަކު ހިތްދަތިކަމުގެ ތެރެއަށް ވެއްޓިގަންނަނީ ކުރަން ބޭނުންވި ކަމެއް ޙާޞިލުނުކުރެވުމުންނެވެ. ލޯބިވެރިޔާ އާއި ކައިވެނި ނުކުރެވުމުންނެވެ. ކައިވެނި ރޫޅުމުންނެވެ. މިއިން ކަމެއް ކުރިމަތިވެއްޖެނަމަ މިންވަރުފުޅަށް ވަކީލްކުރާށެވެ! ރުހި ޤަބޫލުވާށެވެ! އެއީ ތިމާއަށް ރަނގަޅަށް މެދުވެރިކުރެއްވެވިކަމެއްކަން ޔަޤީންކުރާށެވެ!
އެއިރުން އެމީހަކަށް ހިތްހަމަޖެހުން ދެއްވަވާނެތެވެ. ޔަޤީންކުރަންވީ މިންވަރުފުޅުގައި ނުވާކަމެއް މެދުވެރިނުވާނެ ކަމެވެ. އަދި މިންވަރުފުޅުގައިވާ ކޮންމެ ކަމެއް މެދުވެރިވާނެ ކަމެވެ. އެ 2 ކަންތައް ޔަޤީންކޮށްގެން ހުންނަ މީހަކަށް ލުރިމަތިވާ އެއްވެސް ކަމެއްގެ ސަބަބުން ހިތްދަތިވެ އަތުންފައިން ގޯސްހެދޭ ޙާލަތަކަށް ނުދާނެއެވެ. އިން ޝާ ﷲ
މިހައި ޔަޤީންކަމާއިއެކު މިހެން މިބުނަނީ މިކަންކަން މިގޮތަށް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާދައިވާތީއެވެ. އަހަރެމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެންނެވެ. ޤުރްއާން ޤަބޫލުކޮށްގެންނެވެ. ވީއިރު ޝައްކުކުރަންވީ ކޮން ކަމަކަށް ހެއްޔެވެ؟
--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން