ފުރަތަމަ އަހުރެން ދައްކާނީ ޞަޙާބީން ޢަމަލުފުޅުކުރެއްވެވި ގޮތުގެ ވާހަކައެވެ. އެބޭކަލުން ކަންބޮޑުވެވަޑައިގަންނަވާ ގޮތަށް މީހަކު ކަމެއް ކޮށްފިނަމަ، ނުބައި ބަހެއް ބުނިނަމަވެސް ހިތުގައި ޖެހޭނެ ފަދަ ކަމެއް ކުރިނަމަވެސް އެބޭކަލުން އަވަސްވެވަޑައިގަންނަވަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން އެކަމުގެ ވާހަކަ ދެންނެވުމަށެވެ.
އެގޮތަށް ކަންތައް ކުރައްވަވަނީ އެބޭކަލުންގެ ހިތްޕުޅުގައި އެއްވެސް މީހަކުގެ މައްޗަށް ހިދުކޮޅަކަށްވެސް ޙަސަދަވެރިކަން ނުބާއްވަވަވަން ވެގެންނެވެ. ހިތްޕުޅު ޠޯހިރުކުރައްވަވައި އެކަމުން ސަލާމަތްވެވަޑައިގަތުމަށެވެ.
ދެން ބަލައިލަންވީ އަހުރެމެންގެ ތެރެއިން ގިނަބައަކަށް ޢަމަލުކުރެވޭ ގޮތަށެވެ. އެގޮތަކީ މީހަކު ކިތަންމެ ކުޑަކަމެއް ކުރިނަމަވެސް އަދި ނުބައި ބަހެއް ބުނިނަމަވެސް އެމީހަކަށް ޙަސަދަވެރިވުމެވެ. 20. 30 އަހަރުފަހުން ނަމަވެސް އެމީހެއްގެ ކިބައިން ބަދަލު ހިފެވުމުން ނޫނީ ހިތްހަމަޖެހޭ ކަމަކަށް ނުވެއެވެ. އަދި ގިނަ ބައަކު ތިބެނީ އެމީހުންނާއި މައްސަލަޖެހޭ މީހުންނާއި ވާހަކަވެސް ނުދައްކައެވެ.
ދެން ނިކަން ބުނެބަލާށެވެ! އޭނާ އެގޮތަށް ހުރެ ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް ކުރި ނަމަވެސް ﷲ ތަޢާލާ އެޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާނެ ހެއްޔެވެ؟ ޙަދީޘްފުޅުން އެނގެން އޮތީ ދެމީހުން ޞުލްޙަވެ ވާހަކަ ދެއްކުމުން ނޫނީ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށެވެ.
އަހުރެން ބުނާނީ އެމީހަކު ކުރާ ހެޔޮޢަމަލުތަކުން ދުނިޔޭގައި އެމީހަކަށް ލިބެން އޮތް ފައިދާ ނުލިބޭ އެންމެ ބޮޑު ސަބަބަކީ މިއީ ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
އަހުރެމެން ބޭނުންވެގެން މިއުޅެނީ ހަމަ ޞަޙާބީން ފަދައިން ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައިވުމަށެވެ. ނަމަވެސް ޢަމަލު މިކުރެވެނީ ދިމާއިދިކޮޅަށެވެ. ތިމާ ބޭނުންވާ ގޮތް ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން